ރާއްޖޭގެ ހުރިހާ ރަށެއްގައި ޖަމާއަތުގައި ފަރުޟު ފަސް ނަމާދު ކުރުމާއި ހުކުރު ނަމާދު ކުރުން މެދުކަނޑާލާފައިވާ މުއްދަތު މިމަހުގެ28 ވަނަ ދުވަހަށް އިތުރުކޮށްފި އެވެ.
މިއާއިއެކު މި ރޯދަ މަހުގެ ތަރާވީހު ނަމާދު ޖަމާއަތުގައި ކުރުންވެސް ނޯންނާނެ އެވެ. އިސްލާމިކް މިނިސްޓްރީން ބުނީ އެ މުއްދަތު އިތުރުކޮށްފައިވަނީ އެ ދުވަހުގެ އަސުރު ނަމާދުގެ ނިޔަލަށް ކަމަށެވެ.
އެ މިނިސްޓްރީން މިއަދު ބުނެފައިވަނީ މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދު ނުކުރި ނަމަވެސް ފަރުޟު ފަސް ނަމާދަށް ބަންގި ގޮވާނެ ކަމަށެވެ. ބަންގި ގޮވާ ނިމުމަށް ފަހު ގޭގައި ނަމާދު ކުރުމަށް އަރަބި ބަހުންނާއި ދިވެހި ބަހުން އިމާމުން ގޮވާނެ ކަމަށް އިސްލާމިކް މިނިސްޓްރީ ބުނެ އެވެ.
އަދި މިސްކިތްތައް ހުންނާނީ ހުޅުވާފައި ކަމަށާއި ގަވައިދުން މިސްކިތްތައް ސާފުކޮށް ބެލެހެއްޓުމުގެ މަސައްކަތް ކުރާނެ ކަމަށެވެ. އެ މިނިސްޓްރީން ބުނީ ގޭގައި ނަމާދު ކުރަން ޖެހުނަސް ފަރުޟު ފަސް ނަމާދަށް ރައްކާތެރިވެ ގިނަ ގިނައިން އަޅުކަންތައް އަދާކުރުމަށް އިލްތިމާސް ކުރާ ކަމަށެވެ.
މިއީ ކޯވިޑް-19 އާއި ގުޅިގެން ރައްކާތެރިކަމުގެ ގޮތުން އަޅާ ފިޔަވަޅެކެވެ. މިގޮތަށް ނިންމީ ދީނީ އިލްމުވެރިންނާއި އިސްލާމީ ފަތުވާ ދޭ އެންމެ މަތީ މަޖިލީހުގެ މަޝްވަރާ އާއި އެކު ކަމަށް މިނިސްޓްރީން ބުނެ އެވެ.
މިގޮތަށް ނިންމީ ކޮރޯނާ ވައިރަސް އާއި ގުޅިގެން ގިނަ މީހުން އެއްތަނަކަށް އެއްވެ އުޅުން ރަނގަޅު ނޫންކަމަށް އެޗްޕީއޭއިން ބުނެފައިވާތީ އެވެ. އަދި މިހާރު ރާއްޖޭގައި ވައިރަސް ފެތުރި މުޅި ރާއްޖެ ނުރައްކާތެރި ހާލަތަކަށް ގޮސްފައިވާތީ އެވެ.
އެންމެ ފުރަތަމަ މިދިޔަ މާޗް މަހުގެ18 ވަނަ ދުވަހު ޖަމާއަތުގައި ނަމާދު ކުރުން މެދުކަނޑާލީ މާލެ އާއި ރިސޯޓުތަކުގައި އެވެ. ފަހުން ރާއްޖޭގެ ހުރިހާ ރަށެއްގައި ޖަމާއަތުގައި ނަމާދު ކުރުން މެދުކަނޑާލީ މިދިޔަ މަހުގެ 19 ވަނަ ދުވަހު އެވެ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް