ކޯވިޑް-19 އާއި ގުޅިގެން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ގާއިމްކޮށްފައިވާ ކަރަންޓީން ފެސިލިޓީތަކުގެ ތެރެއިން ފެސިލިޓީއަކަށް ފުރަތަމަ ފަހަރަށް ސިފައިންގެ އަންހެން ކޮމާންޑަރަކު ހަމަޖައްސައިފި އެވެ.
ކެޕްޓަން ހަނާ މުހައްމަދު ހަމަޖައްސާފައިވަނީ ޅ. އަތޮޅުގައި ގާއިމްކޮށްފައިވާ ފުށިފަރު ކަރަންޓީން ފެސިލިޓީގެ ކޮމާންޑަރަކަށެވެ.
އޭނާ މި މަގާމަށް ހަމަޖެއްސުމާއި ގުޅިގެން ޑިފެންސް މިނިސްޓަރު މާރިޔާ ދީދީ ވިދާޅުވީ އަންހެނުން ސިފައިންގެ ތެރޭގައި ބާރުވެރިކުރުވުމަކީ އަބަދުވެސް ވަކާލާތު ކޮށް ބޭނުންވެ ވަޑައިގެންނަވާ ކަމެއް ކަމަށެވެ. މިއަދު ކެޕްޓަން ހަނާ އެ މަގާމަށް އައްޔަން ކުރެވުމުން މިންތީގެ ހަމަހަމަކަމާއި އެކު ސިފައިންގެ ވަޒީފާ އަދާ ކުރެވޭނެ ކަން ފެނިގެން ގޮސްފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު، މޭޖާ ޖެނެރަލް އިބްރާހިމް އާޒިމް ވިދާޅުވީ މިއީ، ކަރަންޓީނު ފެސިލިޓީއެއްގެ ކޮމާންޑަރުގެ ޕޯސްޓަށް ސިފައިންގެ އަންހެން އޮފިސަރެއް ހަމަޖެހިގެން ދިޔަ ފުރަތަމަ ފަހަރުކަަމަށެވެ. އަދި މިންތީގެ ހަމަހަމަކަމާއެކު ސިފައިންގެ އިން ހިންގާ އޮޕަރޭޝަންތަކުގައި ހުރިހާ ސިފައިން ހަރަކާތްތެރިވާނެ ކަމަށް އާޒިމް ވިދާޅުވިއެވެ.
ކޯވިޑް-19 އާއި ގުޅިގެން ގާއިމްކޮށްފައިވާ ކަރަންޓީން ފެސިލިޓީތައް ހިންގަނީ ސިފައިންގެ ބެލުމުގެ ދަށުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް