އިދިކޮޅު ކޯލިޝަންގެ ސަރުކާރުވެގެންދާނީ ބަލިކަށި ސަރުކާރަކަށް – ޑރ.ޝަހީމް

އިދިކޮޅު ކޯލިޝަންގެ ސަރުކާރެއް އުފެދިއްޖެނަމަ އެސަރުކާރު ވެގެންދާނީ ދިވެހިރާއްޖޭގެ ތާރީޚު ނުދެކޭފަދަ ބަލިކަށި ސަރުކާރަކަށް ކަމަށް ޕީޕީއެމްގެ ރަނިންމޭޓް ޑރ.މުހައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވެއްޖެއެވ...

14 Aug 2018 | 18:43

އިދިކޮޅު ކޯލިޝަންގެ ސަރުކާރެއް އުފެދިއްޖެނަމަ އެސަރުކާރު ވެގެންދާނީ ދިވެހިރާއްޖޭގެ ތާރީޚު ނުދެކޭފަދަ ބަލިކަށި ސަރުކާރަކަށް ކަމަށް ޕީޕީއެމްގެ ރަނިންމޭޓް ޑރ.މުހައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވެއްޖެއެވެ. ޑރ. ޝަހީމް މިހެން ވިދާޅުވީ ފުވައްމުލަކަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި ފުވައްމުލަކު ސިޓީގެ ފުނާޑު އަވަށު ރައްޔިތުންނާއި ބައްދަލުކުރައްވާ މިރޭ ވާހަކަފުޅު ދައްކަވަމުންނެވެ.

ޑރ.ޝަހީމް ވިދާޅުވީ " ތަފާތު މިޒާޖުތައް އެކުލެވޭ ބައެއްގެ" އަތްމައްޗަށް ދަޢުލަތުގެ ވެރިކަން ދޭން ނުވާނެކަމުގައެވެ. ސަބަބަކީ ސަރުކާރު އިދިކޮޅު ކޯލިޝަނަށް ލިބިއްޖެނަމަ އެމީހުންގެ ތެރޭގައި ތަޅާފޮޅުން އުފެދިގެންދާނެތީ ކަމުގައި ކަމަށް ޑރ.ޝަހީމް ވިދާޅުވިއެވެ. " އެމީހުންގެ ތެރޭގައި ތަޅާފޮޅުން އޮންނާނީ ކޮންވުޒާރާއެއް ކާކުތޯ ނަގާނީ، ކޮންވުޒާރާއަށް ކާކުތޯ ލާނީ. އަދި އެއް ވުޒާރާއަށް ވަކި ޕާޓީއެއްގެ މީހެއް ލައިފިއްޔާ އޭނާގެ ނައިބަކަށް ހުންނާނީ އަނެއް ޕާޓީގެ މީހާ. އެހެންވީމާ މިނިސްޓާރ ހުންނާނީ ޑެޕިޔުޓީ މިނިސްޓަރަށް ޖާސޫސުކުރަން،ޑެޕިޔުޓީ މިނިސްޓަރުން ތިބޭނީ މިނިސްޓަރުންނަށް ޖާސޫސް ކުރަން. އެހެންވީމާ އެއް ބަޔަކު އަނެއް ބަޔަކަށް ތަޅާފޮޅުމުގެ ތެރެއަށް ދިވެހި ޤައުމު ދާނީ. ދިވެހި ޤައުމުގެ ކުރިއެރުމާއި މަޝްރޫޢުތައް ހުއްޓި ދިވެހިޤައުމަށް ވަރަށް ބޮޑެތި ގެއްލުންތައް ލިބިގެންދާނީ. " ޑރ.ޝަހީމް ވިދާޅުވި އެވެ.

އެހެންކަމުން ޤައުމަށްޓަކައި އެފިކުރަށް ޖާގަދޭނެ ކަމެއް ނެތްކަމުގައި ޑރ.ޝަހީމް ވިދާޅުވި އެވެ. ޑރ.ޝަހީމް ވިދާޅުވީ ރައީސް ޔާމީން ވެރިކަމާއި ހަވާލުވެވަޑައިގަތީ ފަސޭހަ ދުވަސްވަރެއްގައި ނޫންކަމަށާއި ނަމަވެސް އެހުރިހާ ދަތިތަކާއެކުވެސް ހުރިހާ ދާއިރާއަކުން ރައީސް ޔާމީން ކުރިއެރުންތައް ހޯއްދަވައިދެއްވާފައި ވާކަމަ ށެވެ. އެހެންކަމުން މިހާރު ފައްޓަވާފައިވާ ޤައުމީ މުހިންމު މަޝްރޫޢުތައް ފުރިހަމަކުރުމަށްޓަކައި އިތުރު ދައުރެއް ރައީސް ޔާމީނަށް ދެއްވުމުގައި ދިވެހި ދައުލަތާއި ރައްޔިތުންނަށް ވަނީ މަންފާކަމުގައި ޑރ.ޝަހީމް ވިދާޅުވި އެވެ.

ޑރ.ޝަހީމް ވިދާޅުވީ މިސަރުކާރު އަލުން އިންތިޚާބު ކޮށްފިނަމަ، ފުވައްމުލަކުގައި އިސްލާމީ މަރުކަޒެއް ގާއިމްކޮށް، ކީރިތި ޤުރުއާންގެ ޢިލްމާއި އަރަބި ބަހާއި ކީރިތި ޤުރުއާން ހިތުދަސްކޮށްދިނުމާއި ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވަރސިޓީގެ ކޯސްތައް ފުވައްމުލަކުގައި ހިންގޭނެ ގޮތް ފަހިކޮށްދޭނެ ކަމުގަ އެވެ. ޑރ.ޝަހީމް ފުވައްމުލަކަށް މިކުރައްވާ ހަތަރު ދުވަހުގެ ދަތުރުފުޅުގައި ވަނީ ފުވައްމުލަކުގެ ހުރިހާ އަވަށަކަށް ވަޑައިގެން ގެތަކަށް ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރައްވާފަ އެވެ. އަދި ރޭގައި ޑރ.ޝަހީމް ވަނީ އެރަށުގައި ދީނީ ދަރުސެއްވެސް ދެއްވާފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް