ސާރާ ބޮލީވުޑަށް ތައާރަފުވާ ފިލްމު ބަދަލުވެއްޖެ!

ސައިފް އަލީ ހާންގެ ދަރިފުޅު ސާރާ އަލީ ހާން ބޮލީވުޑަށް ތައާރަފުވާ ފިލްމު "ކޭދާރްނަތް" ގެ ޕްރޮޑަކްޝަން ޓީމްގެ ތެރޭގައި މައްސަލަ ޖެހި ހިނގި ހަމަނުޖެހުންތަކާއި ގުޅިގެން އެ ފިލްމު ރިލީޒް ކުރާ ދުވަސް ފަސްކޮ...

14 Apr 2018 | 03:30

ސައިފް އަލީ ހާންގެ ދަރިފުޅު ސާރާ އަލީ ހާން ބޮލީވުޑަށް ތައާރަފުވާ ފިލްމު "ކޭދާރްނަތް" ގެ ޕްރޮޑަކްޝަން ޓީމްގެ ތެރޭގައި މައްސަލަ ޖެހި ހިނގި ހަމަނުޖެހުންތަކާއި ގުޅިގެން އެ ފިލްމު ރިލީޒް ކުރާ ދުވަސް ފަސްކޮށްފި އެވެ.

މި ފިލްމު ރިލީޒް ކުރަން ކުރިން ހަމަޖެހިފައި އޮތީ މިއަހަރުގެ ޑިސެމްބަރު ކުރީކޮޅުގައި އެވެ. މިހާރު އާ ޕްރޮޑިއުސަރެއް ފިލްމާއި ހަވާލުވެ ފިލްމު ރިލީޒް ކުރާ ދުވަސް ވަނީ އަންނަ އަހަރަށް ފަސްކޮށްފައި އެވެ.

މި ފިލްމުގެ އިތުރުން ސާރާ ވަނީ ކަރަން ޖޯހަރުގެ ޕްރޮޑަކްޝަން ހައުސް އިން އުފައްދާ ފިލްމު "ސިމްބާ" ގެ ލީޑް ރޯލް ކުޅެން ސޮއި ކޮށްފައި އެވެ. ރަންވީރު ސިންގ އާއި އެކު ސާރާ ފެނިގެންދާ މި ފިލްމު ރިލީޒް ކުރުމަށް ހަމަޖެހިފައިވަނީ މިއަހަރުގެ ޑިސެމްބަރު 28 ގައި އެވެ.

ރިޕޯޓުތައް ބުނާގޮތުގައި މި ބަދަލާއި އެކު ސާރާ ބޮލީވުޑަށް ތައާރަފުވާ ފިލްމަށް ވާނީ "ސިމްބާ" އެވެ.

ޕްރޮޑަކްޝަން ޓިމާއި ޑައިރެކްޓަރާއި ޖެހުނު މައްސަލަތަކެއްގައި "ކޭދާރްނަތް" ގެ  މަސައްކަތް ހުއްޓުނީ މިދިޔަ ފެބްރުއަރީ މަހުގެ ތެރޭގައި އެވެ. މައްސަލަ ހައްލު ކުރުމަށް ފަހު ޝޫޓިން އަލުން ފެށީ މިމަހުގެ ހަތަރު ވަނަ ދުވަހު އެވެ.

ފިލްމުގެ ޕްރޮޑަކްޝަން ޓީމުން ބުނެފައިވަނީ ޑައިރެކްޓަރު އަބީޝެކް ކަޕޫރުގެ އެއްވެސް ކަހަލަ ރޭވުންތެރި ކަމެއް ފިލްމުގެ ޝޫޓިން ތެރޭގައި ނެތް ކަމަށެވެ. އެކަމާ ރުޅި އައިސްގެން އަބީޝެކް ބުނެފައިވަނީ އޭނާ އެ ފިލްމުގެ މަސައްކަތް އެހެން ކުންފުންޏަކާއި އެކު ކުރަން ނިންމާފައިވާ ކަމަށެވެ.

އެކަމާ ހިތް ހަމަ ނުޖެހި ޕްރޮޑަކްޝަން ޓީމުން އަބީޝެކާއި ދެކޮޅަށް ކޯޓަށް މައްސަލަ ހުށަހެޅި އެވެ. ރިޕޯޓުތައް ބުނާގޮތުގައި ދެ ފަރާތުން ވާހަކަ ދައްކައިގެން މައްސަލަ ހައްލު ކުރުމަށް ފަހު މިހާރު ވަނީ އެ މައްސަލަ ނަގާފައި އެވެ.

މިހާރު "ކޭދާރްނަތް" ގެ ކޯ ޕްރޮޑިއުސަކީ ރޮނީ ސްކްރޫވާލާ އެވެ. މި ފިލްމުގައި ސާރާ އާއި އެކު ލީޑް ރޯލުން ފެނިގެންދާނީ ސުޝާންތް ސިންގ ރާޖްޕުޓް އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް