2017 ވަނަ އަހަރުންފެށިގެން ދިމާވަމުން އަންނަނީ މި މައްސަލައެވެ. އަދި މިދިޔަ އަހަރުވެސް ދިމާވީ ހަމަ މި މައްސަލައެވެ. ގަތަރުން ބުނަނީ ހައްޖަށް މީހުން ފޮނުވުމަށް ސައުދީން ހުރަސް އަޅަނީ ކަމަށެވެ. ސައުދީން ބުނަނީ ހައްޖަށް މީހުން ނުފޮނުވަން ގަތަރުން ބަހަނާ ދައްކަނީ ކަމަށެވެ.
ވެގެން މިއުޅޭ ގޮތަކީ 2017 ވަނަ އަހަރު ސައުދީ ކޯލީޝަނުން (ރާއްޖެވެސް ހިމެނޭހެން) ގަތަރަށް އެޅި ދަތިކުރުމުގެ ފިޔަވަޅުތަކެވެ. ސައުދީން ވަނީ ގަތަރާއި އެކު އޮތް ގުޅުން އެއްކޮށްހެން ކަނޑާލާފައެވެ. މި ގުޅުން ކަނޑާލައި ދަތި ކުރުމުގެ ފިޔަވަޅުތައް އަޅާފައިވަނީ ގަތަރުން ނިރުބަވެރިކަމަށް ވާގިވެރިވެ އެކަމަށް ފަންޑު ކުރާކަމަށް ތުހުމަތު ކޮށެވެ. ހާއްސަ ގޮތެއްގައި މުސްލިމް ބްރަދަހުޑަށާއި އިރާނުގެ ހައްދުފަހަނައަޅާފައިވާ ހަނގުރާމަވެރިންނަށް ފަންޑު ކުރާކަމަށް ތުހުމަތު ކުރެއެވެ.
މި ތުހުމަތުތަކާއެކު ކަނޑާލި ގުޅުމާއެކު، ގަތަރު އެއާލައިންގެ އެއްވެސް ފްލައިޓެއް ސައުދީއަށް ދަތުރުކުރުން ސައުދީން އޮންނަނީ މަނާކޮށްފައެވެ. ސައުދީން ކޮންމެ އަހަރަކުވެސް ބުނަނީ ހައްޖުވެރިން ހައްޖުވާން އެއްވެސް ހުރަހެއް ނޯންނާނެ ކަމަށާއި ގަތަރު އެއާލައިން ނޫން އެހެން ކޮންމެ އެއާލައިނަކުން ސައުދީއަށް އައުމުގައި އެއްވެސް ހުރަހެއް ނެތް ކަމަށެވެ.
މި އަހަރުވެސް މިހާރު ސައުދީން އަންނަނީ މިކަމުގައި ގަތަރު ކުށްވެރި ކުރަމުންނެވެ. ސައުދީން އިއްޔެ ނެރުނު ނޫސްބަޔާނެއްގައިވެސް ބުނެފައިވަނީ ގަތަރުގެ ރައްޔިތުން، ހައްޖުވުމަށް އާދެވޭނެ ހުރިހާ އިންތިޒާމެއް ހަމަޖެއްސުމުގައި ގަތަރުގެ އަވްޤާފް އެންޑް އިސްލާމިކް އާއި ގުޅިގެން މަސައްކަތް ކުރެވޭނެ މަގަކީ ކޮބައިތޯ ބަލަމުން އަންނަ ކަމަށެވެ. ނަމަވެސް ގަތަރުން މިކަމުގައި މާ ބޮޑު އެއްބާރުލުމެއް ލިބެމުން ނާންނަކަމަށް ސައުދީން ބުނެފައިވެއެވެ.
މުސްލިމުން ހައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް ހުރަސް ނޭޅުމަށްވެސް ސައުދީން ބުނެފައިވެއެވެ. އަދި ހައްޖު ސިޔާސީ ނުކުރުމަށްވެސް ސައުދީން ބުނެފައިވެއެވެ. އެ ނޫސްބަޔާން ނިންމާލަމުންވެސް ސައުދީން ބުނެފައިވަނީ ގަތަރު އެއާލައިން ނޫން ކޮންމެ އެއާލައިނަކުން ގަތަރުގެ ހައްޖުވެރިންނަށް ސައުދީއަށް ދަތުރު ކުރެވޭނެ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް