ޓެކްސީ ބޯޑަށް ނަގާ 50،000 ރުފިޔާ އެއްކޮށް އުވާލާނަން – އިބޫ

ޓެކްސީ ޑްރައިވަރުންނަށް ދިމާވެފައިވާ ދަތިތައް ހައްލުހޯއްދަވައިދެއްވުމަށް މަސައްކަތް ކުރައްވާނެކަމަށާއި އެގޮތުގެ މަތިން ޓެކްސީ ބޯޑު ގަތުމަށް މިހާރު ދައްކަންޖެހޭ 50000 ރުފިޔާ އެއްކޮށް އުވާލާނެކަމަށް އިދ...

13 Aug 2018 | 20:21

ޓެކްސީ ޑްރައިވަރުންނަށް ދިމާވެފައިވާ ދަތިތައް ހައްލުހޯއްދަވައިދެއްވުމަށް މަސައްކަތް ކުރައްވާނެކަމަށާއި އެގޮތުގެ މަތިން ޓެކްސީ ބޯޑު ގަތުމަށް މިހާރު ދައްކަންޖެހޭ 50000 ރުފިޔާ އެއްކޮށް އުވާލާނެކަމަށް އިދިކޮޅު ކޯލިޝަންގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ޞާލިހު (އިބޫ) ވިދާޅުވެއްޖެއެވެ. ގުޅިފައިވާ ކޯލިޝަނުން މިރޭ ހދ ކުޅުދުއްފުށީގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން އިބޫ ވިދާޅުވީ ޓެކްސީ ބޯޑު ގަތުމަށް ދައްކަންޖެހޭ 50،000 ރުފިޔާއަކީ ބޮޑު އަދަދެއްކަމަށް ޤަބޫލުފުޅުކުރައްވާކަމަށާއި އެހެންކަމުން އެފީ އުވާލާނެކަމަށެވެ.

ޓެކްސީ ބޯޑުގެ ފީ އުވާލާނެކަމަށް އިބޫ ވިދާޅުވެފައިވާއިރު މީގެކުރިން އިބޫ ވިދާޅުވެފައިވާ ވަނީ ދޯނި ފަހަރުން ނަގާ އަހަރީ ފީ ވެސް ކުޑަކުރައްވާނެ ކަމަށެވެ. ނަމަވެސް، އޭގެ ފަހުން ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ވަނީ ކުދި ދޯނިފަހަރުތަކުން ނަގާ ފީ އުވާލައިފަ އެވެ.

ކުޅުދުއްފުށީގައި މިރޭ ބޭއްވި ޖަލްސާގައި އިބޫ ވަނީ ގިނަ ވައުދުތަކެއް ވެފައެވެ. އެގޮތުން އެމްޑީޕީގެ ވެރިކަމުގައި ގެނައި ފެރީގެ ނިޒާމު އިތުރަށް ޚަރުދަނާކުރައްވާނެކަމަށް ވިދާޅުވިއެވެ. އަދި ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ފަހިވާނެ ގޮތަށް މީރާ ބަދަލު ކުރައްވާނެ ކަމަށް އިބޫ ވިދާޅުވި އެވެ. ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ހާއްސަކޮށް ބޭންކެއް ގާއިމް ކުރައްވާނެ ކަމަށާއި އެ ބޭންކުން އަންހެނުންނާއި ޒުވާނުންނާއި ޓެކްނޮލޮޖީއާ ގުޅޭ ވިޔަފާރިތަކަށް އެހީ ލިބިގެންދާނެ ކަމަށް އިބޫ ވިދާޅުވި އެވެ.

މިރޭގެ ޖަލްސާގައިވެސް އިބޫ ވިދާޅުވީ ރަށްތައް ތަރައްޤީ ކުރެވިގެންދާނީ ޖަޒީރާ ވަންތަގޮތެއްގައި ކަމަށާއި ޤާނޫނުގައި ބުނާ ހުރިހާ ބާރުތަކެއް ކައުންސިލްތަކަށް ދީގެން މަސައްކަތްކުރައްވާނެކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް