ރެކޯޑަކާއެކު ޕްރިމިއާ ލީގުގެ ގޯލްޑަން ބޫޓް ސަލާހަށް

އިނގިރޭސި ޕްރިމިއާ ލީގުގެ ތާރީޚްގައި ވެސް އެއް ސީޒަނެއްގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ ރެކޯޑާއެކު، މުޙައްމަދު ސަލާހް މި ސީޒަންގެ ޕްރިމިއާ ލީގު ގޯލްޑަން ބޫޓް ކާމިޔާބު ކޮށްފިއެވެ. ޕްރިމިއާ ލީ...

14 May 2018 | 05:11

އިނގިރޭސި ޕްރިމިއާ ލީގުގެ ތާރީޚްގައި ވެސް އެއް ސީޒަނެއްގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ ރެކޯޑާއެކު، މުޙައްމަދު ސަލާހް މި ސީޒަންގެ ޕްރިމިއާ ލީގު ގޯލްޑަން ބޫޓް ކާމިޔާބު ކޮށްފިއެވެ.

ޕްރިމިއާ ލީގުގައި އެންމެ ގިނަ ލަނޑު ޖަހާ ކުރާ ކުޅުންތެރިޔާއަށް ދޭ ގޯލްޑަން ބޫޓް، ސަލާހް މި ސީޒަންގައި ކާމިޔާބު ކުރީ މިދިޔަ އަހަރު ގޯލްޑަން ބޫޓް ހޯދީ ޓޮޓެންހަމްގެ ހެރީ ކޭން އާއި ސާޖިއޯ އަގުއޭރޯ އަދި ޖޭމީ ވާޑީ ފަދަ ކުޅުންތެރިންނާ ވާދަކޮށެވެ.

މުޙައްމަދު ސަލާހް ވަނީ މި ސީޒަންގެ ޕްރިމިއާ ލީގުގައި 32 ލަނޑު ޖަހާފައެވެ. މިއީ އިނގިރޭސި ޕްރިމިއާ ލީގުގެ ތާރީޚްގައި ވެސް އެއް ސީޒަނެއްގައި ކުޅުންތެރިއަކު 32 ލަނޑު ކާމިޔާބު ކުރި ފުރަތަމަ ފަހަރެވެ. ސަލާހްއާ އެންމެ ގާތުން ވާދަކުރި ކޭން އަށް ކާމިޔާބު ކުރެވުނީ 30 ލަނޑެވެ. މިދިޔަ ސީޒަންގައި އޭނާ ގޯލްޑަން ބޫޓް ހޯދީ ކުޅުނު 29 މެޗުން ޖެހި 30 ލަނޑާއެކުގައެވެ.

"މި ގޯލްޑަން ބޫޓް އަހަންނަށް ވަރަށް ޚާއްސަ" އެވޯޑް ލިބުމަށްފަހު ސްކައި ސްޕޯޓްސްއާ ވާހަކަދައްކަމުން ސަލާހް ބުންޏެވެ. "އެކަމަކު އަހަރެން ކުރިން ވެސް އެތައް ފަހަރަކު ބުނި ފަދައިން، އަހަރެންގެ ވިސްނުމަކީ ޓީމަށް މެޗުތައް ކާމިޔާބު ކޮށްދިނުމަށް އެހީތެރިވެދިނުން"

"އަހަރެން މިހުރީ ވަރަށް އުފަލުން އަންނަ އަހަރުގެ ޗެމްޕިއަންސް ލީގުގެ ޖާގައެއް އަހަރެމެންނަށް ކަށަވަރުވީމާ އަދި އަހަންނަށް މި އެވޯޑް ލިބުނީތީ" ސަލާހް ބުންޏެވެ. މިފަދަ ރެކޯޑެއް ލިވަޕޫލްގެ އެންފީލްޑް ދަނޑުގައި ގާއިމްކުރެވުމަކީ ލިބުނު ޚާއްސަ އުފަލެއްކަމަށާއި، އަންނަ ސީޒަންގައި ވެސް މި ކާމިޔާބީ ތަކުރާރު ކުރަން މަސައްކަތް ކުރާނެކަމަށް ސަލާހް ވަނީ ބުނެފައެވެ.

އިނގިރޭސި ޕްރިމިއާ ލީގުގެ މި ސީޒަންގެ މޮޅު ކުޅުންތެރިޔާގެ މަގާމް ވެސް ހޯދާފައިވާ، ފުޓްބޯޅައިގެ ދުނިޔޭގައި "އިޖިޕްޓިއަން ކިންގް (މިސްރުގެ ރަސްގެފާނު)" ގެ ނަމުން މަޝްހޫރުވަމުން އަންނަ މުޙައްމަދު ސަލާހްގެ އަމާޒަކަށް ދެން ވާނީ ލިވަޕޫލްއާއެކު މި ސީޒަންގެ ޗެމްޕިއަންސް ލީގު ކާމިޔާބު ކުރުމެވެ. މި މަހުގެ 26 ވަނަ ދުވަހުގެ ޗެމްޕިއަންސް ލީގުގެ ފައިނަލްގައި ރެއާލް މެޑްރިޑާ ދެކޮޅަށް އެ ޓީމު ނުކުންނާނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް