އިޒްރޭލުގެ ޖަލުތަކުގައި ފަލަސްތީނުގެ 37 ނޫސްވެރިން ބަންދުކޮށްފައި އެބަތިބި

ޣައްޒާގެ ގަތުލުޢާންމު ފެށުނު ފަހުން ހައްޔަރުކުރި 37 ފަލަސްޠީނު ނޫސްވެރިން އިސްތިއުމާރީ އިޒްރޭލުގެ ޖަލުތަކުގައި ބަންދުކޮށްފައި ތިބި ކަމަށް ފަލަސްޠީނު ޕްރިޒަނާ ސޮސައިޓީން ބުނެފިއެވެ. އެ ޖަމިއްޔާއިން އިއ...

14 Sep 2026 | 06:13
ގާޒާގައި ހަރަކާތްތެރިވާ ނޫސްވެރިންތަކެއް --

ގާޒާގައި ހަރަކާތްތެރިވާ ނޫސްވެރިންތަކެއް --

ޣައްޒާގެ ގަތުލުޢާންމު ފެށުނު ފަހުން ހައްޔަރުކުރި 37 ފަލަސްޠީނު ނޫސްވެރިން އިސްތިއުމާރީ އިޒްރޭލުގެ ޖަލުތަކުގައި ބަންދުކޮށްފައި ތިބި ކަމަށް ފަލަސްޠީނު ޕްރިޒަނާ ސޮސައިޓީން ބުނެފިއެވެ.

އެ ޖަމިއްޔާއިން އިއްޔެ ހާމަކުރި ގޮތުގައި ބަންދުގައި ތިބި ނޫސްވެރިންގެ ތެރެއިން 19 ނޫސްވެރިއަކު ހިފަހައްޓާފައި ތިބީ އެއްވެސް ދައުވާއެއް ނުވަތަ ޝަރީޢަތެއް ނެތި އިދާރީ ބަންދުގައެވެ. އެ 19 ނޫސްވެރިންނަކީ ހުޅަނގު އައްސޭރިފަށާއި އިރުމަތީ ޤުދުސް ހިމެނޭހެން އިސްތިއުމާރުކޮށްފައިވާ ސަރަހައްދުތަކުގެ ނޫސްވެރިންނެވެ.

މިއީ ޖުމްލަ ބަންދުކޮށްފައި ތިބި ނޫސްވެރިންގެ 51 އިންސައްތައެވެ.

އެންމެ ފަހުން ހައްޔަރުކުރި ނޫސްވެރިންގެ ތެރޭގައި މުއާޛް ޢައްމާރުނާ އާއި ޞަބްރީ ޖިބްރީން ހިމެނެއެވެ. އެ ދެ ނޫސްވެރިން ބުރާސްފަތި ދުވަހު ހައްޔަރުކުރީ ހުޅަނގު އައްސޭރިފަށުގެ ދެކުނުގައި އޮންނަ ބެތެލްހެމްގައި ހުރި އެ މީހުންގެ ގެތަކަށް އިޒްރޭލު ސިފައިން ވަދެގެންނެވެ. ޢައްމާރުނާ އަކީ ނޫސްވެރިކަމުގެ މަސައްކަތާ ގުޅިގެން މީގެ ކުރިން ވެސް ދެ ފަހަރެއްގެ މަތިން ހައްޔަރުކޮށްފައިވާ ނޫސްވެރިއެކެވެ.

ފަލަސްޠީނު ޕްރިޒަނާ ސޮސައިޓީން ބުނީ ނޫސްވެރިންނާ ދެކޮޅަށް "ހަމަނުޖެހުމަށް ހިތްވަރު ދިނުން" ކަމަށް ސިފަކޮށް ދައުވާ އުފުލުމާއި "ސިއްރު ފައިލް" ތަކުގެ ނަމުގައި އިދާރީ ބަންދު ދެމެހެއްޓުން އިސްރާއީލުން އިތުރުކޮށްފައިވާ ކަމަށެވެ. ބަންދުކޮށްފައި ތިބި ނޫސްވެރިންނަށް އެހެން ފަލަސްޠީނު ގައިދީންނެކޭ އެއްފަދައިން ބަނޑުހައިހޫނުކަމާއި ބޭސްފަރުވާ ނުލިބުމާއި އަނިޔާކުރުމާއި ވަކިން ބަންދުކުރުމާއި އަސާސީ ޙައްޤުތައް ނިގުޅައިގަތުމުގެ ޙާލަތު ކުރިމަތިވެފައިވާ ކަމަށް ވެސް އެ ޖަމިއްޔާއިން ބުނެފައިވެއެވެ.

އަންހެން ގައިދީންނާ މެދު ވެސް ހަރުކަށި ފިޔަވަޅުތައް އެޅުމާއި ކާނާ ނުދިނުމާއި ޞިއްޙީ ފަރުވާ ނުދިނުމާއި ސާފުތާހިރުކަމުގެ ދަށް ޙާލަތުގެ މައްސަލަ އެ ޖަމިއްޔާއިން ފާހަގަކޮށްފައިވެއެވެ.

ނޫސްވެރިން ހައްޔަރުކުރުމުގެ އިތުރުން މެރުމާއި ގެއްލުވައިލުމާއި މަސައްކަތުގައި ތިއްބައި ސީދާ ހަމަލާ ދިނުން ވެސް ކުރިއަށް ގެންދާ ކަމަށް އެ ޖަމިއްޔާއިން ބުނެފައިވެއެވެ. މި ޢަމަލުތައް ސިފަކޮށްފައި ވަނީ އިޒްރޭލުގެ ޖަރީމާތައް ރިޕޯޓުކޮށް ލިޔެކިޔައި ހެދުން ހުއްޓުވުމަށް އަމާޒުކޮށް ގެންގުޅޭ ނިޒާމީ ސިޔާސަތެއްގެ ގޮތުގައެވެ.

2023 ވަނަ އަހަރުގެ އޮކްޓޫބަރުގައި ޣައްޒާގެ ގަތުލުޢާންމު ފެށުނު ފަހުން އިސްތިއުމާރުކޮށްފައިވާ ހުޅަނގު އައްސޭރިފަށުގައި ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް އިޒްރޭލު ސިފައިންގެ ރެއިޑުތައް ހިންގައި ހަމަލާތައް ވަރުގަދަކޮށްފައިވެއެވެ. ގެދޮރާއި އުޅަނދުތަކާއި މިސްކިތްތަކަށް ހަމަލާ ދިނުމާއި ދަނޑުބިންތައް ހަލާކުކުރުމާއި ފަލަސްޠީނު ރައްޔިތުން ގެދޮރުން ބޭލުމާއި ޣައިރު ޤާނޫނީ އާބާދީތައް ފުޅާކުރުން ހިމެނެއެވެ.

ފަލަސްޠީނު ޕްރިޒަނާ ސޮސައިޓީން ބުރާސްފަތި ދުވަހު ބުނެފައިވާ ގޮތުގައި ފާއިތުވި ހަފުތާގައި އެކަނި ވެސް ހުޅަނގު އައްސޭރިފަށުން 100 އަށް ވުރެ ގިނަ ފަލަސްޠީނު ރައްޔިތުން ހައްޔަރުކޮށް 2023 ވަނަ އަހަރުގެ އޮކްޓޫބަރުން ފެށިގެން ހުޅަނގު އައްސޭރިފަށުން ހައްޔަރުކުރި މީހުންގެ ޖުމްލަ 25,000 އަށް ވުރެ މައްޗަށް އަރާފައިވެއެވެ.

މީގެ އިތުރުން ޣައްޒާއިން ވެސް އެތައް ހާސް ބަޔަކު ބަންދުކޮށްފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް