ޕްރިމިއާ ލީގުގައި މިރޭ ސައުތުހެމްޓަން އިން 2 ލަނޑު ޖަހާފައިވަނިކޮށް، ފަހަތުން އަރާ 3 ލަނޑު ޖަހައިގެން ޗެލްސީ މޮޅުވެއްޖެއެވެ. މި މުހިންމު މޮޅާއެކު ޗެމްޕިއަންސް ލީގުގެ ޖާގައެއް ހޯދުމަށް ޗެލްސީން ކުރާ އުންމީދަށް ކުޑަ ނަމަވެސް އަލިކަމެއް ލިބުނުއިރު، ރެލިގޭޝަނުން ސަލާމަތްވުމަށް މަސައްކަތް ކުރާ ސައުތުހެމްޓަންއަށް ވަނީ އިތުރު މާޔޫސްކަމެއް ލިބިފައެވެ.
ޗެލްސީން ކުޅުނު 33 މެޗުން އެ ޓީމަށް ހޯދުނު 60 ޕޮއިންޓާއެކު ތާވަލުގެ 5 ވަނައިގައި އޮތްއިރު، އެއް މެޗު މަދުން ކުޅެ 4 ވަނައިގައި އޮތް ޓޮޓެންހަމްއަށް 67 ޕޮއިންޓް ލިބިފައިވެއެވެ. އެހެންކަމުން ލީގުގައި ބާކީ 5 މެޗު އޮތްއިރު ޗެލްސީއަށް ޗެމްޕިއަންސް ލީގުގެ ކަށަވަރު ޖާގައެއް ހޯދުމަށް އަދިވެސް އޮތީ އުނދަގޫ ހަނގުރާމައެކެވެ.
އަނެއްކޮޅުން މިރޭ ޗެލްސީ އަތުން ބަލިވި ސައުތުހެމްޓަންއަށް ލިބިފައިވާ 28 ޕޮއިންޓާއެކު އެ ޓީމު އޮތީ ތާވަލުގެ 18 ވަނައިގައެވެ. ރެލިގޭޝަން ޒޯނުން ސަލާމަތްވުމަށް ބަލާއިރު، 17 ވަނައިގައި އޮތް ކްރިސްޓަލް ޕެލެސްއާ ސައުތުހެމްޓަންއާ ދެމެދު 3 ޕޮއިންޓްގެ ފަރަގެއް އެބައޮތެވެ.
މިރޭގެ މެޗުގައި ސައުތުހެމްޓަން އިން 2 ލަނޑުގެ ލީޑެއް ނަގައި ރެލިގޭޝަނުން ސަލާމަތްވުމުގެ އުންމީދު ހޯދީ ޑޫސަން ޓަޑިޗް އާއި ބެޑްނަރެކް ކާމިޔާބު ކޮށްދިން ލަނޑުތަކުންނެވެ.
ފުރަތަމަ ހާފުގައި ޗެލްސީގެ ފަރާތުން ދަށް ކުޅުމެއް ފެނުނު ނަމަވެސް އެ ޓީމަށް އުންމީދު އާކޮށްދިނީ މެޗުގެ 61 ވަނަ މިނިޓުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް ފްރާންސްގެ ފޯވާޑް އޮލިވާ ޖިރޫ އެވެ.
ކުޅެން ނުކުތްތާ 9 މިނިޓު ތެރޭގައި ޖިރޫ ޗެލްސީއަށް ގޯލު ހުޅުވާލަދިންއިރު، ނަތީޖާ ހަމަހަމަވީ 75 ވަނަނ މިނިޓުގައި އެޑެން ހަޒާޑް ކާމިޔާބު ކޮށްދިން ލަނޑުންނެވެ. އެއަށްފަހު ޗެލްސީގެ އެނބުރިއައުން ފުރިހަމަކޮށްދީ އެ ޓީމު މޮޅުކޮށްދިން ލަނޑު ކާމިޔާބު ކޮށްދިނީ ވެސް ޖިރޫއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް