އިސްލާމް ދީނާއި ދިވެހި ގައުމުގެ ދިިފާއުގައި ނުކުންނަ ކޮންމެ މީހަކު އިސްލާމީ ހަރުކަށި ފިކުރުގެ ޖަމާއަތް އައިސިސްގެ މީހުންގެ ގޮތުގައި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ސިފަކުރައްވަމުންދާ ކަމަށް ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ.
ޝިޔާމް މިހެން ވިދާޅުވެފައި މިވަނީ ސަރުކާރާއި އިންޑިއާ އާއި ވަކި ހާއްސަ ގުޅުމެއް ބާއްވަމުން އަންނަ ކަމަށް ބުނެ އެކަމާއި ނުރުހުން ފާޅު ކުރުމަށް "އިންޑިއާ އައުޓް" ގެ ނަމުގައި ކުރިޔަށް ގެންދާ ހަރަކާތަކީ ހަރުކަށި ފިކުރުގެ ބަޔަކު އަޑީގައި ތިބެގެން ހިންގާ ހަރަކާތެއް ކަމަށް ނަޝީދު ވިދާޅުވެފައި ވަނިކޮށެވެ. ނަޝީދު ވިދާޅުވީ އެ ހަރަކާތުގެ ފައިދާ އިދިކޮޅު ކޯލިޝަނުން ނަގަމުންދާ ކަމަށާއި އެއީ ރާއްޖޭގެ މިނިވަންކަން އެންމެ ފަސޭހައިން ގެއްލޭނެ ކަން ކަމަސް ވިދާޅުވި އެވެ.
ނަޝީދުގެ މި ވާހަކަފުޅުތަކަށް ރައްދު ދެއްވި ޝިޔާމް ކުރެއްވި ޓުވީޓެއްގައި ވަނީ އިސްލާމް ދީނާއި ގައުމުގެ ހައްގުގައި ވާހަކަ ދައްކާ ކޮންމެ މީހަކު އައިސިސް އާއި ގުޅުވަނީ ކީއްވެތޯ ސުވާލު ކުރައްވާފައި އެވެ.
ޝިޔާމް ވަނީ ނަޝީދު އުޅުއްވަނީ ކޮން ކަމެއް ހާސިލް ކުރައްވަންތޯ ސުވާލު ކުރައްވާފައި އެވެ. އަދި އެ މަސައްކަތް ކުރައްވަނީ ކޮންބައެއްގެ ތާއީދު ނުލިބިގެންތޯ ސުވާލު ކުރައްވާފައިވެ އެވެ.
ޝިޔާމް ވިދާޅުވީ އައިސް އާއި އިދިކޮޅާއި ގުޅިވައިގެން ވާހަކަފުޅުދެއްކެވުމަށް ވުރެ އެމަނިކުފާނުގެ އަމިއްލަފުޅު ޕާޓީގެ ވެރިކަމުގައި ރައްޔިތުންނަށް ކަމެއް ކޮށްދެއްވުން ބުއްދިވެރި ކަމަށެވެ.
https://twitter.com/Shiyamaldives/status/1305377131677974528
ނަޝީދު މިހެން ވިދާޅުވީ ހުކުރު ދުވަހު މާލޭގައި ސަރުކާރާއި ދެކޮޅަށް ގިނަ ބަޔަކު ބައިވެރިވެގެން ސައިކަލު ބުރެއް ބާއްވާފައިވަނިކޮށެވެ. އަދި އެ ހަކަރާތަށް އިދިކޮޅު ފަރާތްތަކުން ތައީދުކޮށް އެ ހަރަކާތުގައި ބައިވެރިވެފައިވެ އެވެ.
އަދި ރާއްޖޭގައި ތިބި އިންޑިއާ ސިފައިންނާއި ސަރުކާރާއި އިންޑިއާ އާއި ދެމެދު އޮންނަ ހާއްސަ ގުޅުމާއި ދެކޮޅަށް ސޯޝަލް މީޑިއާގައި ދަނީ ކެމްޕެއިނެއް ކުރިޔަށް ގެންދަމުންނެވެ. މި ހަރަކާތުގައިވެސް އިސްކޮށް ސޯޝަލް މީޑިއާގައި ހިޔާލުފާޅުކޮށް ހަދަނީ އިދިކޮޅު ކޯލިޝަންގެ އެކްޓިވިސްޓުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް