މަސްތުވާތަކެތީގެ ވަބާއިން މި ގައުމު ސަލާމަތްކުރުމަށް މަސައްކަތް ކުރުމަކީ ކޮންމެ މީހެއްގެވެސް ޒިންމާއެއް: ރައީސް ސޯލިހު

މަސްތުވާތަކެތީގެ ވަބާއިން މި ގައުމާއި މި ޖީލާއި އަދި އަންނަން އޮތް ޖީލު ސަލާމަތް ކުރުމަށް ހަރުދަނާ ފިޔަވަޅުތަކެއް އެޅުމަކީ މި ގައުމުގެ ކޮންމެ މީހެއްގެ ކޮނޑުގައި އެޅިފައިވާ ވަރަށް މުހިންމު ޒިންމާއެއް ކ...

14 Sep 2019 | 05:55

މަސްތުވާތަކެތީގެ ވަބާއިން މި ގައުމާއި މި ޖީލާއި އަދި އަންނަން އޮތް ޖީލު ސަލާމަތް ކުރުމަށް ހަރުދަނާ ފިޔަވަޅުތަކެއް އެޅުމަކީ މި ގައުމުގެ ކޮންމެ މީހެއްގެ ކޮނޑުގައި އެޅިފައިވާ ވަރަށް މުހިންމު ޒިންމާއެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ސޯޝަލް ސެންޓަރުގައި މިއަދު ބޭއްވި ނެޝަނަލް ޑްރަގް އެޖެންސީން އިންތިޒާމުކުރާ އޯޕަން ޑޭ ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ،  މަސްތުވާތަކެތީގެ ނުރައްކާތެރި ވަބާއިން ދިވެހި މުޖުތަމަޢު ސަލާމަތްކޮށް، މަސްތުވާ ތަކެތީގެ ޝިކާރައަށް ވަމުންދާ ޒުވާން ޖީލު މިކަމުން ސަލާމަތްކުރުމަށް މަސައްކަތް ކުރުމަކީ މި ސަރުކާރުން ވަރަށް އިސްކަންދޭ ސިޔާސްތެއް ކަމުގައެވެ.

މި ސިޔާސަތު ބައްޓަން ކޮށްފައިވާނީ މަސްތުވާތަކެތި އެތެރެވާ ދޮރުތައް ބަންދުކޮށް، މަސްތުވާތަކެތީގެ ވިޔަފާރި ހުއްޓުވައި، މަސްތުވާތަކެތީގެ ޝިކާރައަށްވެފައިވާ ފަރާތްތަކަށް ފަރުވާ އާއި ތަމްރީންތައް ދީގެން އެމީހުން އަލުން އަނބުރާ މުޖުތަމައަށް ނެރުމަށް ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ، މަސްތުވާ ތަކެތިން ގައުމު ސަލާމަތް ކުރުމަށް ކުރަންޖެހޭ އެންމެ މުހިންމު މަސައްކަތަކީ މަސްތުވާ ތަކެތި އެތެރެވުން ހުއްޓުވުން ކަމަށާއި، މިކަން ކުރެވޭނީ ރާއްޖެއަށް މަސްތުވާތަކެތި އެތެރެވުން ހުއްޓުވުމުގައި މުހިންމު ދައުރެއް އަދާކުރާ މުއައްސަސާތަކުން މިހާރަށް ވުރެ ތެދުވެރިކަމާއި ހަރުދަނާކަމާއެކުގައި ހަގީގީ މަސައްކަތްތަކެއް ކޮށްގެން ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް