މާމެންދޫއިން ވައްކަން ކުރިކަމުގެ ތުހުމަތުގައި ހައްޔަރު ކުރި މީހުން -- ފޮޓޯ: ޕޮލިސް
ގއ. މާމެންދޫ ގެސްޓު ހައުސްއަކާއި ބޭސް ފިހާރައިން ވައްކަން ކުރި ދެ މީހަކު ހައްޔަރު ކޮށްފި އެވެ.
ފުލުހުން ބުނީ އެ ދެތަނުން ވައްކަން ކޮށްގެން ފުލުހުންނަށް ރިޕޯޓު ކުރީ މިމަހުގެ 11 ވަނަ ދުވަހު ކަމަށެވެ. އެމީހުން އެ ދެތަނުން 60،000 އަށްވުރެ ގިނަ ރުފިޔާގެ ތަކެތި ނަގާފައިވާ ކަމަށް ފުލުހުން މައުލޫމާތުދެ އެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ އަޙްމަދު ސަޢުދު، ޢަންދަލީބުގެ / ގއ. މާމެންދޫ، (42އ) އާއި ޙަމްދޫން ޙަސަން، ސަންލައިޓްވިލާ / ގއ. މާމެންދޫ، (33އ) އެވެ. މީގެ ތެރެއިން ހަމްދޫންގެ ބަންދަށް ކޯޓުން 15 ދުވަސް ޖެހި އިރު ސައުދު ޝަރީއަތް ނިމެންދެން ބަންދު ކުރުން ކޯޓުން އަމުރު ކޮށްފައިވެ އެވެ.
ފުލުހުން ބުނީ މި މައްސަލައިގަ އެ މީހުން ވަގަށްނެގި ތަކެތި ހޯދުމަށް ކުރެވުނު މަސައްކަތުން، އެ މީހުންނާއި ގެސްޓު ހައުސްއާއި ބޭސްފިހާރައިން އެ މީހުން ވަގަށްނެގި ތަކެތި ވެސް ފުލުހުން ހޯދާފައިވާ ކަމަށެވެ.
ގެސްޓު ހައުސްއިން ވަގަށްނެގި ތަކެތީގެ ތެރޭގައި ހިމެނެނީ މެކްބުކް ސަރފޭސް ޕްރޯއަކާއި، ޑީޖޭއައި ޑްރޯން ކެމެރާ ސެޓްގެ އިތުރުން ގޯޕްރޯއަކާއި، ކެނޮން ކެމެރާއެކެވެ. ބޭސްފިހާރައިން ވަގަށްނެގި ތަކެތީގެ ތެރޭގައި ފައިސާއާއި އެހެނިހެން ތަކެތި ހިމެނެއެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގުކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް