ކޯވިޑް-19 އާ ދެކޮޅަށް ދުނިޔެ ކުރަމުން އަންނަ ހަނގުރާމާގައި، ދެ ވެކްސިނެއް އިންސާނުންނަށް ޓެސްޓް ކުރުމުގެ ހުއްދަ ޗައިނާއިން ދީފިއެވެ.
2 ވެކްސިނެއް އިންސާނުން ބޭނުންކޮށްގެން ތަޙުލީލު ކުރުމުގެ ފުރަތަމަ މަރުހަލާއަށް ޗައިނާ ސަރުކާރުން ހުއްދަ ދިންއިރު، ވައިރަސް ކޮންޓްރޯލްކޮށް ޗައިނާއިން މިހާރު އަންނަނީ އެހެން ގައުމުތަކުން އަންނަ މީހުންގެ ފަރާތުން ޗައިނާއަށް ވައިރަސް އެތެރެވުން ހުއްޓުވުމަށާއި، ކޯވިޑް-19 އަލުން އެ ގައުމުގައި ފެތުރިގަނެގެން ދިޔަ ނުދިނުމަށް މަސައްކަތް ކުރަމުންނެވެ.
ޗައިނާގެ ސްޓޭޓް ނިއުސް އެޖެންސީން ރިޕޯޓް ކޮށްފައިވާގޮތުގައި، ޗައިނާ ސަރުކާރުން އިންސާނުންގެ ގައިގައި ޓެސްޓު ކުރުމަށް ހުއްދަ ދިނީ، ސިނޮވެކް ބަޔޮޓެކްގެ ބެއިޖިންގ ޔުނިޓުން ފައްކާކުރި ވެކްސިނަކާއި، ވޫހާން އިންސްޓިޓިއުޓް އޮފް ބަޔޮލޮޖިކަލް ޕްރޮޑަކްޓްސް އިން އުފެއްދި ވެކްސިނަކަށެވެ.
2 ވެކްސިނެއް އިންސާނުންނަށް ޓެސްޓު ކުރުމުގެ ޓްރަޔަލް ކުރިއަށް ގެންދިއުމުގެ ހުއްދަ ދިންކަން ޗައިނާގެ ނޭޝަނަލް ހެލްތު ކޮމިޝަނުން ވެސް ކަށަވަރުކޮށްދީފައިވާއިރު، މީގެ ކުރިން މާރިޗު މަހުގެ ތެރޭގައި ވެސް ބެއިޖިން އިން ވަނީ ވެކްސިނެއްގެ ކްލިނިކަލް ޓްރަޔަލް ކުރިއަށް ގެންދިއުމުގެ ހުއްދަ ދީފައެވެ. އެއީ މިލިޓަރީ މެޑިކަލް ސައިންސަން އާއި ބަޔޮޓެކް ފާމް ކެންސީނޯ ބަޔޯ ގުޅިގެން އުފެއްދި ވެކްސިނެކެވެ.
ކޯވިޑް-19 އެންމެ ބޮޑަށް ފެތުރިފައިވާ އަދި އެންމެ ގިނަ މީހުން މަރުވެފައިވާ އެމެރިކާގެ ކުންފުންޏެއް ކަމަށްވާ "މޮޑާނާ" އިން ވެސް މީގެ ކުރިން ވަނީ، އެމެރިކާގެ ނޭޝަނަލް އިންސްޓިޓިއުޓް އޮފް ހެލްތު އާ ގުޅިގެން ވެކްސިނެއް އިންސާނުންނަށް ޓެސްޓު ކުރަމުން އަންނަ ކަމަށް ބުނެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް