ތިމަރަފުށީ އެކްސިޑެންޓުގައި އަނިޔާވި މީހާ މަރުވެއްޖެ

ތިމަރަފުށީ އެކްސިޑެންޓުގައި އަނިޔާވި މީހާއަށް ލަންކާގައި ފަރުވާ ދެމުން ދަނިކޮށް މަރުވެއްޖެއެވެ. މިދިޔަ މާރޗް މަހުގެ 12 ވަނަ ދުވަހު ތ. ތިމަރަފުށީގައި ދުއްވާފައިދިޔަ ވޭނަކުން ޖެހި ހިނގާފައިވާ އެކްސިޑެން...

14 May 2019 | 07:14

ތިމަރަފުށީ އެކްސިޑެންޓުގައި އަނިޔާވި މީހާއަށް ލަންކާގައި ފަރުވާ ދެމުން ދަނިކޮށް މަރުވެއްޖެއެވެ.

މިދިޔަ މާރޗް މަހުގެ 12 ވަނަ ދުވަހު ތ. ތިމަރަފުށީގައި ދުއްވާފައިދިޔަ ވޭނަކުން ޖެހި ހިނގާފައިވާ އެކްސިޑެންޓުގައި އަނިޔާވީ އުމުރުން 52 އަހަރުގެ ތ. ވަންދޫ ކައުންސިލްގެ ރައީސް މުހައްމަދު ގިޔާސްގެ މައިދައިތެއެވެ.

އަނިޔާވި މީހާ މަރުވެފައިވަނީ ރޭ ދަންވަރު 01:20 ގައި ކަމަށް މައުލޫމާތު ލިބެއެވެ.

އެކްސިޑެންޓުވި ދުވަހު މާލެ ގެނެސް އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ދިނުމަށް ފަހު އޭނާ ލަންކާއަށް ގެންގޮސްފައިވަނީ މާރޗް މަހުގެ 23 ވަނަ ދުވަހެވެ.

މި އެކްސިޑެންޓާ ގުޅިގެން އެ އަންހެންމީހާގެ ސިކުނޑީގެ ތިން އޮޕަރޭޝަނެއް ކޮއްފައިވާއިރު އޭގެތެރެއިން ފުރަތަމަ އޮޕަރޭޝަން ކޮއްފައިވަނީ އޭޑީކޭ ހޮސްޕިޓަލުގައެވެ. އަދި ފަހު ދެ އޮޕަރޭޝަން ކޮއްފައިވަނީ ލަންކާގައެވެ.

މި އެކްސިޑެންޓު ހިނގާފައިވަނީ ތިމަރަފުށީ ހިއްކި ސަރަހައްދުން އެއާޕޯޓަށް ދާން އޮންނަ މަގުން އޭނާ ދަނިކޮށް ވޭނެއް ކޮންޓްރޯލް ނުވެގެން ގޮސް އޭނާ ގައިގާ ޖެހިގެންނެވެ. އެކްސިޑެންޓުގައި އެ އަންހެންމީހާގެ މޭ ކަށިގަނޑުގެ ދެ ފަރާތުން ތިން ކައްޓަކާއި ދެ ދަތް ބިދިފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް