ޒުވާން ޚަޠީބުން ނަމޫނާ ދައްކައި، ދުލުން ދޭ ނަސޭހަތާއި އަމަލު އެއްގޮތް ކުރަން ޖެހޭނެ: ރައީސް

ދުލުންދޭ ނަސޭހަތާ ޢަމަލީ ސުލޫކު އެއްގޮތް ކުރެއްވުމަށް ޒުވާން ޚަޠީބުންނަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ރޭ އިލްތިމާސް ކުރައްވައިފިއެވެ. އެމަނިކުފާނު މިކަމަށް ގޮވާލެއްވީ ރާއްޖެ އިސްލާމްވިތާ 900 އަހަރު...

13 Sep 2026 | 19:12
ޒުވާން ހަތީބުންގެ މަހާސިންތާ ނިންމުމުގެ ރަސްމިއްޔާތުގައި ރައީސް ވާހަކަފުޅުދައްކަވަނީ -- ފޮޓޯ: ރައީސް އޮފީސް

ޒުވާން ހަތީބުންގެ މަހާސިންތާ ނިންމުމުގެ ރަސްމިއްޔާތުގައި ރައީސް ވާހަކަފުޅުދައްކަވަނީ -- ފޮޓޯ: ރައީސް އޮފީސް

ދުލުންދޭ ނަސޭހަތާ ޢަމަލީ ސުލޫކު އެއްގޮތް ކުރެއްވުމަށް ޒުވާން ޚަޠީބުންނަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ރޭ އިލްތިމާސް ކުރައްވައިފިއެވެ.

އެމަނިކުފާނު މިކަމަށް ގޮވާލެއްވީ ރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުނު ދުވަހާއި ގުޅުވައިގެން ބޭއްވި ޒުވާން ހަތީބުންގެ މަހާސިންތާ ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ،

އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ މާލަމުގައި ބޭއްވި މި ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ ދީނީ ދަޢުވަތުގެ މަސްއޫލިއްޔަތު އުފުއްލެވުމަށް 700 އަށްވުރެ ގިނަ ތަޢުލީމީ ޒުވާނުން ކުރިމަތިލައި އެ ޢަދަދުގެ ތެރެއިން 300 އަށްވުރެ ގިނަ ޒުވާނުން މި މަހާސިންތާގައި ބައިވެރިވެފައިވާ ކަމަށެވެ.

އެމަނިކުފާނު ސިފަކުރެއްވީ މިއީ ދިވެހި އިސްލާމީ ރޫޙަށް ލިބުނު އާ ބާރެއް ކަމުގައެވެ. އަދި ރާއްޖޭގެ އިސްލާމީ ވެށްޓަށް އަލިކަން ގެނެސްދޭނެ މުރައްބީންތަކެއް ބިނާވަމުންދާ ކަމުގެ ހެޔޮ ފާލެއް ކަމުގައިވެސް އެމަނިކުފާނު ސިފަކުރެއްވިއެވެ.

އިސްލާމީ ތާރީޚާއި ދިވެހި ތާރީޚުގައި ދީން މަތިވެރިކުރުމުގެ އެންމެ ބޮޑު ހަކަތައެއް ފާޅުކުރީ ޒުވާނުން ކަން ފާހަގަކުރައްވައި ރައީސް ވަނީ ދީނީ ޢިލްމު ހޯއްދެވުމަށްޓަކައި ދިވެހި ޢިލްމުވެރީން ޅަ ޢުމުރުގައި ޤައުމާއި ގާތްތިމާގެ މީހުން ދޫކުރައްވައި ކުރެއްވި ބުރަ ދަތުރުތަކުގެ ހަނދާން އާ ކުރައްވައިފައެވެ.

ހަމައެއާއެކު ޢިލްމަކީ ޙިކްމަތްތެރިކަމާ ގުޅިފައިވާ ކަމެއް ކަމަށާއި ދީނުގެ އަސާސަކީ މަޞްލަޙަތު ކަމުގައި ވިދާޅުވެ ދުލާއި ގަލަން ހިންގުމުގައި ޙިކްމަތްތެރިކަން އިސްކުރެއްވުމަށް ޒުވާން ޚަޠީބުންނަށް ރައީސް އިރުޝާދު ދެއްވިއެވެ.

ޖަލްސާ ނިންމަވައިލައްވަމުން ރައީސް ވަނީ މިއަދުގެ ޒުވާން ޚަޠީބުން މާދަމާ ރާއްޖޭގެ ޢިލްމުވެރީންނާއި ވިސްނުންތެރީންނާއި ކުޅަދާނަ ބަސްމޮށުންތެރީންނަށް ވެގެންދާނެ ކަމުގެ އުންމީދު ފާޅުކުރައްވައިފައެވެ.

މި މަހާސިންތާ އިންތިޒާމުކުރީ އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވުޒާރާއިން ކަމަށްވާއިރު ޒުވާން ޚަޠީބުން ތަމްރީނު ކުރުމުގެ ފަސް ބުރެއް ސަރުކާރުން މިހާތަނަށް ހިންގައި 700 އަށްވުރެ ގިނަ ޒުވާނުން ވަނީ ބިނާކޮށްފައެވެ. މި ޕްރޮގްރާމުގެ ސަބަބުން އަތޮޅުތެރޭގެ ރަށްރަށުގައި ހުކުރު ޚުޠުބާ ކިޔާނެ އިމާމުން ލިބުމުގައި ހުރި ދަތިތަކަށް ޙައްލު ލިބިފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް