ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން މިހާރު ތ އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދު ހަވީރު އެއަތޮޅު މަޑިފުއްޓަށް ވަޑައިގަތުމަށް ހަމަޖެހިފައި ވީނަމަވެސް ، މޫސުން ގޯސްވުމުގެ ސަބަބުން މާދަމާއަށް އެދަތުރު ފަސްކުރައްވައިފިއެވެ. މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ވަނީ ކުރިއަށް އޮތް ތިން ދުވަހު ރާއްޖެއަށް މޫސުން ގޯސްވާނެކަމަށް ލަފާކޮށްފައެވެ.
ރައީސްގެ ދަތުރުފުޅު މާދަމާ އަށް ފަސްކުރެއްވިކަން ހާމަކޮށްފައިވަނީ ރައީސް އޮފީހުގެ ތަރުޖަމާން އިބްރާހީމް މުއާޒް އަލީ ކުރެއްވި ޓްވީޓެއްގައެވެ. ރައީސުލްޖުމްހޫރިއްޔާ ތ އަތޮޅަށް ކުރައްވާ މިދަތުރުފުޅުގައި އިއްޔެ ވަނީ ތިމަރަފުއްޓަށް ވަޑައިގެން، އެރަށުގައި ޤާއިމުކޮށްފައިވާ ފެނުގެ ޚިދުމަތް އިފްތިތާޙްކޮށްދެއްވާފައެވެ. އަދި އެއަތޮޅު ވޭމަންޑޫއާއި ކަނޑޫދޫގެ ގޮނޑުދޮށް ޙިމާޔަތްކުރުމުގެ މަޝްރޫޢުގެ ނިމުންވެސް ފާހަގަކޮށްދެއްވާފައެވެ. އެމަނިކުފާނުގެ މިދަތުރުފުޅުގައި މިއަދު ހެނދުނު ވަނީ ތ. ބުރުންޏަށް ވަޑައިގެން އެރަށުގައި ޤާއިމުކޮށްފައިވާ ނަރުދަމާ ނިޒާމްގެ ޚިދުމަތް ރަސްމީކޮށް ފައްޓަވައިދެއްވާފައެވެ. އަދި މިއަދު އެއަތޮޅު ވިލުފުއްޓަށް ވަޑައިގެން އެރަށުގެ މަގުހެދުމުގެ މަސައްކަތުގެ ނިމުން ވަނީ ފާހަގަކޮށްދެއްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ މިދަތުރުފުޅުގައި މާދަމާ މަޑިފުއްޓަށް ވަޑައިގެން ،އެރަށުގެ ބިންހިއްކުމުގެ މަޝްރޫޢުގެ ނިމުން ފާހަގަކުރައްވާ އެރަށުގައި ހިއްކާފައިވާ ސަރަޙައްދު ހިމާޔަތްކުރުމުގެ މަޝްރޫޢުގެ ނިމުން ފާހަގަކުރެއްވާ، މަޑިފުށީގައި ޤާއިމުކޮށްފައިވާ ނަރުދަމާ ނިޒާމްގެ ޚިދުމަތް ރަސްމީކޮށް ފައްޓަވައިދެއްވުމަށް ވަނީ ހަމަޖެހިފައެވެ. އަދި މިދަތުރުފުޅުގެ ފަހު މަންޒިލެއްގެ ގޮތުން ތ. ދިޔަމިގިއްޔަށް މާދަމާ ވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ. އަދި ދިޔަމިގިލީގެ ނަރުދަމާ ނިޒާމްގެ ޚިދުމަތް ރަސްމީކޮށް ފައްޓަވައިދެއްވުމަށް ވަނީ ހަމަޖެހިފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް