އެއް މަހެއް، އެއް މެޗުތަކެއް، އެއް ޙާލަތެއް. ލީގު ކާމިޔާބު ކުރާނެ ޓީމެއް ކަނޑައެޅޭނެ ރެއަކީ މިއީތަ؟

ހަނދާނަށް އަންނަނީ 2014 ވަނަ އަހަރުގެ އިނގިރޭސި ޕްރިމިއާ ލީގު ސީޒަންގެ އޭޕްރީލް މަހުގެ ދުވަހެކެވެ. 27 ވަނަ ދުވަހުގެ ރޭގައި ލިވަޕޫލް އިން ޗެލްސީއާ ދެކޮޅަށް ނުކުތްއިރު، މެންޗެސްޓާ ސިޓީ ނުކުތީ ކްރިސްޓަލް...

14 Apr 2019 | 13:10

ހަނދާނަށް އަންނަނީ 2014 ވަނަ އަހަރުގެ އިނގިރޭސި ޕްރިމިއާ ލީގު ސީޒަންގެ އޭޕްރީލް މަހުގެ ދުވަހެކެވެ. 27 ވަނަ ދުވަހުގެ ރޭގައި ލިވަޕޫލް އިން ޗެލްސީއާ ދެކޮޅަށް ނުކުތްއިރު، މެންޗެސްޓާ ސިޓީ ނުކުތީ ކްރިސްޓަލް ޕެލެސް އާ ދެކޮޅަށެވެ. ހަމަ އެންމެ ޕޮއިންޓެއްގެ ފަރަގުން ލީގު ތާވަލުގެ އެއް ވަނައިގައި އޮތީ ލިވަޕޫލް އެވެ.

އެރޭގެ އެންމެ ހަނދާނީ ވަގުތު ކޮޅަކީ ލިވަޕޫލްއިން ލީޑުގައި އޮއްވާ އެ ޓީމުގެ ކެޕްޓަން ސްޓީވަން ޖެރާޑް ކައްސާލައި، އޭނާގެ އަތުން ބޯޅަ ގެއްލި ޗެލްސީއިން ނަތީޖާ ހަމަހަމަ ކޮށްލި ވަގުތެވެ. އެ މެޗު އެއްވަރުވެގެން ނިމުނުއިރު، ސިޓީން މެޗު ނިންމާލީ ކްރިސްޓަލް ޕެލެސް ކޮޅަށް 2 ލަނޑު ޖަހައި، ލީގުގެ އެއް ވަނަ މަގާމަށް ޖެހިލައިގެންނެވެ. ލީގުގެ ފަހުކޮޅުގައި މުހިންމު މެޗަކުން ޖެރާޑް ކައްސާލި ކައްސާލުން ވެގެން ދިޔައީ ދިގު ޒަމާންތަކަކަށް ފަހު ލީގު ލިބުމުގެ އުންމީދުގައި އޮތް ލިވަޕޫލަށް ލީގު ތަށީގައި އަތް ނުލެވި ކައްސާލި ކައްސާލުމަކަށެވެ.

މީގެ 5 އަހަރު ކުރީގެ އެ ހަނދާންތައް އާވެގެން ދިޔައީ ޕްރިމިއާ ލީގުގެ މިރޭގެ މެޗުތަކެވެ. އަނެއްކާ ވެސް އޭޕްރިލް މަހުގައި، ލިވަޕޫލްއިން ޗެލްސީއާ ދެކޮޅަށް މިރޭ ނުކުންނައިރު، މެންޗެސްޓާ ސިޓީ ނުކުންނާނީ ކްރިސްޓަލް ޕެލެސްއާ ދެކޮޅަށެވެ. ލިވަޕޫލް ލީގު ތާވަލުގެ އެއް ވަނައިގައި އޮތީ ދެ ވަނައިގައި އޮތް ސިޓީއަށްވުރެ އިތުރަށް 2 ޕޮއިންޓް ހޯދައިގެންނެވެ. އެހެނަސް އެއީ ސިޓީއަށްވުރެ އިތުރަށް އެއް މެޗު ކުޅެގެންނެވެ.

ދިގު މާޒީއަކަށް ފަހު އަނެއްކާ ވެސް ޕްރިމިއާ ލީގު ހޯދުމުގެ އުންމީދުގައި އޮތް ލިވަޕޫލްއަށް ޕްރިމިއާ ލީގުގައި ބާކީ އޮތް މަދު މެޗުތަކުގެ ތެރެއިން އެންމެ އުނދަގޫ ވާނެކަމަށް ބެލެވެނީ މިރޭގެ މެޗެވެ. އަނެއްކޮޅުން ސިޓީން ކްރިސްޓަލް ޕެލެސް ބަލިކުރާނެކަމަށް ވަރަށް ބޮޑަށް ބެލެވޭއިރު، ލިވަޕޫލްއަށް ލީގުގެ މި ހިސާބުން އެންމެ ޕޮއިންޓެއް ވެސް ގެއްލުވާލެވޭކަށް ނެތެވެ.

އެހެންކަމުން، ލިވަޕޫލްއަށް އޮތީ 2014 ވަނަ އަހަރުގެ މާޒީ ތަކުރާރުވިޔަ ނުދިނުމަށް މިރޭގެ މެޗު ކާމިޔާބު ކުރުމެވެ. ނޫންނަމަ، ސިޓީން ލީގު ކާމިޔާބު ކުރުމާ ގާތަށް ޖެހިލާނެކަން ކަށަވަރެވެ. އެހެންކަމުން، މިރެއަކީ ޕްރިމިއާ ލީގުގައި ބޮޑު ރެއެވެ. ލީގު ކާމިޔާބު ކުރާނެ ޓީމެއް ކަނޑައެޅިގެން ދާނެ ރެއަށް ވެސް ވުން ވަރަށް ގާތެވެ.

ސިޓީއާ ކްރިސްޓަލް ޕެލެސް ބައްދަލުކުރާ މެޗު ރާއްޖެ ގަޑިން މިރޭ 18:05 ގައި ފެށޭއިރު، ލިވަޕޫލް އާއި ޗެލްސީ ބައްދަލުކުރާ މެޗު ފެށޭނީ 20:30 ގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް