ފުލުހުން ތަހުގީގު ކުރަމުންދާ ޓްރެފިކް މައްސަލަތަކުގެ ތެރެއިން ތިން މައްސަލައެއް ބަލައި، ތިން މީހަކަށް މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީން ފިޔަވަޅު އަޅައިފިއެވެ.
ފުލުހުން ވިދާޅުވިގޮތުގައި، ޓްރާންސްޕޯޓް އޮތޯރިޓީން ފިޔަވަޅު އެޅި މީހުންގެ ތެރޭގައި، ފެބްރުއަރީ 17 ވަނަ ދުވަހު ލިންކް ރޯޑުގައި ހިނގި އެކްސިޑެންޓްގައި ކާރު ދުއްވި ފަރާތް ހިމެނެއެވެ. އެ ފަރާތް ވަނީ އެއްގަމުގެ ދަތުރުފަތުރުގެ ގާނޫނުގެ 63 ވަނަ މާއްދާގެ ނޫނުގެ ދަށުން 2 އަހަރަށް ލައިސަންސް ހިފަހައްޓާފައި ކަމަށް ފުލުހުން މައުލޫމާތުދެއެވެ.
މާރޗް 12 ވަނަ ދުވަހު ތ. ތިމަރަފުށީގައި ވޭން ދުއްވި ފަރާތަށްވެސް ޓްރާންސްޕޯޓް އޮތޯރިޓީން ވަނީ ފިޔަވަޅު އަޅާފައެވެ. ފުލުހުން ވިދާޅުވީ، އެފަރާތް ވެސް ވަނީ އެއްގަމު ދަތުރުފަތުރު ކުރުމުގެ ގާނޫނުގެ 63 ވަނަ މާއްދާގެ ދަށުން 2 އަހަރަށް ލައިސަންސް ހިފަހައްޓާފައެވެ.
އެ އޮތޯރިޓީން ފިޔަވަޅު އެޅި ތިންވަނަ ފަރާތަކީ، އެޕްރިލް 2 ވަނަ ދުވަހު ކުޑަ ކުއްޖަކު ސައިކަލުގެ ވަށިގަނޑަށް ލައިގެން ދުއްވި ފަރާތްކަމުގައެވެ. އެ ފަރާތް ވެސް ވަނީ ދަތުރުފަތުރު ކުރުމުގެ ގާނޫނުގެ ދަށުން 1 އަހަރު ދުވަހަށް ލައިސަންސް ހިފަހައްޓާފައި ކަމަށް ފުލުހުން މައުލޫމާތުދެއެވެ.
މިދިޔަ ހަފްތާގެ ތެރޭގައި ގަވާއިދާ ހިލާފަށް ދުއްވި 968 ވެހިކަލެއްގައި ފުލުހުން ވަނީ ސްޓީކާ ޖަހައިފައެވެ. މީގެ އިތުރުން މިދިޔަ ހަފްތާގެ ތެރޭގައި 58 އެކްސިޑެންޓް ވަނީ ފުލުހުންނަށް ރިޕޯޓް ކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް