ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ފަތަން ދަސްކޮށްދޭ ޕްރޮގްރާމެއް ގައުމީ ބޭންކުން ފަށައިފި

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ފަތަން ދަސްކޮށްދޭ ޕްރޮގްރާމެއް، ބޭންކް އޮފް މޯލްޑިވްސް އާއި ސްވިމިން އެސޯސިއޭޝަން އޮފް މޯލޑިވްސް އިން ފަށައިފިއެވެ. 'ފެތުން ތަރިން' ގެ ނަމުގައި މިއަދު އިފްތިތާހު...

13 Apr 2019 | 19:05

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ފަތަން ދަސްކޮށްދޭ ޕްރޮގްރާމެއް، ބޭންކް އޮފް މޯލްޑިވްސް އާއި ސްވިމިން އެސޯސިއޭޝަން އޮފް މޯލޑިވްސް އިން ފަށައިފިއެވެ.

'ފެތުން ތަރިން' ގެ ނަމުގައި މިއަދު އިފްތިތާހުކުރި މި ޕްރޮގްރާމަކީ އަލަށް ފަތަން ދަސްކުރުމަށް ބޭނުންވާ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ޚާއްސަ ޕްރޮގްރާމެކެވެ. މިއަދުން ފެށިގެން މި ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތުވަނީ އާންމުކޮށް ހުޅުވާލާފައެވެ. މި ޕްރޮގްރާމްގައި ބައިވެރިވުމަށް އެދި ހުށަހަޅަންޖެހޭ ފޯމު ސްވިމިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން ލިބޭނެއެވެ.

ބޭންކުން ބުނެފައިވާގޮތުގައި މިއީ ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތައް ހާސިލްކުރުމަށްޓަކައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ބައިވެރިވުން މުޖުތަމައުގައި އިތުރު ކުރުމާއި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވެސް ދިރިއުޅުމުގައި ކޮންމެހެން ބޭނުންވާ މުހިންމު ހުނަރުތައް ދަސްކުރުމުގެ ފުރުސަތުތައް  ހޯދައިދިނުމުގެ ގޮތުން ބޭންކުން އިސްނަގައިގެން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.

" އަޅުގަނޑުމެންގެ ވަށައިގެން ވަނީ ކަނޑު ކަމަށްވާއިރު، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށްވެސް ރަނގަޅަށް ފަތަން އެނގުމަކީ ވަރަށް މުހިއްމުކަމެއް. އަޅުގަނޑުމެން ދެކޭގޮތުގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް 'ފެތުން ތަރިން' ޕްރޮގްރާމް ވެގެންދާނީ ވަރަށް ބޭނުންތެރި ޕްރޮގްރާމަކަށް. ސްވިމިންގ އެސޯސިއޭޝަންގެ ތަޖްރިބާކާރު ކޯޗުންގެ ފުރިހަމަ އެހީތެރިކަމާއެކު މި ޕްރޮގްރާމް ކުރިއަށްގެންދެވޭކަމީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް. އަޅުގަނޑުމެންގެ އުންމީދަކީ މި ޕްރޮގްރާމް މެދުވެރިކޮށް ގިނަ ފަރާތްތަކަކަށް ފަތަން ދަސްވެ، އަދި ފެތުމަށް ހުންނަ ޝައުގުވެރިކަން އިތުރުވެގެން ދިޔުން." ބީއެމްއެލްގެ އޮފިޝަލް ވިދާޅުވިއެވެ.

ދުޅަހެޔޮ މުޖުތަމައު އެއް ބިނާ ކުރުމަށާއި އަދި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ހަމަހަމަ ފުރުޞަތުތައް ހޯދައިދީ، ބާރުވެރިކުރުމުގެ ގޮތުން ބީއެމްއެލް އިން އަންނަނީ އެ ދާއިރާގައި ހަރަކާތްތެރިވާ އެކި ޖަމިއްޔާތަކާއެކު ގިނަ ހަރަކާތްތަކެއް ހިންގަމުންނެވެ. މީގެ ތެރޭގައި އެ ޖަމިއްޔާތަކަށް ބޭނުންވާ މާލީ އެހީތެރިކަން ފޯރުކޮށްދިނުމާއި ނުކުޅެދުންދުންތެރިކަން ހުންނަފަރާތްތަކަށް ބޭނުންވާ ތަފާތު ތަކެއްޗާއި އާލާތްތައް ފޯރުކޮށްދިނުން ހިމެނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް