ހަތަރު އަހަރު ތެރޭގައި ބީއެމްއެލްގެ ފައިދާ ދެގުނަ އިތުރުވެއްޖެ: އެންޑްރޫ

މިދިޔަ ހަތަރު އަހަރުތެރޭގައި ބޭންކް އޮފް މޯލްޑިވްސްއަށް ލިބުނު ފައިދާ ދެގުނަ އިތުރުވެފައިވާ ކަމަށް އެ ބޭންކުގެ ސީއީއޯ އެންޑްރޫ ހީލީ ވިދާޅުވެއްޖެ އެވެ. ރޭ ބޭއްވި ބީއެމްއެލްގެ އަހަރީ އާންމު ޖަލްސާގައި ހ...

14 May 2018 | 07:56

މިދިޔަ ހަތަރު އަހަރުތެރޭގައި ބޭންކް އޮފް މޯލްޑިވްސްއަށް ލިބުނު ފައިދާ ދެގުނަ އިތުރުވެފައިވާ ކަމަށް އެ ބޭންކުގެ ސީއީއޯ އެންޑްރޫ ހީލީ ވިދާޅުވެއްޖެ އެވެ.

ރޭ ބޭއްވި ބީއެމްއެލްގެ އަހަރީ އާންމު ޖަލްސާގައި ހިއްސާދާރުންނާއި މުހާތަބުކޮށް ވާހަކަ ދައްކަވަމުން އެންޑްރޫ ވިދާޅުވީ އެހާ ބޮޑު ފައިދާއެއް ބޭންކަން މި ވޭތުވެ ދިޔަ ތަނުގައި ލިބިފައިވަނީ ހަރުދަނާ ގޮތެއްގައި ވިޔަފާރި ފުޅާކުރެވި، އުފެއްދުންތެރި ނޫން ލޯނުގެ ނިސްބަތް ބޮޑުތަނުން ދަށްކުރެވުމުގެ ސަބަބުން ކަމަށެވެ. އެގޮތުން އުފެއްދުންތެރި ނޫން ލޯނުގެ ނިސްބަތްވަނީ 20.3 ޕަސެންޓުން 4.1 ޕަސެންޓަށް ދަށްކުރެވިފަވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އެންޑްރޫ ވިދާޅުވީ އެ ބޭންކްގެ ހިއްސާގެ އަގަށް އައި 240 ޕަސެންޓްގެ ކުރިއެރުމާއެކު ހިއްސާދާރުންނަށް އެކަމުގެ ފައިދާ ލިބިފައިވާ ކަމަށެވެ. އަދި އެ މުއްދަތުގައި ޓެކްސް އާއި ހިއްސާގެ ފައިދާގެ ގޮތުގައި ބޭންކުން 1.3 ބިލިއަން ރުފިޔާ ދައުލަތަށް ދައްކާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ކަސްޓަމަރުންނަށް ދޭ ހިދުމަތާ ގުޅޭގޮތުން އޭނާ ވިދާޅުވީ ޒަމާނީ ޓެކްނޮލޮޖީ އަށް ކުރަމުންދާ އިންވެސްޓްމަންޓްގެ އެހީގައި ކަސްޓަމަރުން ހިދުމަތް ހޯދާ ގޮތަށް ބަދަލުގެނެވި ބޭންކުގެ ކަސްޓަމަރުން ހިންގާ ކޮންމެ ދިހަ މުއާމަލާތަކުން ނުވަ މުއާމަލާތް ހިންގަނީ އޮންލައިންކޮށް ކަމަށެވެ. އަދި މީގެ ކުރިން އާންމުކޮށް ކުރަންޖެހޭ މުއާމަލާތްތައް ބޭންކުގެ ބްރާންޗްތައް މެދުވެރިކޮށް ކުރަމުންދިޔަ ނަމަވެސް އެކަމަށް ވަރަށް ބޮޑު ބަދަލެއް ގެނެވި އެ މުއާމަލާތްތައް މިހާރު ކުރަމުންދަނީ މޮބައިލް، އިންޓަނެޓް އަދި ސެލްފް ސާވިސް ބޭންކިން ސެންޓަރުތައް މެދުވެރިކޮށް ކަމަށް ވެސް އެންޑްރޫ ވިދާޅުވި އެވެ.

"މިދިޔަ އަހަރު މާލޭގައި ހުޅުވި ކަސްޓަމަ ސާވިސް ސެންޓަރާއި ހިދުމަތަށް ގެނައި ބަދަލުތަކާއެކު ކަސްޓަމަރުންނަށް ދެވޭ ހިދުމަތުގެ ފެންވަރު ވަރަށް ބޮޑަށް ރަގަޅު ކުރެވިފައި. ބީއެމްއެލްގެ ކަސްޓަމާ ސެޓިސްފެކްޝަން ލެވެލް މިހާރު ވަނީ ރާއްޖޭގެ އެހެން ބޭންކުތަކަށްވުރެ މަތީގައި. އަދި މި ލެވެލް ހުރީ އޭޝިއާ ގެ ސަރައްހައްދުގެ އެވްރެޖަށްވުރެ 8 ޕަސެންޓް މަތީގައި،" އެންޑްރޫ ވިދާޅުވި އެވެ.

އެންޑްރޫ ވިދާޅުވީ މުޖުތަމައަށް އެހީތެރިވުމަށް ބޭންކުން 100 އަށް ވުރެ ގިނަ ޕްރެޖެކްޓް ހިންގާފައިވާކަމަށެވެ. އަދި މިދިޔަ އަހަރު އެކަނިވެސް "އަހަރެންގެ ބޭންކް" ޕްރޮގްރާމްގެ ދަށުން 300 މިލިއަން ރުފިޔާ އިންވެސްޓްކޮށްފައިވާކަން އޭނާ ފާހަގަކުރެއްވި އެވެ.

"ބޭންކަށް ލިބޭ ފައިދާ އަނބުރާ މުޖުތަމަށް ދިނުމުގެ ގޮތުން ކުރެވުނު މި އިންވެސްޓްމަންޓްތަކުން ދިވެހި އެކި މުޖުތަމައުތަކަށް ވަރަށް ބޮޑު މަންފާއެއް ވަނީ ލިބިފައި. އަދި މިވޭތުވެދިޔަ ހަތަރު އަހަރަށް ބަލާއިރު ބްރާންޗް ވިއުގަ 30 ޕަސެންޓުން ފުޅާކުރެވި، 35 ސެލްފް ސާވިސް ބޭންކިން ސެންޓަރާއެކު އޭޓީއެމްގެ އަދަދު މިވަނީ ދެގުނަ އަށް އިތުރުކުރެވިފައި،" އެންޑްރޫ ވިދާޅުވި އެވެ.

"މިހާރު ކޮންމެ އަތޮޅެއްގައި ބޭންކުގެ ބްރާންޗެއް އަދި މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ބްރާންޗެއް، އޭޓީއެމް އެއް ނުވަތަ އެޖޭންޓެއް މިވަނީ ގާއިމްކުރެވިފައި."

ހިއްސާދާރުންނާ ވާހަކަފުޅުދައްކަވަމުން ބީއެމްއެލްގެ ސީއީއޯ ވަނީ މުވައްޒަފުންނަށް ތައުރީފްކޮށްފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް