ސިއްހީ އަދި އިޖްތިމާއީ ހިދުމަތްތެރިންނަކީ އިޖުތިމާއީ އަދި ގައުމީ ފެންވަރުގައި ފާހަގަ ކުރަން ޖެހޭފަދަ ހިދުމަތްތަކެއް ކުރައްވަމުން ގެންދަވާ ބައެއް ކަމަށް ޖެންޑާ މިނިސްޓަރު ޒެނީޝާ ޝަހީދު ޒަކީ ވިދާޅުވެއްޖެ އެވެ.
އެކަމަނާ މިހެން ވިދާޅުވީ އއ. އަތޮޅާއި އދ. އަތޮޅުގެ ސިއްހީ އަދި އިޖުތިމާއީ އެހީތެރިންނަށް އަމާޒުކޮށްގެން ކުރިޔަށް ގެންދިޔަ "ޕްރޮފެޝަނަލް ޑިވެލޮޕްމަންޓް ޓްރޭނިން އޮން ސާވިސް ޕްރޮވިޝަންސް ފޯ ދަ އެލްޑަލީ އެންޑް ވިކްޓިމްސް އޮފް އެބިޔުސް" ޕްރޮގްރާމްގެ ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.
މިނިސްޓަރު ވިދާޅުވީ މިދިޔަ މަހު އެކަނިވެސް އެކި ބާވަތްތަކުގެ އަނިޔާ އާއި ގުޅޭ 210 މައްސަލައެއް ހުށަހެޅިފައިވާ ކަމަށެވެ. ޒެނީޝާ ވިދާޅުވީ އެފަދަ ކޮންމެ ފަރާތެއްގެ ދިރިއުޅުން އަލުން އާރާސްތު ކުރުމުގައި އެންމެ ބޮޑު އެހީތެރިކަމެއް ވެދެނީ ސިއްހީ އަދި އިޖުތިމާއީ އެހީތެރިން ކަމަށެވެ. އެހެންކަމުން އެ ބޭފުޅުން ކުރައްވަނީ މުހިންމު މަސައްކަތެއް ކަމަށެވެ.
ޑަބްލިއުއެޗްއޯ އާއި ގުޅިގެން ޖެންޑާ މިނިސްޓްރީން ކުރިޔަށް ގެންދިޔަ މި ޕްރޮގްރާމްގައި އެ ދެ އަތޮޅުން 33 ސިއްހީ އަދި އިޖުތިމާއީ ހިދުމަތްތަރިން ބައިވެރިވި އެވެ.
އދ. މަހިބަދޫގައި ފަސް ދުވަހުގެ މުއްދަތަށް ކުރިޔަށް ގެންދިޔަ މި ޕްރޮގްރާމްގައި މައުލޫމާތު ދީފައިވަނީ ދޮށީ އުމުރުގެ މީހުންނަށް ފޯރުކޮށްދޭންޖެހޭ ހިދުމަތްތައް ދިނުމުގައްޔާއި، އަނިޔާއިން ރައްކާތެރިކަން ފޯރުކޮށްދޭންޖެހޭ ކުޑަކުދިންނަށާއި، އަންހެނުންނަށާއި، ދޮށީ އުމުރުގެ މީހުންނަށާއި އަދި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ހިދުމަތް ދިނުމުގައި ޢަމަލުކުރާނެ އުސޫލުތަކާއި ގުޅޭގޮތުންނެވެ. އަދި ދާއިރާއާ ގުޅުންހުރި ގާނޫނުތަކާއި ގަވާއިދުތަކަށް ބައިވެރިން އަހުލުވެރިކޮށް، އަނިޔާ ލިބޭ ފަރާތްތަކާއި ބަލި މީހުންނަށް އަޅައިލުމުގައި ގެންގުޅެންވީ މިންގަނޑުތައް އޮޅުންފިލުވައިދީފައިވެއެވެ.
މި ޕްރޮގްރާމް މީގެ ކުރިން ވަނީ ވ، މ އަދި ފ އަތޮޅުގެ އިޖްތިމާއީ އަދި ސިއްހީ ހިދުމަތްތެރިންނަށް އަމާޒުކޮށްގެން ކުރިޔަށް ގެންގޮސްފައި އެވެ. އެ ޕްރޮގްރާމްގައި 24 ފަރާތަކުން ބައިވެރިވި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް