އަލް ޢަޞްރު ޕަބްލިކޭޝަންސް އިން ބަރަކާތްތެރި ރަމަޟާން މަހާ ދިމާކޮށް ދިވެހިންނަށް ނުހަނު ބޭނުންތެރި ދެ ފޮތެއް ނެރެފިއެވެ.
ޝައިޚް މުޙައްމަދު އިބްރާހިމް ދިވެހި ބަހުން ލިޔުއްވާފައިވާ މި ދެ ފޮތް ޢަޞްރު ޖަމުޢިއްޔާއިން ނެރުނީ، އެ ޖަމުޢިއްޔާއިން ދެ ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިޔަ "ލޯތަކުގެ ފިނިކަން (ކޫލްނަސް އޮފް ދަ އައިސް)" ނަމާދު ވޯކްޝޮޕް ނިންމުމުގެ ރަސްމިއްޔާތުގައެވެ. މި ރަސްމިއްޔާތުގައި ފޮތް ނެރެދެއްވީ ޤައުމީ ޔުނިވަރސިޓީގެ ފެކަލްޓީ އޮފް ލޯ އެންޑް އިސްލާމިކް ސްޓަޑީޒްގެ ޑީން ޝައިޚް ޢަލީ ޒާހިރު ބިން ސަޢީދު ޤާސިމެވެ.
ޢަޞްރުން، ދިވެހި ހަމަ ކޮންމެ ގޭބިސީއެއްގައިމެ އޮތުން މުހިންމުކަން ފާހަގަކޮށް ނެރުނު 2 ފޮތަކީ ކިތާބުއް ސިޔާމް އަދި ހިސްނުލް މުސްލިމް އެވެ.
މީގެ ތެރެއިން ކިތާބުއް ސިޔާމް އަކީ ރޯދަ އާއި އޭގެ ޙުކުމްތަކާމެދު ލިޔުއްވާފައިވާ ތަފްޞީލީ ފިޤްހު ފޮތެކެވެ. މި ފޮތުގައި ރޯދައާއި ގުޅުންހުރި ގިނަގުނަ ޙުކުމްތަކެއް ވަނީ ބަޔާން ކޮށްދެއްވާފައެވެ. ހިސްނުލް މުސްލިމް ދުޢާ ފޮތަކީ އެ ފޮތުގެ ދިވެހި ތަރުޖަމާ އެކެވެ.
މި ހަފުތާގެ އަންގާރަ ދުވަހުން ފެށިގެން މި ފޮތްތައް ފޮތް ފިހާރަތަކުން ލިބެން ހުންނާނެކަމަށް ޢަޞްރުން މަޢުލޫމާތު ދެއްވައެވެ. އަދި ފޮތްތައް ގަންނަން ބޭނުންފުޅުވާ ފަރާތްތަކުން، ވައިބަރ އިން 7925277 އަށް މެސެޖް ކުރުމުން އަދި ޢަޞްރުގެ ފޭސްބުކް ޕޭޖާއި އިންސްޓަގްރާމް މެދުވެރިކޮށް މުޢާމަލާތް ކުރެއްވުމުން ވެސް ފޮތްތައް އެބޭފުޅަކާ ހިސާބަށް ފޯރުކޮށްދިނުމުގެ ޚިދުމަތް ދޭނެއެވެ.
މިއިން ކޮންމެ ފޮތެއްގެ އަގަކީ 60 ރުފިޔާއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް