ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ފެނުމުން ވަރަށް ގިނަ ދިވެހިންނަށް "ބާޣީ" އޭ ގޮވޭކަމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދު މިހެން ވިދާޅުވީ ކުރީގެ ރައީސް، ޑރ. ވަހީދަށް އެމްޑީޕީގެ އެކްޓިވިސްޓަކު ބަހުގެ ހަމަލާއެއް މިއަދު ދީފައިވާކަމަށް ބުނާ ވާހަކަ ހޫނުވެފައިވާ މިދަނޑިވަޅުގައި ކުރެއްވި ޓްވީޓެއްގައެވެ.
އެ ޓްވީޓްގައި ރައީސް ނަޝީދު ވިދާޅުވެފައިވަނީ އެމަނިކުފާނުގެ ކުރީގެ ނައިބު ރައީސް 2012 ވަނަ އަހަރު އެމްޑީޕީގެ ސަރުކާރު ބަޣާވާތަކުން ބަދަލު ކުރައްވާ، އިންތިހާބު ނުވެ ރައީސް ކަން ކުރެއްވިކަމަށް ރާއްޖޭގެ ވަރަށް ގިނަ ރައްޔިތުން ދެކޭކަމަށް އެމަނިކުނު ދެކިލައްވާ ކަމަށެވެ. އެހެންކަމުން ވަރަށް ގިނަ ދިވެހިންނަށް ކުރީގެ ނައިބު ރައީސް ފެނުމުން "ބާޣީ" އޭ ގޮވޭ ކަމުގައިވެސް ރައީސް ނަޝީދުގެ އެ ޓްވީޓްގައި ވިދާޅުވެފައިވެއެވެ.
ރައީސް ނަޝީދު މިހެން ވިދާޅުވެފައިވާއިރު މިކަމާއި ގުޅޭގޮތުން އެމްޑީޕީން ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައިވަނީ އިސްވެ ބަހުގެ ހަމަލާ ދިނީ ޑރ. ވަހީދު ކަމަށެވެ.
އެ ނޫސްބަޔާނުގައި ބުނެފައިވަނީ މި ހާދިސާ ހިނގިގޮތްކަމަށް އެނގިފައިވާގޮތުން، އުސްފަސްގަނޑު ސަރަޙައްދު މަގުމަތިން އިބްރާހީމް ޖައުފަރު، ނުރުހުމުގެ ބަސްތަކަކުން އަދި “ބާޣީ” ގެ ނަމުން ޑޮކްޓަރ މުޙައްމަދު ވަޙީދު ޙަސަން މަނިކަށް މުޚާތަބުކުރައްވާފައިވަނީ، އޭނާއާ ދިމާއަށް ޑޮކްޓަރ މުޙައްމަދު ވަޙީދު ޙަސަން މަނިކު ވަނަމަކުން ގޮވައި މުޚާތަބުކުރެއްވުމުން އުފެދުނު ޒުވާބެއްގެ ތެރެއިން ކަމަށާއި މިގޮތަށް ހަމައެކަނި ބަސްތަކަކުން މުޚާތަބުކުރެވުނުހިނދު، “ޖިސްމާނީ ޙަމަލާއެއް” ދީފިކަމަށް ދޭހަވާގޮތަށް ޑޮކްޓަރ މުޙައްމަދު ވަޙީދު ޙަސަން މަނިކު ޓްވީޓްކުރެއްވުމަކީ ޙަޤީޤަތް އޮޅުވާލެއްވުމުގެ ގޮތުން ކުރެއްވިކަމެއްކަމުގައި އެ ޕާރޓީން ދެކޭ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް