ސްޕެނިޝް ލީގުގެ ޗެމްޕިއަންކަން ކަށަވަރުވެފައިވާ ބާސެލޯނާއިން މެޗަކުން ބަލިނުވެ ލީގު ނިންމާލުމުގެ ރެކޯޑެއް ގާއިމްކުރުމަށް ކުރި އުންމީދަށް ލެވަންޓޭ އިން ހުރަސް އަޅައިފިއެވެ. ރޭ ލީގުގައި މި ދެ ޓީމު ބައްދަލު ކުރި މެޗު ނިމުނީ 5-4 އިން ލެވަންޓޭ ކުރި ހޯދައިގެންނެވެ.
ރޭގެ މެޗުގައި ލެވަންޓޭއަށް ތަފާތަކަށްވީ ގާނާ ފޯވާޑް އެމެނުއަލް ބޯޓެންގް އެވެ. އޭނާ ވަނީ ބާސެލޯނާކޮޅަށް 3 ލަނޑު ޖަހައި ހެޓްރިކެއް ހަދާފައެވެ. މެސީ ނުލާ ކުޅުނު މި މެޗުގައި ބާސެލޯނާގެ ފިލިއްޕޭ ކުޓީނިއޯ ވެސް ވަނީ ހެޓްރިކެއް ހަދާފައެވެ.
ރޭގެ މެޗު ފެށިގެން 9 ވަނަ މިނިޓުގައި ބޯޓެންގް ވަނީ ލެވަންޓޭއަށް ލީޑު ނަގައިދީފައެވެ. މޮރަލެސް ނަގައިދިން ހުރަހަކުން އޭނާ މި ލަނޑު ޖެހިއިރު، އޭނާ ވަނީ 30 ވަނަ މިނިޓުގައި އިތުރު ލަނޑެއް ޖަހައި ލެވަންޓޭގެ ލީޑު ފުޅާ ކޮށްދީފައެވެ.
އެހެނަސް ފުރަތަމަ ހާފު ނިމުމުގެ ކުރިން، ސުއަރޭޒް ދިން ބޯޅައަކުން، ރޭގެ މެޗުގައި މޮޅު ކުޅުމެއް ދެއްކި ބްރެޒިލްގެ ފިލިއްޕޭ ކުޓީނިއޯ ލަނޑެއް ޖަހައި ލެވަންޓޭގެ ލީޑު ހަނިކޮށްލިއެވެ.
ދެ ވަނަ ހާފު ފެށިގެން މާކަ ގިނައިރުތަކެއް ނުވެ، އެންމެން ހައިރާން ކޮށްލުމަށްފަހު ގާތްގާތުގައި 3 ލަނޑު ޖަހައި ލެވަންޓޭ އިން މެޗު ކާމިޔާބު ކުރުމާ ގާތަށް ޖެހިލިއެވެ. މި ލަނޑުތަކުގެ ތެރެއިން ބާދީ 2 ލަނޑު ޖެހިއިރު، ބޯޓެންގް ވެސް ލަނޑެއް ޖަހައި ހެޓްރިކް ފުރިހަމަކޮށްލިއެވެ.
ލެވަންޓޭއިން 5 ލަނޑު ޖަހައި، 4 ލަނޑުގެ ލީޑެއް ނެގި ނަމަވެސް ބާސެލޯނާއިން ވަނީ ފަހު ވަގުތާ ހަމައަށް ނަތީޖާ ހަމަހަމަ ކޮށްލުމަށް ހިތްވަރު ކޮށްފައެވެ. އެ ޓީމުގެ ކުޓީނިއޯ އިތުރު 2 ލަނޑު ޖަހައި ހެޓްރިކެއް ހެދިއިރު، ލިބުނު ޕެނަލްޓީ އަކުން ލުއިސް ސުއަރޭޒް ވެސް ލަނޑެއް ކާމިޔާބު ކުރިއެވެ. އެހެނަސް، ކުޓީނިއޯގެ މޮޅު ކުޅުމާއެކު ވެސް ބާސެލޯނާއަށް ލީގުގެ ފުރަތަމަ ބަލިން ސަލާމަތް ވެވޭގޮތެއް ނުވިއެވެ.
ރޭގެ މެޗުތަކަށްފަހު ސްޕެނިޝް ލީގުގައި ކޮންމެ ޓީމަކަށް ވެސް ބާކީ އޮތީ އެންމެ މެޗެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް