އިދިކޮޅު އިއްތިހާދެއްގެ ސަރުކާރެއްގައި ހދ.ކުޅުދުއްފުށި ސިޓީއެއްގެ ގޮތުގައި ތަރައްޤީ ކުރައްވާނެ ކަމަށާއި ވެރިކަން ލިބުމާއެކު ކުޅުދުއްފުއްޓަށް ސިޓީއެއްގެ ދަރަޖަ ދެއްވާނެކަމަށް ގުޅިފައިވާ ކޯލިޝަންގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ޞާލިހު (އިބޫ) ވިދާޅުވެއްޖެއެވެ. ގުޅިފައިވާ ޕާޓީތަކުން މިރޭ ހދ.ކުޅުދުއްފުށީގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން އިބޫ ވިދާޅުވީ އެމްޑީޕީގެ ސަރުކާރުގައި ކުޅުދުއްފުށި ތަރައްޤީ ކުރުމަށް ގެންގުޅުނު ޕްލޭންގައި ހުރިކަންކަން އަލުން ފައްޓަވާ ކުޅުދުއްފުށި ތަރައްޤީ ކުރުމުގެ މަސައްކަތް ކުރައްވާނެކަމުގައެވެ.
އިބޫ ވިދާޅުވީ ކުޅުދުއްފުށީގައި މިހާރު ހިނގަމުންދާ އެއަރޕޯޓް ތަރައްޤީކުރުމުގެ މަޝްރޫޢު ކުރިޔަށް ގެންދަވާނެކަމުގައެވެ. އެއާޕޯޓަކީ ކުޅުދުއްފުށީ ރައްޔިތުން ބޭނުންވާ ކަމެއްކަން ދިރާސާތަކުން ދައްކާ ކަމަށާއި އެހެންކަމުން މިސަރުކާރުން ފަށާފައިވާ އެއާޕޯޓްގެ މަސައްކަތް ނުހުއްޓުވާނެ ކަމަށް އިބޫ ވިދާޅުވިއެވެ. ނަމަވެސް އިދިކޮޅު ކޯލިޝަންގެ ސަރުކާރެއްގައި އެ އެއާޕޯޓްގެ މަސައްކަތް ނިންމައި އޭގެން ފައިދާ ލިބޭނެ ގޮތް ހައްދަވައިދެއްވާނެ ކަމަށް އިބޫ ވިދާޅުވި އެވެ.
" މިހާރު ހިނގަމުންދާ އެއްވެސް މަޝްރޫއެއް ހުއްޓައެއް ނުލާނަން، ބޭރުގެ ފަރާތްތަކާއެކު އެއްބަސްވެގެން ކުރިއަށްދާ މަޝްރޫއުތައް ވެސް ދައުލަތުގެ ބަޖެޓުން ހަރަދުކުރާ މަޝްރޫއެއް ވެސް ހުއްޓައެއް ނުލާނެ، އެހެންނަމަވެސް އުސޫލުން ބޭރުން ކޮށްފައިވާ އެއްބަސްވުންތަކަށް ގެންނަން ޖެހޭ ބަދަލުތައް ގެންނާނަން،" އިބޫ ވިދާޅުވި އެވެ.
އިބޫ ވިދާޅުވީ އިދިކޮޅު ކޯލިޝަންގެ ސަރުކާރެއްގައި ކުޅުދުއްފުށީގައި އިތުރު މަގުތައް ހެދުމުގެ މަސައްކަތް ކުރައްވާނެކަމަށެވެ. އަދި ބޯހިޔާވަހިކަން ހޯދައިދިނުމުގެ ގޮތުން އެމްޑީޕީ ސަރުކާރުގައި އެރަށުގައި އަޅަންފަށާފައިހުރި ފްލެޓްތަކުގެ މަސައްކަތް ނިންމަވާ އެތަންތަން ދޭނެކަމަށް އިބޫ ވިދާޅުވިއެވެ. ކުޅުދުއްފުށި ސަރަހައްދީ ބަނދަރަށް ބޭރުން ގެންނަ މުދަލުގެ ޓެކްސްއާއި ޑިއުޓީވެސް ކުޑަކުރާނެ ކަމަށާއި ސަރަހައްދީ މާކެޓަކާއި އެކު އާބަން ސެންޓަރެއް ކުޅުދުއްފުށީގައި ތަރައްގީ ކުރާނެކަމަށް އިބޫ ވިދާޅުވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް