އިޓަލީ ލީގުގައި ރޭ ލަނޑެއް ނުޖެހި ރޯމާއާ އެއްވަރުވި މެޗާއެކު ޔުވެންޓަސްއަށް ލީގު ޗެމްޕިއަންކަން ކަށަވަރު ވެއްޖެއެވެ. މިއާއެކު ޔުވެންޓަސް އިން މިވަނީ ފާއިތުވި 7 ސީޒަންގެ ލީގު ތަށި ވެސް ކާމިޔާބުކޮށް ރެކޯޑެއް ހަދާފައެވެ. އިޓަލީގެ ފުޓްބޯޅައިގެ އެންމެ ކާމިޔާބު ކުލަބް ޔުވެންޓަސް އިން ލީގު ކާމިޔާބު ކުރި އަދަދު މިހާރު ވަނީ 34 އަށް އަރާފައެވެ.
ލީގުގައި ބާކީ އެއް މެޗު އޮއްވާ ޔުވެންޓަސްއަށް ލީގު ކަށަވަރު މިވީ ރޭގެ އެއްވަރާއެކު ލިބުނު އެއް ޕޮއިންޓުން، ދެ ވަނައިގައި އޮތް ނަޕޯލީގެ މައްޗަށް 4 ޕޮއިންޓްގެ ލީޑެއް ލިބޭތީއެވެ. ނަޕޯލީން ސަމްޕްޑޯރިއާ ބަލިކޮށް، ރޭގެ މެޗުގެ ކުރިން އޮތް 6 ޕޮއިންޓްގެ ފަރަގު 4 ޕޮއިންޓަށް ކުޑަކުރި ނަމަވެސް ދެން ޔުވެންޓަސް އަތުވުމުގެ ފުރުސަތެއް ނެތެވެ.
ޔުވެންޓަސް އިން ލީގު ކަށަވަރު ކުރިއިރު، އެ ޓީމުން މީގެ 4 ދުވަސް ކުރިން މިލާން 4-0 އިން ބަލިކޮށް ވަނީ އިޓާލިއަން ކަޕް ވެސް ކާމިޔާބު ކޮށްފައެވެ. މިއީ ޔުވެންޓަސް އިން ލީގާއި ކަޕް އެއް ސީޒަނެއްގައި ޖެހިޖެހިގެން ހޯދި 4 ވަނަ އަހަރެވެ.
މި ސީޒަންގައި ޔުވެންޓަސްއާ އެންމެ ބޮޑަށް ވާދަކުރަމުން އައި ނަޕޯލީން ވަނީ ބާކީ ހަތަރު މެޗު އޮއްވާ ޔުވެންޓަސް ބަލިކޮށް ޕޮއިންޓަކާ ގާތް ކޮށްފައެވެ. އެހެނަސް، ދެން ޖެހިގެން އައި ދެ މެޗުގެ ތެރެއިން ފިއޮރެންޓީނާ އަތުން ބަލިވެ، ޓޮރިނޯ އަތުން އެއްވަރުވުމާއެކު، ޔުވެންޓަސްގެ މައްޗަށް ކުރި ހޯދުމަށް ނަޕޯލީން ކުރި އުންމީދު ރޭގެ މެޗުގެ ކުރިން ވެސް އޮތީ ގާތްގަނޑަކަށް ނިމުމަކަށް އަތުވެފައެވެ.
ޔުވެންޓަސްގެ މި ކާމިޔާބު 7 އަހަރުގެ ފެށުން އައީ އެންޓޯނިއޯ ކޮންޓޭ އާއެކުގައެވެ. ޖެހިޖެހިގެން 3 ފަހަރު ލީގު ހޯދައިދިނުމަށްފަހު އޭނާ 2014 ވަނަ އަހަރު ޔުވެންޓަސް ދޫކޮށްލިއެވެ. އޭގެ ފަހުން މިހާރުގެ ކޯޗު އެލެގްރީ ކޯޗުކަމާ ހަވާލުވެ މި ވަނީ އެ ސިލްސިލާއަށް 4 އަހަރުގެ ކާމިޔާބީ އިތުރު ކޮށްލާފައެވެ. އެހެނަސް، ޔުވެންޓަސް ދޫކޮށް އާސެނަލްގެ ކޯޗުކަމާ އެލެގްރީ ހަވާލުވާން އުޅޭކަމުގެ އަޑުތައް މިހާރު ވަނީ ގަދަވެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް