އެމްއެންޑީއެފް ނޮދަން އޭރިއާއިން ރ.ފައިނުގައި ނިޔަމިކަމުގެ ކޯހެއް މިއަދު ފަށައިފިއެވެ.
އެމްއެންޑީއެފް އިން ހާމަކުރާގޮތުގައި މިއަދުން ފެށިގެން މިމަހު 17 އަށް ރ.ފައިނުގައި ކުރިއަށް ގެންދާ މި ކޯހުގައި 40 ފަރާތެއް ބައިވެރިވެފައިވެއެވެ. ރ.ފައިނުގައި މިއަދު މި ކޯސް ފެށުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑަރ ކާނަލް މުޙައްމަދު ޝާހިދު ވަނީ ބައިވެރިވެވަޑައިގެންފައެވެ.
"މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީން އެކުލަވާލާފައިވާ ނިޔަމި ކަމުގެ ކޯހުގެ ދެވަނަ މިންގަނޑަށް ހިންގާ މި ކޯހުގައި، 30 ގަޑިއިރުގެ ކުލާސްތަކެއް ނަގައިދިނުމަށް ވަނީ ހަމަޖެހިފައެވެ. އަދި މި ކޯހުގައި ކަނޑު އުޅަނދުފަހަރުގެ ތެރެއިން ބީ، ސީ، ޑީ އަދި އީ ކެޓަގަރީގެ އުޅަނދުފަހަރު ދުއްވުމުގައި އަމަލުކުރަން ޖެހޭ ގޮތްތައް އުނގަންނައިދެވޭނެއެވެ." އެމްއެންޑީއެފް އިން ބުނެ އެވެ.
އެމްއެންޑީއެފް އިން ބުނީ މި ކޯހުގައި އުނގަންނައި ދެވޭ ބައިތަކުގެ ތެރޭގައި، ނެވިގޭޝަން، ކޮމިޔުނިކޭޝަން، ކަނޑުމަތީގެ ސަލާމަތާއި ރައްކާތެރިކަން، ޞިއްޙީ ފުރަތަމައެހީ، ކަނޑުގެ ޤާނޫނާއި ޤަވާޢިދު އަދި ޗާޓް ވޯކްސް ހިމެނޭ ކަމަށާއި މިކޯހުގައި ކިޔަވާދެއްވަނީ ނެވިކަމުގެ ދާއިރާއިން މަތީ ތަޢުލީމު ހާސިލްކޮށްފައިވާ އެމްއެންޑީއެފް ކޯސްޓްގާޑުގެ ސިފައިން ކަމަށެވެ. އަދި ރ.ފައިނުގައި ހިންގާ ނިޔަމިކަމުގެ ކޯހަކީ އެމްއެންޑީއެފް ނޮދަން އޭރިއާ އާއި ރ.ފައިނު ކައުންސިލް ގުޅިގެން ހިންގާ ކޯހެއް ކަމަށްވެސް އެމްއެންޑީއެފުން ބުނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް