ފްރާންސް ލީގުގެ، އަހަރުގެ މޮޅު ކުޅުންތެރިޔަކީ ނޭމާ

ފްރާންސް ލީގުގެ އަހަރުގެ އެންމެ މޮޅު ކުޅުންތެރިޔާގެ (ޕްލެޔަރ އޮފް ދަ ޔަރ) އެވޯޑް ޕީއެސްޖީގެ ބްރެޒިލް ފޯވާޑް ނޭމާ އަށް ލިބިއްޖެއެވެ. ރޭ އޮތް އެވޯޑް ދިނުމުގެ ރަސްމިއްޔާތުގައި ނޭމާއަށް މި އެވޯޑް ހަވާލުކޮ...

14 May 2018 | 05:49

ފްރާންސް ލީގުގެ އަހަރުގެ އެންމެ މޮޅު ކުޅުންތެރިޔާގެ (ޕްލެޔަރ އޮފް ދަ ޔަރ) އެވޯޑް ޕީއެސްޖީގެ ބްރެޒިލް ފޯވާޑް ނޭމާ އަށް ލިބިއްޖެއެވެ. ރޭ އޮތް އެވޯޑް ދިނުމުގެ ރަސްމިއްޔާތުގައި ނޭމާއަށް މި އެވޯޑް ހަވާލުކޮށްދިނީ ބްރެޒިލްގެ ލެޖެންޑް ރޮނާލްޑޯއެވެ.

މިދިޔަ އޮގަސްޓް މަހު ބާސެލޯނާއިން 222 މިލިޔަން ޔޫރޯގެ ދުނިޔޭގެ ރެކޯޑް ޓްރާންސްފާ އެއްގައި ޕީއެސްޖީއަށް ބަދަލުވި ނޭމާ، މި އަހަރުގެ ފެބްރުއަރީ މަހުން ފެށިގެން އަނިޔާގެ ސަބަބުން ހުރީ ކުޅުމާ ދުރުގައެވެ. އެހެނަސް އޭނާއަށް އެވޯޑް ލިބުމަށް މަގު ފަހިވީ ކުޅުނު 20 މެޗުން ޖެހި 19 ލަނޑާއި 13 އެސިސްޓާއެކުގައެވެ.

ޕީއެސްޖީން އަނެއްކާ ވެސް ފްރާންސްގެ ތިން މުބާރާތުގެ ތަށި އެއް ސީޒަނެއްގައި ކާމިޔާބު ކޮށްފައިވާއިރު، ނޭމާގެ މިހާރުގެ އަމާޒަކަށް ވެފައިވަނީ ލީގުގެ ފަހު މެޗަށް ވިޔަސް، އަނިޔާއިން އެނބުރި އަހިސް ކުޅުމުގައި ބައިވެރިވުމެވެ.

ރޭ ބޭއްވި ފްރާންސް ލީގުގެ އެވޯޑް ނައިޓްގައި އެންމެ މޮޅު ކޯޗުގެ މަގާމް ލިބުނީ ޕީއެސްޖީގެ ކޯޗު އުނެއި އެމެރީ އަށެވެ. ޑޮމެސްޓިކް މުބާރާތްތަކުގައި ހޯދި ކާމިޔާބީން މި މަގާމް ލިބުނަސް، ޕީއެސްޖީ އިން ޗެމްޕިއަންސް ލީގުގައި ކާމިޔާބު ހޯދުމަށް ކުރަމުންދާ މަސައްކަތް މިއަހަރު ވެސް ނާކާމިޔާބު ވެފައިވުމާއެކު ޕީއެސްޖީގެ ކޯޗުކަން އެމެރީއަށް ގެއްލުމުގެ ބިރު ވަނީ ހީވެފައެވެ.

ރޭގެ އެވޯޑް ހަފުލާއިގައި "ބެސްޓް ހޯޕް އެވޯޑް" ނުވަތަ އެންމެ އުންމީދީ ކުޅުންތެރިޔާގެ މަގާމް ހޯދީ ޕީއެސްޖީގެ ޒުވާން ފޯވާޑް ކިލިއަން އެމްބާޕޭ އެވެ. އެންމެ މޮޅު ގޯލްކީޕަރގެ އެވޯޑް ގެންދިޔައީ މާސެއިލްގެ ސްޓީވް މަންޑަންޑާއެވެ. އެންމެ މޮޅު ލަނޑަކަށް ހޮވުނީ ބޯޑެކްސްގެ މަލްކޮމް ކާމިޔާބު ކުރި ލަނޑެކެވެ.

މި ސީޒަންގެ ފްރާންސް ލީގުގެ ޓީމް އޮފް ދި ޔަރ އަށް ހޮވިފައިވާ ކުޅުންތެރިން:-

ޕީއެސްޖީގެ:- ނޭމާ، ޑެނީ އަލްވޭސް، މާކުއިނޯސް، ތިއާގޯ ސިލްވާ، މާކޯ ވެރާޓީ، އެމްބާޕޭ އަދި ކަވާނީ

މާސެއިލްގެ:- މަންޑާޑާ އަދި ލުއިޒް ގުސްޓާވޯ

ލިއޯންގެ:- ފާލެންޑް މެންޑީ އަދި ނަބީލް ފާކިރް

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް