މައުމޫންގެ އާއިލީ ބައްދަލުވުން ހުއްޓުވުނީ އޮޅުމަކުން!

ޝަރީއަތް ނިމެންދެން ބަންދުކޮށްފައިވާ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ފުލުހުންނަށް އެއްބާރުލުން ނުދޭ ކަމަށް ބުނެ ބައެއް ހިދުމަތްތައް މެދުކަނޑާލެވުނީ އޮޅުމަކުން ކަމަށް ބުނެފި އެވެ. މައުމޫންގެ ގ...

14 May 2018 | 10:15

ޝަރީއަތް ނިމެންދެން ބަންދުކޮށްފައިވާ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ފުލުހުންނަށް އެއްބާރުލުން ނުދޭ ކަމަށް ބުނެ ބައެއް ހިދުމަތްތައް މެދުކަނޑާލެވުނީ އޮޅުމަކުން ކަމަށް ބުނެފި އެވެ.

މައުމޫންގެ ގާނޫނީ ވަކީލު މައުމޫން ހަމީދު (މާނު) މިއަދު ހެނދުނު ވިދާޅުވީ ފުލުހުންގެ ބަންދުގައި ހުންނެވި މައުމޫން އިއްޔެ އޮތް ޝަރީއަތަށް ސިއްހީ ހާލު ކޮޅު ހުރި ގޮތުން ހާޒިރު ނުވެވޭނެ ކަމަށް އެމަނިކުފާނުގެ ފަރާތްޕުޅުން އެންގުމުން އެއްބާރުލުން ނުދޭ ކަމަށް ބުނެ ހިދުމަތްތައް މެދުކަނޑާލީ އިއްޔެއިން ފެށިގެން ކަމަށެވެ. މެދުކަނޑާލި ހިދުމަތްތަކުގެ ތެރޭގައި ހިމެނެނީ އާއިލީ ބައްދަލުވުންތަކާއި ފޯނު ކޯލުގެ ހިދުމަތެވެ.

މައުމޫންގެ އާއިލީ ގާތް މީހަކު މެންދުރު ފަހު ވިދާޅުވީ ހެނދުނު ފުލުހުން އެގޮތަށް އެންގުމުން މައުމޫންގެ އަނބިކަނބަލުން ނަސްރީ އިބްރާހިމް ކަމާ ބެހޭ ގިނަ އިދާރާތަކަކަށް ގުޅުއްވި ކަމަށެވެ. އަދި ފަހުން ފުލުހުން ގުޅައި ބައްދަލުވުންތައް މެދުކަނޑާލެވުނީ ކަސްޓޯޑިއަލްއަށް އެރި އޮޅުމަކުން ކަމަށް ބުނެ އަލުން ފޯމު ލުމަށް އެދިފައިވާ ކަމަށެވެ.

އޭނާ ވިދާޅުވީ އަލުން ފޯމު ލުމުން މާދަމާއަށް މިހާރު އާއިލީ ބައްދަލުވުން ހަމަޖައްސައިދީފައިވާ ކަމަށެވެ. މިދިޔަ ދެ ހަފްތާއެއްހާ ދުވަހުގެ ތެރޭގައި މައުމޫންގެ ހާލުކޮޅު ގޯސްވެ ނަސްރީނާ ގެންދަވަނީ ކޮންމެ ދެ ދުވަހުން އެއްދުވަހުހެން ދޫނިދޫ ޖަލަށް ވަޑައިގެން މައުމޫނަށް އެހީތެރިވެދެއްވަމުންނެވެ.

މާނު ވިދާޅުވި ގޮތުގައި މައުމޫންގެ ސިއްހީ ހާލުކޮޅު ހުރި ގޮތުން ގޭބަންދަށް ބަދަލުކޮށް ދިނުމަށް އެދި މުއައްސަސާތަކަށް ހުށަހެޅި އެއްވެސް ސިޓީ އަކަށް މިހާތަނަށް ނަތީޖާއެއް ނުލިބެ އެވެ. އަދިވެސް ތަކުރާރުކޮށް މުއައްސަސާތަކަށް ހުށަހަޅުއްވާނެ ކަމަށް ވިދާޅުވި އެވެ.

ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ހައްޔަރުކޮށް ތިން ދައުވާއެއް މައުމޫންގެ މައްޗަށް އުފުލާފައިވާއިރު އެ ދައުވާތަކުގެ ޝަރީއަތް ނިމެންދެން މައުމޫން ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން ވަނީ ހުކުމް ކޮށްފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް