ފެނަކައިން ދޮގުހަދާކަމަށް ބުނެ ތ. ގުރައިދޫގައި މުޒާހަރާ ކޮށްފި

ތ. ގުރައިދޫގައި ކަރަންޓުގެ ހިދުމަތް 24 ގަޑިއިރު ނުދެވޭތާ ދެ މަހައްވުރެ ގިނަ ދުވަސްވެފައިވާ ކަމަށް ބުނެ ރައްޔިތުން ނުކުމެ ފެނަކަ ކޯޕަރޭޝަނާއި ދެކޮޅަށް މުޒާހަރާ ކޮށްފި އެވެ. ގާތްގަނޑަކަށް 200 އެއްހާ މީހ...

14 May 2018 | 13:25

ތ. ގުރައިދޫގައި ކަރަންޓުގެ ހިދުމަތް 24 ގަޑިއިރު ނުދެވޭތާ ދެ މަހައްވުރެ ގިނަ ދުވަސްވެފައިވާ ކަމަށް ބުނެ ރައްޔިތުން ނުކުމެ ފެނަކަ ކޯޕަރޭޝަނާއި ދެކޮޅަށް މުޒާހަރާ ކޮށްފި އެވެ.

ގާތްގަނޑަކަށް 200 އެއްހާ މީހުން ނުކުމެ ފެނަކަ ކުރައިދޫ ބްރާންޗު ކައިރީ މުޒާހަރާ ކޮށްފައިވާއިރު އެމީހުން އަޑު އުފުލާފައިވަނީ 24 ގަޑިއިރު ކަރަންޓު ޔަގީންކޮށްދިނުމަށް ގޮވާލާ އެވެ. އަދި ކުރިޔަށް އޮތް ރޯދަ މަހު ކަރަންޓުގެ މައްސަލަ ދިމާނުވާނެ ގޮތެއް ހަމަޖައްސައިދިނުމަށް ގޮވާލި އެވެ.

ގުރައިދޫ ކައުންސިލްގެ ރައީސް އަލީ ރަޝީދު ދުވަހަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ކޮންމެ 20 މިނެޓަކުން ރަށުން ކަރަންޓުދާތާ މިހާރު ދެމަހެއްހާ ދުވަސް ވެއްޖެ ކަމަށެވެ. އަދި މިދިޔަ އަހަރުން ފެށިގެން އެ ރަށަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަ ހައްލު ކޮށްދޭނެ ކަމަށް ފެނަކަ އިން ބުނަމުންދިޔަ ނަމަވެސް އެކަމަށް ހައްލެއް ގެނެސްދެވިފައި ނުވާ ކަމަށެވެ.

އެގޮތުން މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައި ފެނަކައިގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފު އެރަށަކަށް ކުރެއްވި ދަތުރެއްގައި އެ މަހުގެ ތެރޭގައި 800 ކިލޯ ވޯޓުގެ ޖަނަރޭޓަރެއް ގުރައިދޫއަށް ފޮނުވާނެ ކަމަށް ވިދާޅުވި ކަމަށެވެ. އަދި ފަހުން އެ ޖަނަރޭޓަރު ފޮނުވާނެ ކަމަށް ބުނީ ރޯދައިގެ ކުރިން ކަމަށެވެ.

މީގެ އިތުރުން މީގެ ދެ ހަފްތާ ކުރިން މެޑަމް ފާތިމަތު އިބްރާހިމް އާއި އެކު މިހާރުގެ ފެނަކައިގެ މެނޭޖިން ޑިރެކްޓަރު އެ ރަށަށް ކުރެއްވި ދަތުރުގައި މިދިޔަ ހަފްތާ ތެރޭގައި އެ ޖަނަރޭޓަރު ފޮނުވައިދޭނެ ކަމަށް ވިދާޅުވި ކަމަށެވެ.

"މިހާ ގިނައިން ރައްޔިތުންނަށް އޮޅުވާލަމުންދާތީ ރައްޔިތުން ތިބީ ވަރަށް ބޮޑަށް ސަރުކާރާއި މެދު ހިތްހްމަ ނުޖެހިފަ. ދަތި ހާލުގައި ރައްޔިތުން އުޅެމުންދާއިރު އެތަން ސަރުކާރަށް އެއްގޮތަކަށްވެސް ނުފެނޭ،" އަލީ ރަޝީދު ވިދާޅުވި އެވެ.

އެރަށަށް ކަރަންޓު ދިނުމަށް 400 ކިލޯ ވޯޓާއި، 270 އަދި 250 ކިލޯ ވޯޓުގެ ޖަނެރޭޓަރު ބޭނުން ކުރެއެވެ. އެކަމަކު އޭގެ ތެރެއިން 400 ކޮލޯ ވޯޓުގެ ޖަނެރޭޓަރު ހަލާކުވެފައި ހުންނަތާ އެތައް ދުވަހެއް ވެއްޖެ ކަމަށް އޭނާ ވިދާޅުވި އެވެ.

ތ. ގުރައިދޫ އަކީ 2100 އަށްވުރެ ގިނަ މީހުން އާބާދީއެއް އޮންނަ ރަށެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް