މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ ކުޑަކުދިންނަށް ހާއްސަ ރިހެބިލިޓޭޝަން ސެންޓަރެއް ގާއިމުކުރަނީ

މަސްތުވާތަކެތީގެ ވަބާގައިޖެހިފައިވާ ކުޑަކުދިންނަށް ހާއްސަ ފަރުވާދޭ މަޒުކަޒެއް ގާއިމުކުރަން ނިންމާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ...

14 Sep 2019 | 06:15

މަސްތުވާތަކެތީގެ ވަބާގައިޖެހިފައިވާ ކުޑަކުދިންނަށް ހާއްސަ ފަރުވާދޭ މަޒުކަޒެއް ގާއިމުކުރަން ނިންމާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ ނެޝަނަލް ޑްރަގް އެޖެންސީން އިންތިޒާމުކުރާ އޯޕަން ޑޭ 2019 ހުޅުއްވައި ދެއްވުމަށް މިއަދު ހެނދުނު ސޯޝަލް ސެންޓަރުގައި ބޭއްވެވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ، މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ އާބާދީގެ ތެރޭގައި ހިމެނޭ ކުޑަކުދިންގެ އާބާދީ އަކީ ބޮޑެތި މީހުންނާ އެކަހެރިކޮށްގެން ހާއްސަ ތަރުބިއްޔަތު ތަކަކާއި ހާއްސަ ފަރުވާތަކެއް ދޭން ޖެހޭ ބައެއްކަމަށާއި، މިފަދަ ކުޑަކުދިންނަށް ފަރުވާދޭ މަރުކަޒެއް، ގާއިމުކުރުމަށް ސަރުކާރުން މިހާރު ނިންމާފައިވާ ކަމަށެވެ.

މިމަރުކަޒު ގާއިމު ކުރުމުގެ ޢަމަލީ މަސައްކަތް މިއަހަރުގެ ތެރޭގައި ފެށޭނެކަމަށާއި، މިއާއެކު މަސްތުވާ ތަކެތީގެ ވަބާގައި ޖެހިފައިވާ ކުދިން އެވަބާއިން ސަލާމަތްކުރުމަށްޓަކައި އެކުދިންނާ، ކުދިންގެ އާއިލާތަކަށް ދޭންޖެހޭ ރީހެބިލިޓޭޝަން ފަރުވާ ދިނުމަށްޓަކާ ބޭނުންވާ ފަންނީ މުވައްޒަފުން ތަމްރީން ކުރުމުގެ މަސައްކަތް ވެސް ފެށިގެންދާނެ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ، މަސްތުވާތަކެތި ބޭނުން ކުރުމާއި އަތުގައި ބަހައްޓައިގެން މަގުމަތީގައި ވިއްކުން ފަދަ މައްސަލަ ތަކުގެ ތުހުމަތުގައި ހައްޔަރު ކުރެވޭ މީހުން ބަންދުގެ މުއްދަތުގައި، ނުވަތަ ތަހުޤީޤީ މަރުހަލާގައި އެފަރާތްތަކަށް ލިބެންޖެހޭ އަސާސީ ފަރުވާއަށް ހާއްސަ ކުރެވޭ ޑްރަގް އޮފެންޑަރ ރިމާންޑް ސެންޓަރު މާލެ އަތޮޅު ގުޅިފަޅުގައި ގާއިމު ކުރުމަށް ސަރުކާރުން  ނިންމާފައިވާކަމަށެވެ. މިހާތަނަށް ގާއިމު ނުކޮށް އޮތް ނަމަވެސް، މި މަރުކަޒު ގާއިމު ކުރުމަކީ މަސްތުވާ ތަކެއްޗާބެހޭ ޤާނޫނުން ލާޒިމުކޮށްފައިވާ ކަމެއް ކަމަށްވެސް އެމަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް