ބުރުސޫރަ- ފަންސަވީސް ވަނަ ބައި

ކުރީގެ އަދަދާ ގުޅޭ... "ސޮރީ" ޒިއަން ބުނެލިއެވެ. އެ ކުއްޖާ ބަލަން ހުރުމުން ޒިއަން ވެސް ހުރީ ބަލާށެވެ. އެ ކުއްޖާ ދުރުވަން ނޫޅުމުން ޒިއަން އެތަނުން ދާން ހިނގައިގަތެވެ. ޖޯލީގައި ތިބި މާޒިން އާއި އީމާން އަ...

14 May 2019 | 05:50

ކުރީގެ އަދަދާ ގުޅޭ...

"ސޮރީ" ޒިއަން ބުނެލިއެވެ. އެ ކުއްޖާ ބަލަން ހުރުމުން ޒިއަން ވެސް ހުރީ ބަލާށެވެ. އެ ކުއްޖާ ދުރުވަން ނޫޅުމުން ޒިއަން އެތަނުން ދާން ހިނގައިގަތެވެ.

ޖޯލީގައި ތިބި މާޒިން އާއި އީމާން އަށް އެ މަންޒަރު ވަރަށް ރީއްޗަށް ފެނުނެވެ.

"ކައެ ކަންތައް ހާދަ ބޮޑޭ... ކުރީ ފަހަރުވެސް މަންހާ އަށް ދޯކާ ދީފަ ރާނީ ސެޓުކުރީ... މިފަހަރު ޔަގީން ދެ އަންބަށް އިންނާނެ" ޒިއަން އައިސް ޖޯލީގައި އިށީނުމުން މާޒިން ބުނެލިއެވެ.

"އޭނަ ބަލަން ހުރީމަ ދެން މަށަށް ވެސް ހުރެވުނީ... ރީތި މަންޖެ އެއް" ޒިއަން ބުނެލިއެވެ. އެޔާއި އެކީ މާޒިން އާއި އީމާން ޒިއަން އަށް ބަލަން ފެށިއެވެ. ޒިއަން ކައިރިއަށް ހިނިއައެވެ.

"ދެން އެކަހަލަ ކަމެއް ނޫނޭ ރީތިއްޔާ ރީއްޗޭ ބުނެވޭނެ ދޯ؟" އަމިއްލަ ނަފްސު ދިފާއު ކުރުމުގެ ގޮތުން ޒިއަން ބުނެލިއެވެ.

"އެހެންވެއޭ ރާނީ ނުގެނައީ... އޭނަ ބޭނުންހާ ގޮތަކަށް ނޫޅެވޭނެ އެއްނު... ޕްލޭ ބޯއީ އެއް ކައެ ތީ" މާޒިން ޒިއަން އަށް ލޯ އަޅައިލިއެވެ. އެޔާއި އެކީ ޒިއަން އަށާއި އީމާން އަށް ހެވުނެވެ. މާޒިން އިނީ އަޅައިވެސް ނުލައި ފޯނާ ކުޅޭށެވެ.

"އޭ މިހިރީ ދެ ސައިކު" މާޒިންގެ ދެބެންގެ ދެދަރި ކުއްޖަކު އައިސް ގޮވައިލިއެވެ. އެ މީހުން އައިސް ދެ ތަޅުދަނޑި ދިނުމަށްފަހު ހިނގައްޖެއެވެ.

"އަޗި ވޭވް އެއް ކައެ ދުއްވާ" ޒިއަންގެ އުނގަށް ތަޅުދަނޑި އެއްލަމުން މާޒިން ބުނެލިއެވެ.

"ކިހާ ދެރަކަމެއް ކައެ ބުނިނަމަ ޖީއެން އެއް ނޫނީ ނުގެންނައްޗޭ... މަ ދުއްވަފާނަމޭ މަ ލަދެއް ނުގަނެޔޭ" ތަޅުދަނޑި ހިފައިގެން ހިނގައި ގަންނަމުން ޒިއަން ބުނެލިއެވެ. ޒިއަން ސައިކަލަށް އެރުމުން އީމާން އެރީ ޒިއަންގެ ފަހަތަށެވެ.

"ދެން މަ އެކަނިތަ؟" މާޒިން ވަރަށް ދެރަވެލާފައި ބުނެލިއެވެ.

"އަހަރެން ހިނގައިދާނަށް" ފަހަތުން އިވުނީ އަންހެން އަޑެކެވެ. ތިން މީހުން އެކީ ބަލައިލިއިރު ކުރިމަތީގައި ހުރީ އޭރު ޒިއަންގެ ގައިގައި ލައިގަތް އަންހެން ކުއްޖާއެވެ. މާޒިން ފުރަތަމަ ހުރީ ބުނާނެ އެއްޗެއް ނޭންގިފައެވެ. މާޒިން ގަނޑުވެފައި ހުރުމުން ޒިއަން އާއި އީމާން ސައިކަލަށް އަރައި ދުއްވައިލިއެވެ. މާޒިން އަށް ހޭވެރިކަމެއް ވީ އެމީހުން ދިޔަ އަޑަށެވެ. އެހެން ކަމުން އަވަސް ކޮށްލާފައި ދާން މާޒިން އުޅުނެވެ. ސައިކަލަށް އަރައި ސްޓާޓް ކޮށްލުމަށްފަހު އެ ކުއްޖާގެ މޫނަށް މާޒިން ބަލައިލިއެވެ.

"އަރާ" ވިސްނައިލުމަށްފަހު މާޒިން ބުނެލިއެވެ. އެކަނި ދިއުމަށްވުރެ މި މަންޖެ ގޮވައިގެން ދިއުންވެސް މާ ރަގަޅޭ މާޒިންގެ ހިތައް އެރިއެވެ. މާޒިން ހަމަ އަރާށޭ ބުނިއިރަށް އެކުއްޖާ ފަހަތަށް އަރައިފިއެވެ.

ޒިއަން މެންނާއި އެއްވަރު ކުރަން މާޒިން ދުއްވީވެސް ތަންކޮޅެއް ބާރަށެވެ. އެ އަންހެން ކުއްޖާ އިނީ މާޒިންގެ އުނުގަނޑުގައި ބާރަށް ހިފަހައްޓައިގެންނެވެ.

"ކޮން ނަމެއް ކިޔަނީ؟" އެންމެފަހުން މާޒިން އަހައިލިއެވެ.

"ސަބާ" ވަރަށް މަޑުން އިނދެ އެކުއްޖާ ބުނެލިއެވެ.

"ހާދަ މަޑުންނޭ ތީނީ... އަހަރެން ހީކުރީ ވަރަށް އަނގަ ގަދަ ކުއްޖެއް ކަމަށް" މާޒިން ބޭނުންވީ ސަބާ އާއި ވާހަކަ ދައްކައި ރައްޓެހި ވެލާށެވެ. ސަބާ އަކީ ރީތި ކުއްޖެކެވެ. ފުރަތަމަ ނަޒަރުން މާޒިންގެ ހިތައް ގޮތެއް ވެއްޖެއެވެ.

"އާނ ދެން އާ ވީމަ... މަނިކުބެ ކުއްޖެއް ދޯ؟" ސަބާ އަހައިލިއެވެ. މާޒިން ބޯ ޖަހައިލިއެވެ.

"އަސްލު ފްރެންޑްސް ބުނީ ނުކެރޭނެއޯ ބުނާކަށް ބުރެއް ޖަހަން ގެންދާށެކޭ... އެހެންވެ އެހީ" ވީ ގޮތް ސަބާ ކިޔައިދިނެވެ. މާޒިން އަނެއްކާވެސް ބޯ ޖަހައިލިއެވެ.

"މާޒިން ދޯ؟" ސަބާ އަހައިލިއެވެ. އަނެއްކާވެސް މާޒިން ބޯ ޖަހައިލިއެވެ.

"މަނިކުބެ ވަރަށް ދައްކާނެ މާޒިން ވާހަކަ..." ސަބާ ބުނެލިއެވެ.

"ސަބާ ވަރަށް ގިނައިން އަންނަންތަ ގެއަށް؟" މާޒިން އަހައިލިއެވެ.

"އާނ.. ތިގެޔާ ޖެހިގެންނޭ އަހަރެންގެ ގެ ހުންނަނީ އެހެންވެ" ސަބާ އޮޅުންފިލުވައި ދިނެވެ. އިސާހިތަކު ދެމީހުން ވަރަށް ރައްޓެހި ވެއްޖެއެވެ.

"ބަލާބަލަ ދެ ގޮލާ ހީހީފަ" މާޒިން އާއި ސަބާ ދައްކައިލަމުން ޒިއަން ބުނެލިއެވެ.

"ބަހައްޓަބަލަ... އެ ސޮރަށް ވެސް ބިޓެއް ލިބިދާނެ އެއްނު... ލިބުން މަންޖެ ވެސް އެހާ ރީތި" އީމާން މިހެން ބުނުމުން ޒިއަން އެއްބަސް ވުމުގެ ގޮތުން ބޯ ޖަހައިލިއެވެ.

***

ހަވީރުގެ ފިނިފިނި ވަގުތު ރާނީ އުޅުނީ ގަސްތަކަށް ފެންދޭށެވެ. ރާނީގެ ޖާދޫވި އަޑުން ލަވައެއް ކިޔާލަމުން ފެންހޮޅި ހިފައިގެން އައިސް ފަހަރަކު ގަހަކަށް ފެންދެމުން ދިޔައެވެ. ރާނީ އުޅެމުން ދިޔައީ ހުވަފެނީ ދުނިޔެ އެއްގައެވެ. މާތަކުގައި އަތް ހާކަމުން ވަސްބަލަމުން ދިޔައެވެ. އެ ތުންފަތުގައި ވަނީ ތަފާތު ހިނިތުންވުމެކެވެ. އެ ބަގީޗާ އަކީ މިހާރު ރާނީގެ ދިރިއުޅުމުގެ އެއް ބައެވެ.

"ބަލާލަބަލަ ފުމޭ ވަރު... އެ ހިނިތުންވުން ފޭރިގަންނަން މަ ބޭނުމީ!" މަންހާ ދަތްކުނޑި ވިކައިލުމަށްފަހު ސިއްރުން ބުނެލިއެވެ.

"ނަސީބެއްނު މަންހާ އާ ދިމާވިކަން... މި ބުރާންތި ހޯދާތާ ލައްކަ ދުވަސް ވެއްޖެ އޭ" ޝިޔާ ވައި އަޑުން ބުނެލިއެވެ. ދެމީހުންގެ މޫނު މަތިން ފެންނަނީ ރުޅިވެރި ކަމެވެ. ރާނީ އަށް ބަލަން ތިބުމަށްފަހު ދެމީހުން އެތަނުން ދާން ހިނގައިގަތެވެ.

"ރާނީ އަށް ލަނޑެއް ދޭން ފުރަތަމަ ފެންނަނީ" މަންހާ ބުނެލިއެވެ.

"އޭނަ އެންމެ ލޯބިވާނީ އެ އިސްތަށިގަނޑު ދެކެ... މަ ވެސް ދެ ފަހަރު އުޅުނިން އެ ކޮށާލެވޭތޯ... އެކަމަކު ނުވި.... އެ އިސްތަށިގަނޑު ކޮށާލެވިއްޖިއްޔާ އެ މޫނު ފޮރުވައިގެންނެއް ނޫޅެވޭނެ" ވަރަށް ވިސްނަން ހުރެފައި ޝިޔާ ބުނެލިއެވެ. އެމީހުން މިހާރު ތިބީ މަންހާގެ ކޮޓަރީގައެވެ.

"ހިނގާ ކޮށާލަން؟" ކުއްލިއަކަށް މަންހާ އަށް ހިޔާލެއް އައެވެ.

"އެކަމަކު ކިހިނެއްތަ؟" ޝިޔާ ވިސްނައިލިއެވެ.

"ނިދީމަ... ހުރިހާ ތަޅުދަނޑިތަކެއް ހުންނާނެ ސިޓީންރޫމުގަ... އަހަރެމެން އެ ކޮޓަރިއަށް މިރޭ ދަންވަރު ވަދެ ކޮށާލާނީ" މަންހާ ހިޔާލެއް ދިނެވެ. އޭގެ ފަހުން އެމީހުން މަޝްވަރާ ކުރަމުން ދިޔައީ އެކަން ކުރާނެ ގޮތެވެ.

އެރޭގެ ވަގުތެވެ. މުޅި ގޭތެރެއަށް ވަނީ މަރުގެ ހިމޭންކަން ވެރިވެފައެވެ. މަންހާ އާއި ޝިޔާ ސިޓިން ރޫމުގައި އުޅުނީ ދެ ވަގުން ފަދައިންނެވެ. މަޑުމަޑުން ތަޅުދަނޑިތައް އަޅާފައި ހުރި ދަޅު ހިފައިގެން ގޮސް ރާނީގެ ކޮޓަރީގެ ތަޅަށް ފަހަރަކު ތަޅުދަނޑިއެއް ވައްދަން ފެށިއެވެ. ތަޅުދަނޑި ދިމާވުމުން މަންހާ މަޑުމަޑުން ތަޅުދަނޑި އަނބުރައިލިއެވެ. އެއާއި އެކީ ތަޅު ހުޅުވިގެން ދިޔައެވެ. ޝިޔާ އަނގަމަތީގައި ޝަހާދަތް އިނގިލި ޖައްސައިލިއެވެ. އަދި ދޮރު ކުޑަކޮށް ހުޅުވައިލުމަށްފަހު އެތެރެ ބަލައިލިއެވެ. ރާނީ އޮތީ ގަދަ ނިދީގައެވެ. އިސްތަށިގަނޑުގެ އެއްބައި އޮތީ އެނދުން ބޭރަށް ވެއްޓިފައެވެ. އެ މޫނު އޮތީ ހާމައަށެވެ. މަންހާ އަށް އެ މޫނަށް ބަލާކަށް ނުކެރުނެވެ. ދެމީހުން ފައިގެ ދެ އިނގިލި ޖައްސައިގެން ކޮޓަރިތެރެއަށް ދެމިގަތެވެ. ކަތުރު އޮތީ ޝިޔާގެ އަތުގައެވެ. ރާނީގެ އިސްތަށިގަނޑު ކޮށައިލުމަކީ ވަރަށް ކުރީއްސުރެ ޝިޔާ ދެކެމުން އައި ހުވަފެނެއް ކަމުން، އެ މަސައްކަތް ކުރާނީ އޭނާއެވެ.

ދެމީހުން މަޑުމަޑުން އައިސް އެނދު ކައިރީގައި އިށީނެވެ. ރާނީގެ މޫނަށް ބަލައިލުމަށްފަހު ޝިޔާ އަތަށް ކަތުރު ހިޔޮވަރުކޮށްލިއެވެ. އަދި އެނދުން ވެއްޓިފައި އޮތް އިސްތަށިގަނޑު އެގޮތް މިގޮތަށް ކޮށަންފެށިއެވެ. އެވަގުތު ރާނީ ކުޑަކޮށް ފުރުޅެލިއެވެ. ވަގުތުން ދެމީހުން ތިރިވެލިއެވެ. ރާނީގެ ހިލަމެއް ނުވުމުން ދެމީހުން ބޯ ހިއްލައިލިއެވެ. އެޔާއި އެކީ އެންމެ ބޮޑަށް ސިހުނީ މަންހާއެވެ. ރާނީ އޮތީ އެމީހުންނާއި ދިމާލަށް އެނބުރިގެންނެވެ. ނަމަވެސް އަދިވެސް އޮތީ ނިދާފައެވެ. ރާނީގެ މޫނުގައި ހުރި ލަފު އޮތީ މައްޗަށް ކަމުން އޮރެންޖު އަލީގައި ރާނީ ހަގީގަތުގައި ވެސް ހީވަނީ ޖިންނި އެއް ހެންނެވެ. ބިރުން ހުންނަން ނުކެރިގެން މަންހާ ކޮޓަރިން ނިކުތެވެ. ޝިޔާ އަދިވެސް ބެލީ ބޮޑަށް ކޮށާލެވޭތޯއެވެ. ނަމަވެސް ރާނީ އޮތްގޮތުން އަތެއް ނުވިއެވެ. އެހެން ކަމުން އޭނާ އެކޮޓަރިން ނިކުތެވެ.

ރާނީގެ ކޮޓަރީގެ ދޮރު މަޑުމަޑުން ޖެހުމަށްފަހު ދެމީހުން އެކަކު އަނެކަކުގެ މޫނަށް ބަލައިލިއެވެ. ދެމީހުންގެ މަސައްކަތް ކާމިޔާބު ވުމުން ދެމީހުންގެ މޫނުމަތިން ވެސް ފެންނަމުން ދިޔައީ އިންތިހާ ދަރަޖައިގެ އުފާވެރިކަމެވެ.

"ހާދަ ހިތްހަމަޖެހިއްޖެއޭ... މާދަން ހުންނާނެ ފޯރި" އެނދު މައްޗަށް ވެއްޓި ގަންނަމުން ޝިޔާ ބުނެލިއެވެ. މަންހާ ލަވައެއް ޖެހުމަށްފަހު ނަށައިލިއެވެ.

"އަދި މީ ކުޑަވަރެއް... ބަލަން ހުންނައްޗޭ އަދި" ޑާންސް ކުރަމުން މަންހާ ބުނެލިއެވެ. ޝިޔާ އެނދުމަތީގައި އޮތީއެވެ.

ރާނީ އަށް ހޭލެވުނީ އެލާމް ވާ އަޑަށެވެ. ގަޑިން ހެނދުނު ހަތެއް ޖެހީއެވެ. ލޯ ހުޅުވައިލެވުމާއި އެކީ މުޅި ކަރުދޮށް ކަހަން ފެށިއެވެ. ރާނީ ކަހަމުން ތެދުވިއެވެ. އެނދުން ތެދުވުމުގެ ގޮތުން ތަޅަންމަތީ ފައި އެޅުމާއި އެކީ ރާނީ ދިޔައީ ސިއްސައިގެންނެވެ. ރާނީ އަށް ފައި މި އެޅުނީ ކޯންޗެއްގައި ތޯ ބަލައިލަން ތަޅަންމައްޗަށް ނަޒަރު ހިންގައިލިއެވެ. އެޔާއި އެކީ ދެ ލޯ ބަޑުވެގެން ދިޔައެވެ. ހަމަ އެ ސިކުންތުގައި އިސްތަށިގަނޑުގައި އަތް ހާކައިލެވުނެވެ. ރާނީ ދުވެލާފައި ގޮސް ލޯގަނޑު ކައިރީގައި މަޑުކޮށްލިއެވެ. އެޔާއި އެކީ ދެލޯ އަދި އެއަށްވުރެ ބޮޑަށް ހުޅުވުނެވެ. ތުންފަތް ތުރުތުރު އަޅަން ފެށިއެވެ. އޭނާ އެންމެ ލޯބިވާ އިސްތަށިގަނޑު މިހާރު އޮތީ އުޅަނބޮށިން މައްޗަށެވެ. އިސްތަށިގަނޑު ވަނީ އެކި ގޮތްގޮތަށް ކޮށާފައެވެ. ރާނީގެ ތުރުތުރު އަޅަމުން ދިޔަ ތުންފަތުގައި ދަތް އަޅައިލެވުނެވެ. އިސާހިތަކު ލޮލުން ކަރުނަ އަންނަން ފެށިއެވެ. ރާނީ ބޮލުގައި އަތް ހާކަމުން ދިޔައެވެ. މިހެން ވާންވީ ކީއްވެގެން ހެއްޔެވެ. މިއީ ކާކުގެ ކަމެއް ހެއްޔެވެ. އަނެއްކާ މީ މަންހާގެ ކަމެއް ހެއްޔެވެ. އެ ނޫނީ ދެވަނަ މީހަކު ނުވާނެއެވެ. މިއީ މަންހާގެ ކަމެކެވެ. ރާނީގެ ލޮލުން ރުޅިވެރިކަން ފެންނަން ފެށިއެވެ. ޒިއަން ކައިރީގައި ނުބުނެ ދެން ކެތެއް ނުވާނެއެވެ.

ރާނީ ފޯނު ހޯދައިލުމަށްފަހު ޒިއަން އަށް ގުޅައިލިއެވެ. ޒިއަން ފޯނެއް ނުނެގިއެވެ. ރާނީ އަށް ފަހަރެއް ފަހަރަކަށް ވުރެ ބާރަށް ރޮވެމުން ދިޔައެވެ. އަތް ވެސް ތުރުތުރު ލާން ފަށައިފިއެވެ. އަނެއްކާވެސް ޒިއަން އަށް ގުޅައިލިއެވެ.

"ޒިއަން" އެކޮޅުން ފޯނު ނެގުމާއި އެކީ ތުރުތުރު ލާފައިވާ އަޑަކުން ރާނީ ގޮވައިލިއެވެ.

"ރާނީ ޒިއަން ހިނގައްޖެ ބޭރަށް ފޯނު ބައިންދާފަ... މިއުޅެނީ ޕިކްނިކް ދާން ވެގެން މިއަދު" އެކޮޅުން ފޯނު ނެގީ މާޒިން އެވެ. މާޒިންގެ އަޑު ޖެހުމުން ރާނީ ހަމަޖެހޭތޯ މަސައްކަތް ކުރިއެވެ.

"އެހެންތަ.. ޒިއަން ކައިރީ ބުނައްޗޭ ފްރީ ވެލާފަ ގުޅައްޗޭ" ހިންދިރުވައިލަމުން ރާނީ ބުނެލިއެވެ. މިހެން ބުނުމަށްފަހު މާޒިންގެ ޖަވާބެއް ލިބުމުން ރާނީ ފޯނު ކަނޑައިލިއެވެ. އެ ދަތުރެއް ޒިއަން ދިޔަތާ މިއީ ތިން ވަނަ ދުވަހެވެ. އެންމެ ފަހަރަކުވެސް ޒިއަން އާއި ވާހަކަ ދެއްކޭ ގޮތެއް ނުވެއެވެ. އެކަމާ ވެސް ރާނީ ދެރަވިއެވެ. އަނެއްކާވެސް ލޯގަނޑު ކައިރީގައި މަޑުކޮށްލުމަށްފަހު އަމިއްލަ ސޫރައަށް ބަލައިލިއެވެ.

އިރުކޮޅަކުން ކަތުރެއް ހިފައިގެން އައިސް ރާނީ އިސްތަށިގަނޑު އެއްވަރުކޮށްލިއެވެ. މިހާރު އެފަން އިސްތަށިގަނޑު އަރަނީ ރާނީގެ ކޮނޑާ ހިސާބަށެވެ. އުމުރުން ބާރަ އަހަރުން ފެށިގެން އެހާ ލޯބިން ދިގުކުރި އިސްތަށިގަނޑު އެންމެ ރެއަކުން ގެއްލުމުން ރާނީ ހުރީ ހިތްފަޅައިގެން ގޮސްފައެވެ. މުޅި ހަށިގަނޑުން ހީވަނީ ބައެއް މަދުހެންނެވެ. ތިރީ ތުންފަތުގައި ދަތް އަޅައިލުމަށްފަހު ރާނީ ދިޔައީ ފެންވަރާށެވެ.

ރާނީ ނިކުންނާނެ އިރެއްގެ އިންތިޒާރުގައި ތިބި ޝިޔާ އާއި މަންހާ ތިބީ ސޯފާގައި އިށީންދެގެންނެވެ. ޝިޔާ ރޭގައި ނިދީވެސް އެގޭގައެވެ. އިރުކޮޅަކުން ރާނީގެ ކޮޓަރީގެ ދޮރު ހުޅުވުނެވެ. ދެމީހުންނަށް އެއްފަހަރާ ބަލައިލެވުނެވެ. ރާނީ ހުރީ އިސްތަށިގަނޑު އެއްވަރު ކޮށްލައިގެންނެވެ. އަދިވެސް އެމޫނުގެ އެއްބައި ހުރީ ފޮރުވާފައެވެ. ހަމަ އެ ރީތިކަމެވެ. މަދީ ހަމައެކަނި އެލިފައި އޮންނަ ދިގު އިސްތަށިގަނޑު އެކަންޏެވެ.

ކޮޓަރިން ނިކުމެގެން އައި ރާނީ އަށް ދެމީހުން ފެނުމުން ބަލައިލެވުނެވެ. ރާނީގެ މޫނުމަތިން އެއްވެސް ކަހަލަ އަސަރެއް ނުދެއްކޭތޯ ވަރަށް މަސައްކަތް ކުރިއެވެ. އެމީހުންނަށް ކަޅިއެއް އެއްލުމަށްފަހު ރާނީ ދިޔައީ ބަދިގެއަށެވެ. ޒާހިދާ އަށް ރާނީ ފެނުމުން ވަރަށް ސުވާލު ކުރިއެވެ. ނަމަވެސް ޒިއަން ކައިރީގައި ނުބުނެ މަންމަ ކައިރީގައި ބުނާކަށް ރާނީ ބޭނުމެއް ނުވެއެވެ. އެހެން ނޫނަސް، ރާނީ ފުރަތަމަ ޖެހޭނީ އެއީ މަންހާގެ ކަމެއް ކަމަށް މަންމަ އަށް ޔަގީން ކޮށްދޭން ހެކި ދައްކާށެވެ. ރާނީގެ އަތަކު އެއްވެސް ހެއްކެއް ނެތެވެ. ޒިއަން އޭނާގެ ވާހަކަ ހެއްކަކާއި ނުލާ ގަބޫލުކުރާނެ ކަން ޔަގީނެވެ.

"ކޮށާލީ ހަމަ" ރާނީ ދިނީ ވަރަށް ކުރު ޖަވާބެކެވެ.

(ނުނިމޭ)

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް