ސަރުކާރު ތެރޭ ކޮންމެވެސް ވަރަކަށް ލަސްކަމެއް އުޅޭހެން ހީވޭ: ރައީސް ނަޝީދު

ސަރުކާރު ހިންގުމުގައި ކޮންމެވެސް ވަރެއްގެ ލަސްކަމެއް އުޅޭހެން ހީވާކަމަށް ކުރީގެ ރައީސް އަދި މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. ރައީސް ނަޝީދު މިފަދައިން ވިދާޅުވީ ރޭ މައްޗަންގޮޅި މެދު...

14 Sep 2019 | 06:40

ސަރުކާރު ހިންގުމުގައި ކޮންމެވެސް ވަރެއްގެ ލަސްކަމެއް އުޅޭހެން ހީވާކަމަށް ކުރީގެ ރައީސް އަދި މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިފަދައިން ވިދާޅުވީ ރޭ މައްޗަންގޮޅި މެދު ދާއިރާގެ ރައްޔިތުންނާ އެކު ބޭއްވި ބައްދަލުވުމުގައި މީހަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

މަޖިލީހުގެ ސްޕީޑާއި އެއްވަރަށް ސަރުކާރުގެ ސްޕީޑް ހިނގައިގަންނަން އަދި ކިހާ ދުވަހެއް ނަގާނެތޯ މީހަކު ސުވާލުކުރުމުން އެމަނިކުފާނު ވިދާޅުވީ، ސަރުކާރުގެ ތެރޭގައި ކޮންމެވެސް ވަރަކަށް "ޓައިމްލެގެއް" އުޅޭ ކަމުގައި ހީވާކަމަށެވެ. އެހެންނަމަވެސް، ކުރިއަށް ހުރީ ރަގަޅު މަސައްކަތްތަކެއް ކަމަށާއި، ކޮންމެ ސަރުކާރަކަށްވެސް ކަންތައްތައް ކުރަން ދުވަސްކޮޅެއް ނަގާނެކަމަށެވެ.

މިސަރުކާރުގެ ކުރިއަށްހުރި ޕްލޭންތައް ވަރުގަދަވާނެ ކަމަށް ފާހަގަކުރައްވައި އެމަނިކުފާނު ވިދާޅުވީ، މަޖިލީހާ އެއްވަރަށް ސަރުކާރު ކުރިއަށް ގެންދެވޭނީ ހުރިހާ ވުޒާރާއެއް އެކުގައި ސަރުކާރު ބާރަށް ކުރިއަށް ގެންދަން މަސައްކަތްކޮށްގެން ކަމަށެވެ.

" ދެން ބައެއް ފަހަރަށް އެއްތަނުން އަނެއް ތަނަށް ސިޓީ ފޮނުވުމުގައި ދިމާވާ ލަސްވުމާއި ފަރުވާކުޑަ ކަމުން ދިމާވާ ލަސްވުމާއި ކަންކަމާއި އަޅަނުލެވޭތީއާ ކަންކަން ނުބަލަހައްޓާތީއާ މިހެން ގޮސް މިހުރިހާ ކަމެއް އެބަހުރި އުއްމީދު ކޮށްގެން މިހުންނަނީ ކުރިޔަށް މި އަންނަ މަސްތަކުގައި ތަންކޮޅެއް ބާރުވާނެ ކަމަށް" ރައީސް ނަޝީދު ވިދާޅުވިއެވެ.

ކުރިއަށް އޮތް މަސްތަކުގައި ދުވަލި ތަންކޮޅެއް ބާރުވާނެ ކަމަށް އުންމީދުކުރައްވާ ކަމަށްވެސް އެމަނިފާނު ވިދާޅުވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް