ކުއްޖަކަށް ބުލީ ކުރިކަމަށް ބުނާ މައްސަލައެއް ދަނީ ތަހުގީގު ކުރަމުން --
އުތުރުގެ ރަށެއްގައި ކުޑަ ކުއްޖަކަށް ބުލީކޮށް އަނިޔާ ކުރި ކަމަށް ބުނާ މައްސަލަ އެއް ފުލުހުން ބަލަން ފަށައިފި އެވެ.
ފުލުހުން ބުނީ މި މައްސަލަ ހުށަހެޅީ އިއްޔެ ކަމަށެވެ. މި ފަދަ މައްސަލަތައް ވަރަށް ސީރިއަށް މައްސަލަތަކެއްގެ ގޮތުގައި ތަހުގީގު ކުރާނެ ކަމަށް ފުލުހުން މައުލޫމާތުދެ އެވެ.
ސޯޝަލް މީޑިއާގައި އިއްޔެ އާންމުވި އެެއް ވީޑިއޯގައި ތިން ފިރިހެން ކުދިން ގުޅިގެން ކުޑަ ފިރިހެންކުއްޖެއްގެ މޫނުމަތީ ޖަހައި، ކޮއްޕައި އަދި ހުތުރު ބަހުން އެއްޗެހި ކިޔާ ތަން ފެނެ އެވެ. އެ ކުއްޖާ ކައިރިން އެ އެންމެންގެ ފައިގައި އަތްލާ މާފަށް އެދުމަށް ވެސް ބުނެ އެވެ.
އެހެން ވީޑިއޯތަކުގައި ވެސް ފެންނަނީ އެ ކުއްޖާގެ މޫނުމަތީގައި ޖަހާ ތަނެވެ. އޭރު ވެސް އެ ކުއްޖާ ރޯތަން ފެނެ އެވެ.
ފުލުހުން ވަނީ ސޯޝަލް މީޑިއާގައި އާންމުވެފައިވާ މި ވީޑިއޯ ދައުރު ނުކުރުމަށް އިލްތިމާސް ކޮށްފައި އެވެ. އެ އިދާރާއިން ބުނީ މި ހާދިސާއާ ގުޅޭ އެއްވެސް ވީޑިއޯއެއް ނުވަތަ އަނިޔާ ލިބުނު ކުއްޖާގެ އައިޑެންޓިޓީ އެނގޭ ފަދަ އެއްވެސް މައުލޫމާތެއް މީސްމީޑިއާގައްޔާއި އެހެނިހެން މީޑިއާތަކުގައި ޝާއިއުނުކުރުމަށާއި، އެފަދަ ތަކެތި އިތުރަށް ދައުރުނުކުރުމަށް އެދޭ ކަމަށެވެ.
ފުލުހުން ފާހަގަކުރި ގޮތުގައި، މިފަދަ މައުލޫމާތާއި ވީޑިއޯތައް އާންމުކުރުމަކީ އަނިޔާ ލިބުނު ކުއްޖާގެ ކަރާމާތަށް އުނިކަން އަތުވެދާނެ އަދި އެކަމުގެ ސަބަބުން ކުއްޖާއަށް ނަފްސާނީ ގޮތުން އިތުރު ބޮޑެތި ގެއްލުންތަކެއް ލިބިގެންދާނެ ކަމެކެވެ. އެހެންކަމުން، ކުޑަކުދިންގެ ރައްކާތެރިކަމާއި ގުޅުންހުރި މިފަދަ ނާޒުކު މައްސަލަތަކުގައި މައުލޫމާތު ހިއްސާކުރުމުގައި ހުރިހާ ފަރާތްތަކުން ވެސް ޒިންމާދާރުވެ، ހާއްސަ ސަމާލުކަމެއް ދިނުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް