1.9 މިލިޔަން ރުފިޔާގެ އިތުރުން އިތުރު ބައެއް ސާމާނު ވަގަށްނެގި މައްސަލައެއްގައި ބިދޭސީއަކު ހައްޔަރުކޮށް، ވަގަށް ނަގާފައިވާ ގިނަ އަދަދެއްގެ ފައިސާއާއި އިތުރު ތަކެތި ހޯދައިފިއެވެ.
ފުލުހުން ބުނެފައިވާގޮތުގައި އެ ފައިސާއަކީ ކޭއެސްސީ އޯވަސީސް އެމްއެލްޑީ ޕްރައިވެޓް ލިމިޓެޑްގެ މުވައްޒަފުންނަށް މުސާރަ ދިނުމަށް ނަގާފައި ހުރި ފައިސާއެވެ.
ފައިސާއާއި ތަކެތި ވަގަށްނެގީ އެ ފައިސާއާއި ތަކެއްޗާ ހަވާލުވެހުރި މީހާ ގެސްޓްހައުސްގައި މަޑުކޮށްގެން ހުއްޓާ ކަމަށް ފުލުހުން ބުނެއެވެ. އަދި އެ ފައިސާގެ އަދަދަކީ 1.9 މިލިޔަން ރުފިޔާ ކަމަށާއި އޭގެ އިތުރުން 25 ހާހަށްވުރެ އަގުހުރި ޑާޓާ ކާޑް އަދި ރައުޓަރުގެ އިތުރުން 11 ހާހުގެ އަގުހުރި ފަސް މޯބައިލް ފޯނާއި 29500 ރުފިޔާގެ އަގުހުރި ރިޗާޖްކާޑުވެސް ހިމެނޭކަމަށް ފުލުހުން ބުނެއެވެ.
ފުލުހުން ކުރި މަސައްކަތުން މި މަހުގެ 12 ވަނަ ދުވަހު އޭގެ ތެރެއިން 1.5 މިލިޔަން ރުފިޔާއާއި އިތުރު ތަކެތި ހޯދާފައިވާކަމަށާއި ހަމަ އެދުވަހު އުމުރުން 27 އަހަރުގެ، ލަންކާއަށް ނިސްބަތްވާ މީހަކު ހައްޔަރުކޮށްފައިވާކަމަށްވެސް ފުލުހުން ބުނެއެވެ.
މި މައްސަލަ މިހާރު ތަހުގީގު ކުރަމުން އަންނައިރު މި މައްސަލައިގާ ހައްޔަރުކުރި މީހާގެ ބަންދަށް ވަނީ 15 ދުވަސް ޖަހާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް