ލ. ފޮނަދޫގައި އަޅާފައިހުރި 50 ގެއެއްގެ ތެރެއިން 27 ގެއެއް ލާމު އަތޮޅު ރައްޔިތުންނަށް ދޭން ހުޅުވާލައިފިއެވެ.
ލ. އަތޮޅު ކައުންސިލްގެ ރައީސް އަބްދުﷲ ޝަރީފް ވިދާޅުވީ 27 ގެއަކީ ލ. އަތޮޅޫގެ ރައްޔިތުންގެ ތެރެއިން އެ ގެތައް ބޭނުންވާ ފަރާތްތަކަށް ދޫކުރުމަށް ހަމަޖެހިފައިވާ ގެތަކެއް ކަމަށެވެ. އަދި އެ ގެތަކަކީ ދިގު މުއްދަތަކަށް ބަހާލައިގެން ފައިސާ ދައްކާ ހަލާސްކުރާ ގޮތަށް ދޫކުރުމަށް ހަމަޖެހިފައިވާ ގެތަކެއް ކަމަށްވެސް ބުނެފައިވެއެވެ.
ގެއަށް ފޯމު ހުށަހަޅާ ފަރާތްތަކުގެ ޝަރުތުތަކެއް ވާންޖެހެއެވެ. އެގޮތުން އުމުރުން 21 އަހަރު ފުރިފައިވުމާއެކު ލ. އަތޮޅުގެ ރައްވެއްސެއް ކަމުގައި ވާންޖެހެއެވެ. އަދި ރާއްޖޭގެ އެއްވެސް ރަށަކުން ގޯއްޗެއް ނުވަތަ ބޯހިޔާވަހިކަމެއް ލިބިފައިވާނަމަ، މި ގޯތި އަދި ބޯހިޔާވަހިކަން ސަރުކާރަށް ދޫކޮށްލަން އެއްބަސްވާ ފަރާތަކަށްވުމާއެކު، މި ގޯތި ނުވަތަ ބޯހިޔާވަހިކަމަކީ ރަހުނު ކުރެވިފައިވާ ތަނަކަށް ވެގެންނުވާނެއެވެ. މީގެއިތުރުން އަނބިމީހާ ނުވަތަ ފިރިމީހާގެ ނަމުގައި ލ.ފޮނަދޫއިން ގޯއްޗެއް ނުވަތަ ބޯހިޔާވަހިކަމެއް ލިބިފައިވާނަމަ، މި ގޯތި އަދި ބޯހިޔާވަހިކަން ސަރުކާރަށް ދޫކޮށްލަން އެއްބަސްވާ ފަރާތަކަށްވާންޖެހެއެވެ. އަދި ރާއްޖޭގެ އެއްވެސް ރަށަކުން ލިބިފައިވާ ގޯއްޗެއް ނުވަތަ ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫއެއްގެ ދަށުން ލިބިފައިވާ ބޯހިޔާވަހިކަމެއް ވޭތުވެ ދިޔަ ފަސް އަހަރުގެ ތެރޭގައި މީހަކަށް ދީ ނުވަތަ ވިއްކާލާފައި ވެގެންނުވާނެއެވެ.
އެގެތަކުގައި ތިން ކޮޓަރިއާއި ސިޓީންރޫމު އަދި ފާހަނަ ހިމެނޭ އިރު 19000 ރުފިޔާ ޑައުން ޕޭމަންޓުގެ ގޮތުގައި ދައްކަން ޖެހޭނެއެވެ. އަދި 20 އަހަރު ދުވަހަށް ބަހާލައިގެން މަހަކު 2500 ރުފިޔާ ދައްކަން ޖެހެ އެވެ.
މީގެއިތުރުން ގެއަށް އެދި ހުށައަޅަން ޖެހޭ ފޯމު ވަނީ އިއްޔެ ދޫކުރަން ފަށާފައެވެ. ފޯމު ބަލައިގަންނަން ފަށާނީ އަތޮޅު ކައުންސިލް އިދާރާއިން މިމަހު 19 އިން 30 ވަނަ ދުވަހުގެ 13:00 ގެ ނިޔަލަށް ކަމަށް ވަނީ ބުނެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް