އެމްއައިބީގެ ފައިސާނެޓް އަދި ފައިސާމޮބައިލް އަށް ރަޖިސްޓާ ކުރުމަށް އިތުރު ފަސޭހައެއް

މޯލްޑިވްސް އިސްލާމިކް ބޭންކުގެ އިންޓަނެޓް ބޭންކިން ޚިދުމަތް (ފައިސާނެޓް) އަދި އަލަށް ތައާރަފު ކުރި މޯބައިލް ބޭންކިންގެ ހިދުމަތް ކަމަށްވާ "ފައިސާމޮބައިލް" ގެ ހިދުމަތް ފެށުމަށް ބޭނުންވެލައްވާ ފަރާތްތަކަ...

14 May 2018 | 06:34

މޯލްޑިވްސް އިސްލާމިކް ބޭންކުގެ އިންޓަނެޓް ބޭންކިން ޚިދުމަތް (ފައިސާނެޓް) އަދި އަލަށް ތައާރަފު ކުރި މޯބައިލް ބޭންކިންގެ ހިދުމަތް ކަމަށްވާ "ފައިސާމޮބައިލް" ގެ ހިދުމަތް ފެށުމަށް ބޭނުންވެލައްވާ ފަރާތްތަކަށް މައުލޫމާތު ދީ އެޚިދުމަތްތަކަށް ފަސޭހަކަމާއި އެކު ރަޖިސްޓާރކުރެވޭނެ ހަރަކާތެއް އެ ބޭންކުން ފަށައިފި އެވެ.

އެމްއައިބީއިން ވިދާޅުވިގޮތުގައި މި ހަރަކާތް ކުރިޔަށް ގެންދަނީ އަމީރު އަހުމަދު މަގުގައި ހުންނަ އެ ބޭންކުގެ މައި ބްރާންޗުގެ ތިރީ ފަންގިފިލާ ކަމަށެވެ. މި ހަރަކާތް ކުރިޔަށް ގެންދަނީ މިހިނގާ މެއި މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށެވެ.

މި ދުވަސްތަކުގައި މައުލޫމާތު ހޯދަން އެމްއައިބީއަށް ދާ ފަރާތްތަކަށް ފައިސާނެޓް އަދި ފައިސާ މޮބައިލް އަށް ރަޖިސްޓާރ ކުރުމަށް ބޭންކުގެ މުވައްޒަފުން އެހީތެރިވެދޭނެ އެވެ. އަދި އެ ބޭންކުގެ ކަސްޓަމަރުންގެ ތެރެއިން ފައިސާ މޮބައިލް އެޕްލިކޭޝަން ފޯނަށް އަޅައި ހިދުމަތް ފަށަން ބޭނުންވާ ފަރާތްތަކަށްވެސް އެހީތެރިކަން ފޯރުކޮށްދިނުމުގެ އިންތިޒާމުވަނީ ހަމަޖައްސަވައި ދެއްވާފައެވެ.

މީގެ އިތުރުން އެމްއައިބީގެ ފައިސާނެޓް އަދި ފައިސާމޮބައިލް އާއި ގުޅޭ މައުލޫމާތު އޮޅުންފިލުވަން ބޭނުންފުޅުވާ ކަސްޓަމަރުންނަށް އެޚިދުމަތްވެސް ލިބޭނެ ގޮތް ވަނީ ހަމަޖެހިފައެވެ.

އެމްއައިބީގެ ފައިސާ މޮބައިލް މެދުވެރިކޮށް އެކައުންޓް ބެލެންސް ބަލާލުމާއި ކުރީގެ މުއާމަލާތްތަކުގެ ތަފްސީލް ބަލާލުމާއި އެމްއައިބީގެ އެއް އެކައުންޓުން އަނެއް އެކައުންޓަށް ފައިސާ ފޮނުވުމުގެ ފުރުސަތުގެ އިތުރުން ރާއްޖޭގެ އެހެން ބޭންކުތަކުގެ އެކައުންޓަކަށް ވެސް ފައިސާ ފޮނުވުމުގެ ހިދުމަތްތައް ލިބެއެވެ.

މިހާރު މާކެޓްގައި ހުރި މި ފަދަ އެޕްލިކޭޝަންތަކުގައި ހިމަނާފައިނުވާ ތަފާތު ފީޗަރ ތަކެއްވެސް އެމްއައިބީގެ ފައިސާމޮބައިލް އެޕްލިކޭޝަންގައި ހިމަނާފައި ވެއެވެ. އެއީ ބަލައިލަން ފަސޭހަ ގޮތުގައި ޓްރާންސެކްޝަންސްގެ ތަފްސީލް ސޭވް ކުރުމުގައި ޝެއަރ ކުރުމުގެ ފުރުސަތާއި ޓްރާންސެކްޝަން ސޯޓް ކުރުމާއި ފިލްޓަރ ކުރުމުގެ ފުރުސަތާއި "ޑްރެގް އެންޑް ޑްރޮޕް" ކޮށް (ދަމާލާފައި ގެންގޮސް އެއް އެކައުންޓުން އަނެއް އެކައުންޓަށް) ފައިސާ ފޮނުވުމުގެ ފުރުސަތުގެ އިތުރުން ޗެކް ފޮތުގެ ތަފްސީލާއި، ޗެކުތަކުގެ އަޕްޑޭޓްވެސް މި އެޕްލިކޭޝަން މެދުވެރިކޮށް ބަލައިލެވެއެވެ. އަދި މީގެ އިތުރުން ބޭންކުން ނަގާފައިވާ ފައިނޭންސިން ފެސިލިޓީތަކުގެ ތަފްސީލުވެސް ބަލާލެވޭނެއެވެ.

އެމްއައިބީގެ ފައިސާނެޓް އަށް ރަޖިސްޓާރ ވާން ބޭނުންފުޅުވާ ފަރާތްތަކަށް ފައިސާނެޓް ވެބްސައިޓުން އޮންލައިންކޮށް ރަޖިސްޓާރ ކުރެވޭނެއެވެ. އަދި ފައިސާމޮބައިލް އެޕްލިކޭޝަން މިހާރު އެޕްސްޓޯރ އަދި ގޫގްލް ޕްލޭ ސްޓޯރ އިން ހިލޭ ޑައުންލޯޑު ކުރެވޭނެއެވެ. ފައިސާނެޓް ބޭނުންކުރައްވާ ކޮންމެ ކަސްޓަމަރަކަށް ވެސް އިތުރު ރެޖިސްޓްރޭޝަނަކާއި ނުލާ ފައިސާމޮބައިލް ބޭނުން ކުރެވޭނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް