1435 ވަނަ އަހަރު ހައްޖަށް ގެންގޮސްދޭނެ ކަމަށްބުނެ އޮޅުވާލި މައްސަލާގައި ބަދަލު ނުލިބޭ މީހަކު ވާނަމަ ޕޮލިހާ ހިއްސާ ކުރުމަށް ޕީޖީން އެދެފިއެވެ.
ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން މިއަދު ނެރިފައިވާ ނޫސް ބަޔާނެއްގައި ބުނެފައިވަނީ މި މައްސަލާގައި ގެއްލުމުގެ ބަދަލު ލިބެންޖެހޭ އެތައް ބަޔަކަށް ގެއްލުމުގެ ބަދަލު ލިބިފައި ނުވާކަމަށާއި، މޯލްޑިވްސް ޕޮލިސް ސާވިސް އިން މި ބޭފުޅޫން ހޯދުމުގެ މަސައްކަތް ކުރުމަށް ފަހުވެސް ބައެއް ފަރާތްތަކަށް ގުޅިފައިނުވާ ކަމަށެވެ. އެހެންކަމުން ގެއްލުން ލިބިފައިނުވާ ފަރާތްތަކުން ޕޮލިހާ ހިއްސާ ކުރުމަށް ވަނީ މި ބަޔާނުގައި އެދިފައެވެ.
އަދި ގެއްލުމުގެ ބަދަލު އެއްވެސް ވަރަކަށް ލިބިފައިނުވާ ފަރާތެއް ވާނަމަ މޯލްޑިވްސް ޕޮލިސް ސާވިސްގެ ނަންބަރު 9790048 ފޯނަށް ގުޅުއްވާ މި މަހުގެ 30 ވަނަ ދުވަހުގެ ކުރިން އެ މައުލޫމާތު ހިއްސާ ކުރުމަށް ވަނީ އެދިފައެވެ.
1435 ވަނަ އަހަރު ހައްޖަށް މީހުން ގެންގޮސްދޭނެ ކަމަށް ބުނެ ރާއްޖެއިން ހައްޖަށް މީހުން ގެންދިއުމާބެހޭ އުސޫލާ ހިލާފަށް ގިނަ އަދަދެއްގެ މީހުން އަތުން މަކަރާހީލަތުން ގިނަ އަދަދެއްގެ ފައިސާ ނަގައި އެ ފައިސާއަށް ހިޔާނާތްތެރިވެފައިވާ ކަމަށް މުސްތަފާ މުހައްމަދުދީދީގެ މައްޗަށް ވަނީ ކުށުގެ ދައުވާ ކޮއްފައެވެ.
އަދި މި މައްސަލާގައި ކުށުގެ ދައުވާ އޭނާގެ މައްޗަށް ސާބިތުނުވާކަމަށް ކްރިމިނަލް ކޯޓުން ނިންމި ނިންމުން ޕީޖީ އޮފީހުން ވަނީ އިސްތިއުނާފު ކޮއްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް