ޝަރީއަތް ނިމެންދެން ބަންދުކޮށްފައިވާ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ފުލުހުންނަށް އެއްބާރުލުން ނުދޭ ކަމަށް ބުނެ ބައެއް ހިދުމަތްތައް މެދުކަނޑާލައިފި ކަމަށް އެމަނިކުފާނުގެ ގާނޫނީ ވަކީލު މައުމޫން ހަމީދު ވިދާޅުވެއްޖެ އެވެ.
ވަކީލު މައުމޫން (މާނު) ކުރައްވާފައިވާ ޓުވީޓެއްގައި ވިދާޅުވެފައިވަނީ އިއްޔެ އޮތް މައުމޫންގެ ޝަރީއަތަށް ސިއްހީ ހާލު ކޮޅު ހުރި ގޮތުން ހާޒިރު ނުވެވޭނެ ކަމަށް އެމަނިކުފާނުގެ ފަރާތްޕުޅުން އެންގުމުން އެއްބާރުލުން ނުދޭ ކަމަށް ބުނެ ހިދުމަތްތައް މެދުކަނޑާލީ އިއްޔެއިން ފެށިގެން ކަމަށެވެ.
މެދުކަނޑާލި ހިދުމަތްތަކުގެ ތެރޭގައި ހިމެނެނީ އާއިލީ ބައްދަލުވުންތަކާއި ފޯނު ކޯލުގެ ހިދުމަތެވެ. އެހިދުމަތްތައް ކަނޑާލީ މިމަހުގެ 28 ވަނަ ދުވަހުގެ ނިޔަލަށެވެ.
އޭނާ ވިދާޅުވީ މައުމޫންގެ ސިއްހީ ހާލުކޮޅު ސީރިއަސް ވެފައިވާއިރު، ފުލުހުންގެ މި އަމަލުގެ ސަބަބުން އެމަނިކުފާނުގެ ހާލުކޮޅު އިތުރަށް ގޯސްވާނެ ކަމަށެވެ. އަދި މި ދުވަސްކޮޅު އާއިލާގެ އެހީތެރިކަން އިތުރަށް މައުމޫނަށް ބޭނުންވެވަޑައިގެންނަވާ ކަމަށެވެ.
އޭނާ ވިދާޅުވި ގޮތުގައި މައުމޫންގެ ސިއްހީ ހާލުކޮޅު ހުރި ގޮތުން ގޭބަންދަށް ބަދަލުކޮށް ދިނުމަށް އެދި މުއައްސަސާތަކަށް ހުށަހެޅި އެއްވެސް ސިޓީ އަކަށް މިހާތަނަށް ނަތީޖާއެއް ނުލިބެ އެވެ. އަދިވެސް ތަކުރާރުކޮށް މުއައްސަސާތަކަށް ހުށަހަޅުއްވާނެ ކަމަށް މައުމޫން ވިދާޅުވި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް