ނުރައްކާތެރި ކޮރޯނާ ވައިރަސް ކޮންޓްރޯން ނުވެ ފެތުރެމުންދާ ސައުދީ އަރަބިއްޔާގައި މި ބަލި އެންމެ ހަލުވިކަމާއި ފެތުރެމުންދަނީ ވެރިރަށް ރިޔާދް އާއި މައްކާ އަދި މަދީނާގައި އެވެ.
ސައުދީން އާންމުކޮށްފައިވާ ތަފާސް ހިސާބު ދައްކާގޮތުން ވޭތުވެދިޔަ24 ގަޑިއިރު ރިޔާދުން އެކަނި118 މީހަކު ބައްޔަށް ޕޮސިޓީވް ވެފައިވެ އެވެ. މަދީނާގައި113 މީހަކު ޕޮސިޓިވް ވެފައިވާއިރު މައްކާގައި ވަނީ95 މީހަކު ޕޮސިޓިވް ވެފައި އެވެ.
މި ތިން ސިޓީގައި ކޯވިޑް-19 ފެތުރެމުންދާލެއް ހަލުވިކަމުން މައްކާ މަދީނާ އަދި ރިޔާދަށް މީހުން ވަދެ ނުކުމެއުޅުން ވަނީ މަނާކޮށްފަ އެވެ.
މިދިޔަ24 ގަޑިއިރު ތެރޭގައި އެކަނިވެސް ސައުދީގައި472 މީހަކަށް ވަނީ ވައިރަސް ޖެހިފައި އެވެ.
މިހާތަނަށް ޖުމްލަ ސައުދީން4،934 މީހަކަށް ކޯވިޑް-19 ޖެހިފައިވާއިރު ބަލިން ރަނގަޅުވެފައިވަނީ805 މީހުންނެވެ. މި ބަލީގައި ސައުދީގައި65 މީހަކު ވަނީ މަރުވެފައި އެވެ.
ރިޕޯޓުތައް ބުނާގޮތުގައި ސައުދީގައި ބަލި ޖެހޭ މީހުންގެ އަދަދު ދެ ލައްކައަށް ވަރަށް އަވަހަށް އަރާނެ އެވެ. މިގޮތަށް ލަފާކޮށްފައިވަނީ އެ ގައުމުގެ ހެލްތް މިނިސްޓްރީ އާއި ބައިނަލްއަގުވާމީ ތަޖުރިބާކާރުން ހެދި ދިރާސާއަކަށް ފަހު އެވެ.
ސައުދީގައި ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށް ހަރަމްފުޅަށް އާންމުކޮށް ވަނުން މަނާކޮށްފައިވާއިރު މުއްދަތެއް ނެތްގޮތަށް ގައުމުގައި ކާފިއު ހިންގަން ވަނީ ނިންމާފަ އެވެ. އަދި ޖަމާއަތުގައި ނަމާދު ކުރުން މިދިޔަ މަހުން ފެށިގެން ވަނީ ހުއްޓާލާފައި އެވެ.
މީގެ އިތުރުން އުމްރާގެ އަޅުކަން ވަގުތީ ގޮތުން ހުއްޓާލާފައިވާއިރު މިއަހަރު ހައްޖުގެ އަޅުކަމަށް ވަމުންދާ ތައްޔާރީތައް މަޑު ޖައްސާލުމަށް ސައުދީ ސަރުކާރުން ވަނީ މުސްލިމުންނަށް ގޮވާލާފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް