ކުރީގެ އަދަދާ ގުޅޭ....
ޒައިނާ ގަދަކަމުން ކެއްސައިގަތެވެ. ނަސީބަކުން އެންމެންގެ ސަމާލުކަން ޒައިނާއަށް ހުއްޓުނެވެ. ދެން ޒައިނާ ފެށީ މުޅިން އެހެން ވާހަކައެކެވެ. އޭގެ ފަހުން މަންހާ ކައިވެނީގެ އެއްވެސް ވާހަކައެއް ނުދައްކައެވެ. ނަމަވެސް އޭގެ ފަހުން ރާނީ އިނީ ފާޑަކަށެވެ. އެކަން ޒައިނާއަށް ފާހަގަވިއެވެ.
ރާނީއަށް ހަމަ ވިސްނެނީއެވެ. އެކުއްޖާ އެހެން ބުނަންވީ ކީއްވެގެން ހެއްޔެވެ. އަނެއްކާ އޭނާއާއި ޒިއަން ކައިވެނި ކުރަން އުޅޭކަން އިތުރު ބަޔަކަށް އިނގެނީ ހެއްޔެވެ. މިކަހަލަ ހިޔާލުތަކެއްގައި އިންދައި މަންހާ އާއި މާޔާ އެތަނުން ހިނގައްޖެއެވެ. އޭގެ އިރުކޮޅެއް ފަހުން ޒައިނާ އާއި ރާނީ ވެސް އެތަނުން ނިކުތެވެ. އެވަގުތު ޒައިނާގެ ލޮލުގައި އަޅައިގަތީ އަމީނިއްޔާ ސުކޫލު ކައިރީ މަޑުކޮށްލައިގެން އިން ޒިއަންއެވެ. ފަހަތުގައި އިނީ މާޒިން އެވެ. ރާނީއަށް ވެސް ޒިއަން ފެނުނެވެ. އެމީހުން ހުއްޓިގެން ތިބީ ކޮންމެވެސް މީހަކާއި ވާހަކަ ދައްކާށެވެ.
ޒައިނާ ޒިއަންގެ ފޯނަށް ގުޅައިލިއެވެ. އަދި ހަނާ އަޅާލުމުން ޒިއަން އައިސްފިއެވެ.
"ރާނީ މިހުރީ ވަރަށް ދެރަވެފަ ޒިއަން ނުފެނިގެން" ޒިއަން އައުމުން ޒައިނާ ބުނެލިއެވެ. ޒިއަން ރާނީ އަށް ބަލައިލިއެވެ. އެ ލޮލުގެ ތޫނު ކަމުން ޒިއަންގެ ހިތް ތެޅެލިއެވެ. ޒިއަން ހީލުމަށްފަހު މާޒިން ކައިރީގައި ފައިބުމަށް އެދުނެވެ.
"މާޒިން ދޭ ކުޑޫ އާ އެކީ ކާރުގަ... ކަމް މައި ކްއީން" ރާނީގެ މޫނަށް ބަލައިލަމުން ޒިއަން ބުނެލިއެވެ. ރާނީ ފަހަތަށް އެރުމުން ޒިއަން ސައިކަލު ދުއްވައިލިއެވެ. ރާނީ އިނީ ސައިކަލު ފަހަތުގައި ވަރަށް ބިރުންނެވެ.
"އޯކޭ އޭ ބައްދާލިޔަސް ބިރުގަންނަންޏާ" ކުޑަކޮށް ރާނީގެ ގައިގައި ލެނގިލަމުން ޒިއަން ބުނެލިއެވެ. ވަރަށް ފަސޭހައިން ރާނީގެ އަތް ޒިއަންގެ އުނުގަނޑުގައި ވަށައިލިއެވެ.
"ކީއްވެ ތުން ފިއްތައިގެން ތީނީ؟ ރުޅިއައިސްފަތަ؟" ޒިއަން އަހައިލިއެވެ. ރާނީ އަނގަޔަކުން ނުބުންޏެވެ. ރާނީ ހިތްހަމަނުޖެހިފައި އިނީ ކީއްވެކަން ޒިއަންއަށް ހަމަ ރަގަޅަށް އެބަ އިނގެއެވެ.
"ރާނީ ނުބުނަންޏަކާ ނޭންގެނެދޯ؟" ޒިއަން އަނެއްކާވެސް ބުނެލިއެވެ. ދެންވެސް ރާނީ އަނގަޔަކުން ނުބުންޏެވެ.
"ކޯންޗެއްތަ ގަތީ؟ ދައްކާލައްޗޭ ގެއަށް ގޮސްފަ" އަނެއްކާވެސް ޒިއަން ބުނެލިއެވެ. ރާނީ އިނީ އަނގައިން ބުނާ ފާޑަކަށް ނޫނެވެ. އެހެން ކަމުން ޒިއަންގެ މިސްރާބު ބަދަލުކޮށްލީ ރާނީ ހުންނަ ގެސްޓްހައުސް އާ ދިމާލަށެވެ. ޒިއަން މަޑުކޮށްލުމުން އަނގައިންވެސް ނުބުނެ ރާނީ ވަދެގެން ދިޔައީ އެވެ. ރާނީ އުޅޭ ގޮތުން ޒިއަންއަށް ކުޑަކޮށް ހެވުނެވެ. ސައިކަލު ޕާކުކޮށްފައި އައިސް އޭނާވެސް ރާނީގެ ފަހަތުން ހިނގައިގަތެވެ. އެވަގުތު ޒިއަންގެ ފޯނަށް މަންހާ ގުޅަން ފެށިއެވެ. ބިޒީ ކޮށްލުމަށްފަހު ޒިއަންގެ ފޯނު ޖީބަށް ލިއެވެ.
"ބޭބީ މިއަދު ބިޒީ ކަމުންނޭ ނާދެވުނީ... އަޅެ ސޮރީ" ރާނީގެ ފަހަތުން ބައްދައިލަމުން ޒިއަން ބުނެލިއެވެ. އަނެއްކާވެސް ޒިއަންގެ ފޯނު ރިންގް ވާން ފެށިއެވެ. ޒިއަން ބަލައިލިއިރު ގުޅަނީ މަންހާއެވެ. މަންހާގެ ނަން ރާނީއަށް ވެސް ފެނުނެވެ. ޒިއަން އެ ކޯލު ނުނަގައި ބިޒީ ކޮށްލުމުން އެ ހިތުގައި އެތައް ސުވާލެއް އުފެދުނެވެ. ނަމަވެސް ޝައްކެއްގެ މައްޗަށް ސުވާލުކޮށްފިނަމަ މައްސަލަ ޖެހިދާނެއެވެ. އެހެން ނޫނަސް ރާނީ ޒިއަންއަށް ފުރިހަމަ އިތުބާރުކުރެއެވެ.
"މާދަން ފޯމް ލާނަށް މެރީ ކުރަން" ރާނީގެ އިސްތަށިގަނޑުގައި މޫނު ފޮރުވައިލަމުން ޒިއަން ބުނެލިއެވެ.
"ޒިއަންގެ ފެމިލީ މީހުންނާ މީޓެއް ނުކޮށްދޭނަންތަ؟ އެމީހުންނަށް ވެސް ސިއްރު ކައިވެންޏެއްތަ؟" ޒިއަން އާއި ކުރިމަތިލަމުން ރާނީ އަހައިލިއެވެ. އެވަގުތު ޒިއަންގެ މޫނު މައްޗަށް ވި ގޮތް ރާނީއަށް ފެނުނެވެ. ރާނީގެ މޫނު މައްޗަށް ވެއްޓިފައިވާ އިސްތަށިކޮޅު ޒިއަން އެއްފަރާތްކޮށްލިއެވެ. އަދި ރާނީ ގެ މޫނަށް ބަލައިލިއެވެ. ރާނީ ޒިއަންއަށް ގޮވައިލިއެވެ.
"މިވަގުތު ނެތް ބުނެވޭކަށް" ހިންދިރުވައިލުމަށްފަހު ޒިއަން ވަރަށް މަޑުން ބުނެލިއެވެ.
"ފަހުން ބުނާނީ... ކުޑޫ މާޒިން އީމް... އެންމެން ހެލްޕް ވާނެ ޑޯންޓް ވޮރީ" ރާނީގެ މޫނުގައިވާ ލަކުނުގައި އިނގިލި ހާކައިލަމުން ޒިއަން ބުނެލިއެވެ. އެއީ ކީއްވެގެންތޯ ރާނީ މިހާރު ސުވާލު އެކުރީ ތިންވަނަ ފަހަރަށެވެ. ރާނީ އަށް ދުވަހަކުވެސް ދޮގެއް ހަދާފައި ނުވުމުން ހަގީގަތް ބުނާނެ ހިތްވަރެއް ނުލިބުނެވެ. ބުނަންވީ ކީކޭ ހެއްޔެވެ. ބައްޕަ އޭނާގެ ކައިވެނި އެހެން މީހަކާ ކުރުވަން ބޭނުންވާ ވާހަކަ ހެއްޔެވެ. ނޫނީ މަންމަ ރާނީގެ އެ ސޫރަ ގަބޫލުނުކުރި ވާހަކަ ހެއްޔެވެ. ނޫނީ ރާނީ އެއާއިލާ އަށް އަތުވެއްޖެ ނަމަ އާއިލާ މީހުން ލަދު ގަންނާނެ ވާހަކަ ހެއްޔެވެ. ޒިއަން ރާނީގެ ގައިގައި ބައްދައިލިއެވެ.
"ޒިއަން ކިހިނެއްތަ ތިއުޅެނީ..." ޒިއަން ފާޑަކަށް އުޅެންފެށުމުން ރާނީ ކަންބޮޑު ވެއްޖެއެވެ.
"ވަގުތު ޖެހުނީމަ އެންމެން ކައިރީގަ ބުނާނީ... ހުރިހާ ކަމެއް އޯކޭ ވަންދެން ވަގަށް އުޅެން ޖެހޭނީ" ޒިއަން ބުނެލިއެވެ.
"ކޮން ހުރިހާ ކަމެއް؟" ރާނީ މިހެން ބުނިއިރަށް އަނެއްކާ މަންހާ ގުޅަން ފަށައިފިއެވެ.
"މަންހާ މީ ކާކުތަ އަޅެ" ނުހުރެވިގެން ރާނީ އަހައިލިއެވެ.
"މީ.. މީ ކްލާސް ކުއްޖެއް" ޒިއަން ފޯނު ކަނޑައިލިއެވެ. އަދި ފުން ނޭވާނެއް ދޫކޮށްލިއެވެ. ނަމަވެސް ޒިއަންގެ މޫނު ބުނަނީ މުޅިން އެހެން ވާހަކަ އެކެވެ. ޒިއަން ކޮންމެވެސް ކަމެއް އެބަ ސިއްރުކުރެއެވެ.
"ޒިއަން ބުނެބަލަ... މިއަދު ދިމާވިއޭ އެ ކުއްޖާއާ... ބުނީ ޒިއަން ވެސް ބޭނުންވެޔޯ މެރީ ކުރަން އަސްލު... އެކަހަލަ އެއްޗެއް ކީ..." ސީދާ ޒިއަންގެ ލޮލަށް ބަލަންހުރެ ރާނީ ބުންޏެވެ.
"ކޮ.. ކޮންތާކުން ދިމާވީ... އޭނައަށް ކިހިނެއް ރާނީ އިނގުނީ؟" ޒިއަންގެ އަތް ތުރުތުރު އަޅަން ފެށިއެވެ. ރާނީ މިއަދު ހިނގި ހާދިސާ ކިޔައިދިނެވެ. ޒިއަން ފުން ނޭވާއެއްލިއެވެ. މިވަގުތު ދޮގެއް ނުހަދައި ވާކަށް ނެތެވެ. މަންހާ އާއި ރާނީ އެއްތަން ވުމަކީ އެއްގޮތަކަށްވެސް ޒިއަން ބޭނުންވާ ކަމެއް ނޫނެވެ.
"އެބުނީ އަހަރެމެންގެ ވާހަކަ... އޭނައަށް އިނގޭނެ" ޒިއަން ގަދަކަމުން ހީލިއެވެ. ނަސީބަކުން ރާނީ އެވާހަކަ ވަރަށް ފަސޭހައިން ގަބޫލުކުރިއެވެ.
ދެން ޒިއަންގެ ފޯނަށް ގުޅަންފެށީ ރާއްޖެއިން ބޭރު ނަންބަރަކުންނެވެ. އެއީ ބައްޕަކަން ޒިއަން އަށް އިނގުނެވެ. ޒިއަން ފޯނު ނެގުމުން ބައްޕަ ދެއްކީ ކައިވެނި އަވަސް ކުރުމުގެ ވާހަކައެވެ. ބައްޕަ އައުމުގެ ކުރިން ކުރާށޭ ވެސް ބުންޏެވެ. ޒިއަން އެހިސާބުން ހާސްވާގޮތްވިއެވެ. އަވަސް އަވަހަށް ރާނީގެ މޫނަށްވެސް ބަލައިލެވެއެވެ. ޒިއަން ކޮންމެވެސް ކަމެއް އެބަ އަދިވެސް ސިއްރުކުރެއެވެ.
"ބައްޕަ ބޭނުންވަނީ މާދަން ޒިއަން ކައިވެނީގެ ފޯމު ލާން" ޝާހިދު މިހެން ބުނުމުން ޒިއަންގެ ހިތް ނުހުއްޓުނީ ކިރިޔާއެވެ. މީ ކޮންފަދަ މަޖުބޫރު ކަމެއް ހެއްޔެވެ. އެންމެ ފުރަތަމަ ހަގީގަތް ބައްޕައަށް ކިޔައިދެވުންނަމަ މިހެންނެއް ނުވީހެވެ. ޒިއަން ފޯނު ބޭއްވި އިރު ހުރީ މުޅި މީހާ ގައިން ދާހިތްލާފައެވެ.
"ކިހިނެއްވީ" ޒިއަންގެ ކައިރިޔަށް އައިސް ހުއްޓެމުން ރާނީ އަހައިލިއެވެ. އޭރުވެސް ޒިއަން ހުރީ މާނޭވާ ލެވިފައެވެ.
"ޒިއަން ބުނެބަލަ... އަހަރެން އެބަ ވަރަށް ބިރުގަނޭ" ރާނީ ޒިއަންގެ އަތުގައި ހިފައިލިއެވެ. ޒިއަންގެ އަތް ވަނީ ފިނިވެފައެވެ.
"ރެސްޓް ކޮށްލާ އިނގޭ.... އެބަ އަންނަން އިރުކޮޅަކުން" ރާނީގެ މޫނުގައި ދެއަތުން ހިފައިލުމަށްފަހު ޒިއަން ބުނެލިއެވެ. އަދި ރާނީގެ ޖަވާބަކަށް އިންތިޒާރު ކުރުމެއްނެތި ޒިއަން ނިކުމެގެން ހިނގައްޖެއެވެ.
ޒިއަން ދިއުމުން ރާނީ ވިސްނައިލިއެވެ. ޒިއަން ކޮންމެވެސް ކަމެއް އެބަ ސިއްރުކުރެއެވެ. ރާނީ މިހާރު އިންތިޒާރު ކުރަމުން އެދަނީ ދެން ޒިއަން އަންނާނެ އިރަކަށެވެ.
***
މަންހާ މިހާރު ޒިއަން އަށް ގުޅާތާ ވަރަށް އިރު ވެއްޖެއެވެ. އޭނާ އިނީ ރުޅިގަދަ ވެފައެވެ. މިހާރު އެއްފަހަރަރު ރުޅި އައިސްގެން މާޔާ ގައިގައި ގޮށްމުށުން ޖަހައިފިއެވެ.
"މޮޔަވެފަ ތީނީ... ޒިއަން ނޫޅެޔޭ ކަލެޔާ ހެދިގެންނެއް" އައިސްފައި ހުރި ރުޅިން މިހެން ބުނުމަށްފަހު މާޔާ އެ ކޮޓަރިން ނިކުމެގެން ހިނގައްޖެއެވެ. މަންހާ ދެން ގުޅަން ފެށީ އީމާން އަށެވެ. ވަރަށް ފަސޭހައިން އީމާން ފޯނު ނަގައިފިއެވެ.
"އީމް އަޅެ ޒިއަން ކޮބާތަ؟ ކީއްވެތަ ފޯނު ނުނަގަނީ؟" ރޮއެ ގަތުމަށްފަހު މަންހާ އެހިއެވެ. އީމާންއަށް ފުރަތަމަ އަހައިލެވުނީ ކަމެއް ގޯސްވީ ތޯއެވެ. ނަމަވެސް މަންހާ ހަމަ ރޮނީއެވެ. ހަދާނެ ގޮތް ހުސްވެގެން އީމާން އެންމެފަހުން ދިޔައީ އެގެއަށެވެ. އީމާން ހަމަ ފެނުމާއި އެކީ އީމާންގެ ގައިގައި މަންހާ އޮޅުލައިގަތެވެ.
"އީމް އަށް އިނގޭތަ މަން މިއަދު ދެކުނިން ޒިއަން ކޮންމެސް އަންހެން ކުއްޖެއް ގޮވައިގެން ދަނިކޮށް... އެއީ ހަމަ ކުޑޫ އާ އެކީ އިން ކުއްޖާ.... ދިގު ދިގު އިސްތަށިގަނޑެއް ހުރި ކުއްޖެއް.... އަދި އިނގޭތަ... އޭނަ ތުއި ކަމުން އިނީވެސް މޫނު މައްޗަށް އިސްތަށިގަނޑުގެ އެއްބައި ވައްޓާލައިގެން.... ކީއްވެތަ ޒިއަން އޭނަ ގޮވައިގެން އެ ދިޔައީ... ކީއްވެތަ" ރޮމުން ރޮމުން މަންހާ އީމާންގެ މޭ މަތީގައި ތަޅަން ފެށިއެވެ. އީމާން މަންހާގެ އަތުގައި ހިފެހެއްޓިއެވެ.
"ސާބަސް މަން އެއީ ކުޑޫގެ ފްރެންޑެކޭ... އެއީ މައްސަލައެއް ނޫން ދޯ އޭނަ ޑްރޮޕް ކޮށްދެން ވެސް ގޮސްދާނެ" އީމާން ބެލީ މަންހާ ހަމައަކަށް އެޅުވޭތޯއެވެ.
"ނޫން... އެ ކުއްޖާ... އެ ކުއްޖާ އިނީ ޒިއަންގެ ގައިގަ ބައްދައިގެން... ޒިއަން އަކަށް އެހެންނެއް ނޫޅެވޭނެ... އަހަރެން މިއުޅެނީ އޭނައާ އިންނަން..." މަންހާގެ ދެލޯ ވަނީ ރަތްވެފައެވެ. އީމާން މަސައްކަތްކުރީ މަންހާ އަށް ވިސްނަ ދެވޭތޯއެވެ. ނަމަވެސް މަންހާގެ އެ ރުޅިގަނޑަކީ އެކަކަށްވެސް ފިނިކޮށްދެވޭނެ އެއްޗެއް ނޫނެވެ. އެ ރުޅިގަނޑު ފިނިކުރެވޭނީ ޚުދު މަންހާއަށެވެ.
"މިތާ އިށީންދެބަލަ" އީމާން މަސައްކަތް ކުރީ މަންހާ އެނދުމަތީގައި ބައިންދެވޭތޯއެވެ. ވަރުބަލިވެގެން މަންހާ އެނދުމަތީގައި އިށީނެވެ. އަދި މޫނުމަތީގައި އަތް އެޅުމަށްފަހު ރޯން ފެށިއެވެ.
"އަހަންނަށް ގޯސްކޮށް އެންމެ ކަމެއް ކުރެވުނީމަ ޒިއަން އެހާ ރުޅިއެއް އެ އަންނަނީ... އެއީ އެވަރު ކަމެއްތަ ދެން... އައި ލަވް ހިމް... ޒިއަން މެރީ ކުރަން ބޭނުން ނުވެގެން އެއުޅެނީ ކީއްވެގެންތަ އީމް" އީމާންގެ ކޮނޑުގައި ބޯ އަޅައިލަމުން މަންހާ ބުނެލިއެވެ. މަންހާގެ ލޯ ވަނީ މެރިފައެވެ. ނަމަވެސް އެ ލޮލުން ކަރުނަ އަންނަކަން އިނގުނީ އީމާންގެ ކޮނޑުމަތި ތެތްވަމުން އަންނާތީއެވެ.
"އެރޭ ޒިއަން އިނީ ގިޓާ ކުޅެން... އަހަންނަށް ލަވަ އެއް ކިޔާދެން... ކެތް ނުވެގެން އައި ޓްރައިޑް... ދެ މީހުން ކިސް ކޮށްފަ އައި ޓުކް އޮފް މައި ކްލޯތްސް އެންޑް.. ޒިއަން އެކަމާ ރުޅި އައީ" ހަމަ އެ އޮތް ގޮތަށް އޮވެ މަންހާ ކިޔައިދިނެވެ. އީމާންގެ ހިތް ބާރަށް ތެޅެން ފެށިއެވެ. ދެލޯ ވެސް ބޮޑުވިއެވެ.
"ޒިއަން ބޭނުމެއް ނުވޭ އެކަހަލަ އެއްވެސް ކަމެއް ކުރާކަށް" އަނެއްކާވެސް މަންހާ ބުނެލިއެވެ.
"ޒިއަން އަހަންނާ ވާހަކަ ނުދެއްކިޔަސް އެ ވާހަކަ އެއްވެސް މީހެއް ކައިރީ ނުބުނޭ އަހަރެން ބޭޒާރުވެދާނެތީ... ޒިއަން ކަހަލަ މީހެއް ދުވަހަކުވެސް ނުލިބޭނެ... އައި ވޯންޓް ހިމް... އޮންލީ ހިމް.." މަންހާއަށް ހަމަ ރޮވެނީއެވެ.
"އެކަމަކު އަހަރެން ސޮރީ ބުނި ވަރެއްވެސް ނޭންގެ... ޒިއަން އަދި ފުނަދޫ އަށް ދިޔަފަހުން ކުރިން ދެއްކި ވަރަށް ވެސް ވާހަކަ ނުދައްކަ" މަންހާ ކުއްލިއަކަށް އީމާންގެ ކޮނޑުން ބޯ ނެގުމަށްފަހު އީމާންގެ މޫނަށް ބަލަން އިނދެ ބުނެލިއެވެ. އީމާން އަދިވެސް އިނީ ބުނާނެ އެއްޗެއް ނޭންގިފައެވެ.
"މަންހާ ޓޭކް ރެސްޓް... އީމް ދާން ޖެހިއްޖެ" އީމާން ދާންވެގެން އެނދުން ތެދުވިއެވެ.
"އައި ނޯ.. އީމް ވެސް އަހަރެން މަތިން ފޫހިވީ ދޯ ލައިކް ޒިއަން؟" އީމާންގެ އަތުގައި ހިފައިލަމުން މަންހާ ބުނެލިއެވެ. އީމާން ނޫނެކޭ ބުނުމަށްފަހު ނިކުމެގެން ދިޔައީއެވެ. މަންހާ އަނެއްކާވެސް ޒިއަން އަށް ގުޅޭތޯ ބެލިއެވެ. ނަމަވެސް މިހާރު ޒިއަން އެވަނީ އޭނާގެ ނަންބަރު އަނެއްކާވެސް ބްލޮކް ކޮށްލާފައެވެ. އޭނާގެ ނަންބަރު ކުރިންވެސް ބްލޮކް ކޮށްލާފައި އިންދައި އަންބްލޮކް ކުރީ އީމާން ކައިރީގައި ބުނެގެންނެވެ.
އެގެއިން ނިކުތުމަށްފަހު އީމާން ފާރުގައި ލެނގިލިއެވެ. މި ހުރިހާއިރު ހިފަހައްޓައިގެން ހުރި ކަރުނަތައް ލޯ ފޫދުއްވާލާފައި ނިކުންނަން ފެށިއެވެ. އޭނާއަށް މާނޭވާ ލެވެން ފެށުމުން ކަކުލުގައި ދެއަތް ވިއްދުމަށްފަހު ގުދުވެލިއެވެ. އޭނާގެ ހިތުގައި މަންހާއަށްޓަކައި ވާ ލޯބި ވަރަށް ސާފެވެ. ނަމަވެސް މަންހާ އަކީ އިއްފަތްތެރި ކުއްޖެއްބާއެވެ. ޒިއަންގެ ކުރިންވެސް ބައިވަރު ކުދިންނާ މަންހާ ރައްޓެހި ވިއެވެ. އެއިން ކިތައް ކުދިންނާ އެކީ އެހެން އުޅޭނެ ހެއްޔެވެ. ވިސްނިވަރަކަށް އީމާންގެ ހިތް ނުތަނަވަސްވަމުން ދިޔައެވެ. އެހެންކަމުން ފުން ނޭވާއެއް ދޫކޮށްލުމަށްފަހު އެތަނުން ދާން ހިނގައިގަތެވެ.
(ނުނިމޭ)
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް