ރާއްޖޭގައި ބާއްވާ ފުރަތަމަ ބައިނަލް އަގުވާމީ ޤުރުއާން މުބާރާތް "އަލް ނޫރުލް މުބީން" ފަށައިފި އެވެ.
ރޭ ރަސްމީކޮށް މި މުބާރާތް އިފްތިތާހު ކޮށްފައިވާއިރު ބައިވެރިން ކިޔަވާނީ މިއަދުން ފެށިގެން މާދަމާގެ ނިޔަލަށެވެ. މި މުބާރާތް ފައްޓަވައިދެއްވީ އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒިޔާދެވެ.
މި މުބާރާތުގެ ބައިވެރިވުމުގެ ދައުވަތު 11 ގައުމަށް ދިން ނަމަވެސް މުބާރާތުގައި ބައިވެރިވެފައިވަނީ ނުވަ ގައުމަކުންނެވެ. އެއީ ރާއްޖެ، މިސްރު، ސައުދީ އަރަބިއްޔާ، ޕާކިސްތާނު، މެލޭޝިއާ، ތުރުކީ، ކުވައިތު، ސޫދާން އަދިި ބަންގްލަދޭޝް އެވެ. ދައުވަތު ދިން ގައުމުތަކުގެ ތެރެއިން ބައިވެރި ނުވަނީ ޔޫއޭއީ އާއި އިންޑޮނޭޝިއާއިންނެވެ.
މި މުބާރާތުގައި ރާއްޖެ ތަމްސީލް ކުރާނީ މ. ވޭވަށް، ފެހިފާރުދާގެ އަޝްރަގް ނާޒިރު އެވެ.
މި މުބާރާތުގައި ޖަޖުންގެ ގޮތުގައި މުބާރާތުގައި ބައިވެރިވާ ގައުމުތައް ހިމެނޭ ގޮތަށް ފަސް ޖަޖުން ތިއްބަވާނެ އެވެ. މުބާރާތުގެ ނަތީޖާ ފާޅު ކުރުމަށް ހަމަޖެހިފައިވަނީ ރޯދަ މަހުގެ ދެވަނަ ދުވަހުގެ ރޭ އެވެ.
ރައީސުލްޖުމްހޫރިއްޔާގެ އެދިވަޑައިގެންނެވުމަށް ބާއްވާ މި މުބާރާތުން އެއްވަނަ އަށް ދާ ފަރާތަކަށް 30،000 ޑޮަލަރު، ދެވަނައަށް ދާ ފަރާތަކަށް 15،000 ޑޮލަރު އަދި ތިން ވަނައަށް ދާ ފަރާތަކަށް 5،000 ޑޯލަރު ދިނުމަށް ހަމަޖެހިފައިވެ އެވެ. އަދި މުބާރާތުގެ ކޮންމެ ބައިވެރިއަކަށް ރައީސުލް ޖުމްހޫރިއްޔާގެ ހާއްސަ އިނާމެއް ލިބޭނެ އެވެ.
މި މުބާރާތުގެ ބައިވެރިންނާއި އިއްޔެ ނައިބު ރައީސް އަބްދުﷲ ޖިހާދު ވަނީ ބައްދަލު ކުރައްވާފަ އެވެ.
މި މުބާރާތް ކުރިޔަށް ގެންދަނީ އިސްލާމިކް މިނިސްޓްރީ އާއި ޕީއެސްއެމް ގުޅިގެންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް