އެޖެންޑާ 19 ތީމުގައި އަޅުގަނޑުގެ ޕޯސްޓަރު ހަދައިގެން އުޅުނީ އަގުވައްޓާލަން: ނައިފަރު ދާއިރާ ޖޭޕީ ކެނޑިޑޭޓް

އެމްޑީޕީގެ ސްލޯގަން "އެޖެންޑާ19" ގެ ތީމް ބޭނުންކޮށްގެން، ނައިފަރު ދާއިރާއިން ވާދަކުރާ ޖޭޕީގެ ކެންޑިޑޭޓް، އަލްއުސްތާޛް އަބްދުﷲ އަބްދުލް ހަކީމްގެ ކެމްޕެއިން ޕޯސްޓަރުތައް ބަޔަކު ހަދާފައި ވަނީ، ކެންޑިޑޭޓު...

14 Mar 2019 | 10:09

އެމްޑީޕީގެ ސްލޯގަން "އެޖެންޑާ19" ގެ ތީމް ބޭނުންކޮށްގެން، ނައިފަރު ދާއިރާއިން ވާދަކުރާ ޖޭޕީގެ ކެންޑިޑޭޓް، އަލްއުސްތާޛް އަބްދުﷲ އަބްދުލް ހަކީމްގެ ކެމްޕެއިން ޕޯސްޓަރުތައް ބަޔަކު ހަދާފައި ވަނީ، ކެންޑިޑޭޓުގެ އަގު ވައްޓައިލަން ކަމަށް ކެންޑިޑޭޓުގެ ކެމްޕެއިން މެނޭޖަރު، ހުސައިން އިބްރާހިމް ވިދާޅުވެއްޖެއެވެ.

ހުސައިން ވިދާޅުވީ، ކެމްޕެއިންގެ އެއްވެސް ޕޯސްޓަރެއްގައި އެމްޑީޕީގެ ތީމް ބޭނުންކޮށްފައި ނުވާނެކަމަށާއި އެއީ ބަޔަކު ރާވައިގެން ކޮށްފައިވާ ކަމެއް ކަމަށެވެ. މިކަމާ ގުޅިގެން އެމްޑީޕީ ނައިފަރު ދާއިރާއިން ވަނީ ބަޔާނެއްވެސް ނެރެފައެވެ.

އެމްޑީޕީން ނެރެފައިވާ ބަޔާން ކުއްވެރިކުރައްވައި ހުސައިން ނެރެފައިވާ ބަޔާނުގައި ވަނީ، އަބްދުﷲ ގެ ތާއީދު ގެއްލުވާލުމުގެ ބޭނުމުގައި ހަޤީޤަތާއި ޚިލާފު ދޮގު ތުހުމަތުކޮށް، އެކިއެކި އިދާރާތަކަށް ޝަކުވާ ހުށަހަޅައި، އެމްޑީޕީ ނައިފަރު ދާއިރާއިން ބަޔާނެއް ނެރިފައިވާތީ އެކަން ކުށްވެރިކުރާކަމަށެވެ. އަދި ސޯޝަލް މީޑިއާގައި އެކި ފަރާތްތަކުގެ ސަޕޯޓަރުން ފިތުނަފަސާދަ އުފެއްދުމުގެ ގޮތުން މީހަކު ހިންގާ އަމަލަކީ، ކެންޑިޑޭޓު ހިންގާ ކަމެއްގެ ގޮތުގައި ސިފަކޮށް، އެކަމުގައި ތެދުވުމަކީ ވަރަށް ނާތަހުޒީބު ފިނޑި އަމަލެއް ކަމުގައި ހުސައިންގެ މި ބަޔާނުގައި ބަޔާންކޮށްފައިވެއެވެ.

މި ބަޔާނުގައި އިތުރަށް ވަނީ، އަބްދުﷲ އަކީ އެފަދަ ނާތަހުޒީބު އަމަލެއް ހިންގާ ވަރަށްވުރެ މާ ޚިޔާލު ތަނަވަސް، ޤާނޫނީ ގޮތުން ލޯހުޅުވިފައިވާ ބޭއްފުޅެއް ކަމުގައެވެ. އަދި އެބޭފުޅާއަށް އޮތް ތާއީދު ބޮޑުވަމުންދަނީ އެބޭފުޅާގެ ޤާބިލްކަމާއި، އަދި ދާއިރާގެ ރައްޔިތުން އެބޭފުޅާއަށް ކުރައްވާ އިތުބާރެއްގެ ސަބަބުން ކަމުގައެވެ. މީގެ އިތުރުން، ކޮރަޕްޝަނާއި، ދޮގުވެރިކަން އަދި އޮޅުވާލުމުގެ އެއްވެސް އަމަލެއް އެބޭފުޅާގެ ފަރާތްޕުޅުން ހިންގާފައި ނުވާނެކަމަށް މި ބަޔާނުގައި ވެއެވެ.

ހުސައިން ވިދާޅުވީ، ކުރިޔަށް އޮތް ތަނުގައިވެސް ޖޭޕީގެ ހަރަކާތްތަކާއި، އަދި ސަރުކާރަށް ތާއީދުކުރާ ޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓަށް ތާއީދު ހޯދުމުގެ މަސައްކަތްތައް ފަސްޖެހުމެއްނެތި ކުރިޔަށް ގެންދާނެ ކަމުގައެވެ. އަދި ޤާނޫނާއި ޤަވާއިދުގެ ތެރޭގައި ކެންޑިޑޭޓަށް ލިބިގެންވާ ކެމްޕޭނު ކުރުމުގެ ހައްގުގެ ބޭނުންކޮށް، ކެމްޕޭނު ކުރަމުން ގެންދާނެކަމަށް ވެސް ހުސައިން ވިދާޅުވިއެވެ.

ނިންމައިލަމުން ހުސައިން ވިދާޅުވީ، އަބްދުﷲގެ އަމިއްލަ މަސްލަހަތާއި އަބުރު ގެއްލުވާލުމަށް ސިޔާސީ ގޮތުން ވަކި ފަރާތްތަކަކުން ހިންގާ މިފަދަ ދޮގު ޚަބަރުތަކުގެ ސަބަބުން، އެބޭފުޅާގެ އަބުރުގެ ބަދަލު ހޯދުމަށްޓަކައި، ފަރުދީގޮތުން ދަޢުވާކުރުމުގެ ހައްޤުވެސް ލިބިގެންވާކަމަށް މިފުރުސަތުގައި އެފަދަ ފަރާތްތަކަށް ހަނދުމަކޮށްދޭކަމަށެވެ.

މިދިޔަ ހަފްތާގެ ތެރޭގައި އަމިއްލަ ފަރާތަކުން ވަނީ، އެމްޑީޕީގެ ތީމް ބޭނުންކޮށްގެން، ނައިފަރު ޖޭޕީގެ ކެންޑިޑޭޓު ކެމްޕެއިން ކުރަމުންދާކަމުގެ މައްސަލަ އިލެކްޝަންސް ކޮމިޝަނަށް ފޮނުވާފައެވެ. މި މައްސަލައާއި ގުޅޭގޮތުން އަބްދުﷲ ގެ ބަޔާން މާދަމާ ނަގާނެކަމަށް ހުސައިން މައުލޫމާތު ދިނެވެ.

ނައިފަރު ދާއިރާގެ ޖޭޕީ ކެންޑިޑޭޓް، އަލްއުސްތާޛް އަބްދުﷲ އަބްދުލް ހަކީމްގެ ކެންޑިޑޭޓް ނަމްބަރަކީ 1 އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް