މާހައުލު ކިލަނބު ކުރާ ސިވިލް ސާވަންޓުންނަށް ފިޔަވަޅު އަޅަންޖެހޭ: ނައިބު ރައީސް

ދިވެހި ސިވިލް ސާވިސްގައި މަސައްކަތް ކުރާ މުވައްޒަފުން ކުރާ މަސައްކަތަށް އަސަރު ކުރާ ގޮތަށް އަމަލު ކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ނައިބު ރައީސް އަބްދުﷲ ޖިހާދު ވިދާޅުވެއްޖެ އެވެ. ނައިބު ރައީ...

14 Apr 2018 | 09:05

ދިވެހި ސިވިލް ސާވިސްގައި މަސައްކަތް ކުރާ މުވައްޒަފުން ކުރާ މަސައްކަތަށް އަސަރު ކުރާ ގޮތަށް އަމަލު ކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ނައިބު ރައީސް އަބްދުﷲ ޖިހާދު ވިދާޅުވެއްޖެ އެވެ.

ނައިބު ރައީސް މިހެން ވިދާޅުވީ މިއަދު ފެށި ސިވިލް ސާވިސް ކޮންފަރެންސް ޝަރުަފުވެރިކޮށްދެއްވާ ވާހަކަފުޅުދައްކަވަމުންނެވެ. ނައިބު ރައީސް ވިދާޅުވީ ސިވިލް ސަރވިސް މުވައްޒަފުންނަކީ، އެ ވަގުތަކު އޮތް ސަރުކާރަކުން ރައްޔިތުންނަށް ދޭންޖެހޭ ހިދުމަތްތައް ދޭން ތިބި ބައެއްކަމަށެވެ.

ތަފާތު ވިސްނުމުގެ މީހުން ތިބޭނެކަން ގަބޫލުކުރާ ޖެހޭނެ ކަމަށާއި މުވައްޒަފުން ގައުމަށްޓަކައި، ނޫނީ ރައްޔިތުންނަށްޓަކައި ދެވޭ ހިދުމަތަކަށް އޭގެ އަސަރު ފޯރުމަކީ ގަބޫލުކުރެވޭނެ ކަމެއްނޫންކަން ފާހަގަކުރެއްވި އެވެ. އިތުރަށް އެމަނިކުފާނު ވިދާޅުވީ އޮފީސްތަކުގެ ތެރޭގައި ބައިބައިވުން އުފައްދައި، މަސައްކަތުގެ މާހައުލު ކިލަނބުކޮށް ހަދާ މުވައްޒަފުންނާމެދު ފިޔަވަޅު އަޅަންޖެހޭކަމަށެވެ.

"ތަފާތު ވިސްނުމުގެ މީހުން އަޅުގަނޑުމެންގެ ތެރޭގައި ތިބޭނެކަން ގަބޫލުކުރާހިނދު، ޤައުމަށްޓަކައި، ނޫނީ ރައްޔިތުންނަށްޓަކައި ދެވޭ ޚިދުމަތަކަށް އޭގެ އަސަރު ފޯރުމަކީ ގަބޫލުކުރެވޭނެ ކަމެއްނޫންކަން ފާހަގަކުރެއްވިއެވެ. އަދި، އޮފީސްތަކުގެ ތެރޭގައި ބައިބައިވުން އުފައްދައި، މަސައްކަތުގެ މާހައުލު ކިލަނބުކޮށް ހަދާ މުވައްޒަފުންނާމެދު ފިޔަވަޅު އަޅަންޖެހޭ،" ނައިބު ރައީސް ވިދާޅުވި އެވެ.

ނައިބު ރައީސް ވިދާޅުވީ ޒަމާނީ ޓެކްނޮލޮޖީ ބޭނުންކޮށްގެން ރައްޔިތުންނަށް އެންމެ ފުރިހަމަ ހިދުމަތެއް ދިނުމަށް ސަރުކާރު މުއައްޒިފުން މަސައްކަތް ކުރަން ޖެހޭ ކަމަށެވެ. އަދި ތަރައްގީގެ މަގުގައި ފައި ހަމަކޮށް ރައްޔިތުންގެ އިހުސާސްތައް ދެނެގަނެ ކުރިޔަށް ދެވޭނީ ހިދުމަތުގެ ފެންވަރު ކެނޑިނޭޅި ތަރައްގީ ކުރުމުން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

ޖިހާދު ވިދާޅުވީ ސަރުކާރު މުއައްޒިފުން ދޭ ހިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށް ކުރެވޭނީ ހިދުމަތާ ގުޅޭ މީހުންގެ ފެންވަރު ރަނގަޅުކޮށްގެން ކަމަށާއި އެގޮތުން މަސައްކަތަށް އެންމެ ގާބިލު ފަރާތައް ވަޒީފާ ހަމަޖެހިގެންދިއުން ނުވަތަ "ކޮމްޕީޓެންސީ ބޭސްޑް ރެކްރޫޓްމަންޓް" ނިޒާމެއްގެ ދަށުން ވަޒީފާތަކަށް ބޭނުންވާ މީހުން އައްޔަން ކުރުމުން މުހިންމު ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް