ބުރުސޫރަ – ދެވަނަބައި

ކުރީގެ އަދަދާއި ގުޅޭ ޒިއަންއަށް ނޭވާ ހިފަހައްޓައިލެވުނެވެ. އެވަގުތު ވަށައިގެންވީ ހުރިހާ އެއްޗެއް ހުއްޓުނުހެންވެސް ހީވިއެވެ. އެއީ ހަމަ އެ އިސްތަށިގަނޑެވެ. އެ ކޯތާފަތެވެ. އެ ތުންފަތެވެ. މިފަހަރުވެސް ޒިއ...

14 Mar 2019 | 07:21

ކުރީގެ އަދަދާއި ގުޅޭ

ޒިއަންއަށް ނޭވާ ހިފަހައްޓައިލެވުނެވެ. އެވަގުތު ވަށައިގެންވީ ހުރިހާ އެއްޗެއް ހުއްޓުނުހެންވެސް ހީވިއެވެ. އެއީ ހަމަ އެ އިސްތަށިގަނޑެވެ. އެ ކޯތާފަތެވެ. އެ ތުންފަތެވެ. މިފަހަރުވެސް ޒިއަން އަކަށް އެ މޫނު އެކީ ފެންނަވަރެއް ނުވިއެވެ. ރާނީ ބަލައިލީ ސިކުންތުކޮޅަކަށެވެ. ފެނުނީ ހަމަ ރޭގައި ހުވަފެނުންވެސް ފެނުނުވަރަށެވެ.

ޒިއަންގެ އިތުރުން އީމާން އާއި މާޒިން ވެސް ބަލަމުން ދިޔައީ ރާނީގެ ހަރަކާތްތަކަށެވެ. އިލޮށިފަތި ހިފައިގެން ފަރި ހިނގުމެއްގައި ހިނގާލައިފައި ގޮސް ގޯތިތެރެއަށް ވަންނަންދެން ތިން އެކުވެރިންނަށް ތިބެވުނީ ބަލާށެވެ. އޭރު އެތާ އިތުރު ބަޔަކު ތިބިކަމެއްވެސް ހަނދާނެއް ނެތެވެ.

"އީމާން!" ޝަމީމާ ތަންކޮޅެއް ބާރަށް ގޮވައިލިއެވެ. އީމާންގެ އިތުރުން ޒިއަން އާއި މާޒިންވެސް ސިހުނެވެ.

"އެއީ ޖިންނި ކުއްޖެއްތަ؟" ވަރަށް މަޑުމަޑުން މާޒިން އަށް އަހައިލެވުނެވެ. ނަމަވެސް އެ އަޑު ޝަމީމާގެ ތޫނު ކަންފަތަށް ރީއްޗަށް އިވުނެވެ.

"ނޫނޭ އެއީ ހަމަ އިންސާނެއް.. ފަހަރުގަ ޖިންނިއަކާ ވައްތަރުވެދާނެ.. މިއަދު މެންދުރު މިގެއަށް ކާން އަންނަންވާނެ އިނގޭ.." އީމާންގެ ބުރަކަށީގައި ފިރުމައިލަމުން ޝަމީމާ މިހެން ބުނުމަށްފަހު އެތެރެއަށް ވަންނަން ހިނގައިގަތެވެ.

ގެއަށް އައިސް ތިން މީހުން އެނދުމައްޗަށް ވެއްޓިގަތެވެ. ޒިއަންއަށް ވިސްނެމުން ދިޔައީ ޝަމީމާ ބުނި ބަސްކޮޅެވެ.

"އެމީހާ އެހެން އެބުނީ އެ މަންޖެ ރީތި ކަމުންދޯ؟" މާޒިން އަހައިލިއެވެ.

"ކާކު ކޯންޗެކޭ ބުނީ؟" ފޯނާ ކުޅެން އޮވެފައި އީމާން އަހައިލިއެވެ.

"ރާނީ ޖިންނި އަކާ ވައްތަރޭ.." މާޒިން ބުނެލިއެވެ. އީމާން ހޫމް އަޅުވައިލިއެވެ. ޒިއަން އޮތީ އަޑުއަހާށެވެ.

ޒިއަން ވިސްނަމުން ދިޔައެވެ. އަލަށްވެސް ނުފެންނަ ކުއްޖަކު އޭނާއަށް ހުވަފެނުން ފެނި، އެކުއްޖާ ފަހުން ހަމަލޮލަށް ފެންނަންވީ ކީއްވެގެން ހެއްޔެވެ؟ އެއީ ހާދަ ރީތި ލޮލެކެވެ. އެ ކުއްޖާގެ އެ ރީތި ހިނިތުންވުމާ، ނުތަނަސްވެފައި ބަލައިލިގޮތްވެސް އެހާ ހިތްގައިމެވެ. އެ މޫނުގެ ރީތިކަން އެކީ ދެކިލަން އޭނަ ކިތަންމެހާވެސް ބޭނުމެވެ. އެވަގުތު ޒިއަންގެ ފޯނު ރިންގުވާން ފެށިއެވެ. ޒިއަން ފޯނުގެ ސްކްރީނަށް ބަލައިލުމަށްފަހު ފޫހިކަމާއެކު ފޯނު އެނދުމަތީގައި ބޭއްވިއެވެ.

"ނަގާބަލަ.." ފޯނުގެ ސްކްރީނަށް ބަލައިލުމަށްފަހު މާޒިން ބުނެލިއެވެ. ނަމަވެސް ޒިއަން އަޅައެއް ނުލިއެވެ. ދެން ރިންގުވާން ފެށީ އީމާންގެ ފޯނެވެ. އީމާން ބަލައިލީ ޒިއަންއަށެވެ. ޒިއަން ބޯ ހޫރައިލިއެވެ. އީމާންވެސް އޭނާގެ ފޯނު އެނދުމަތީގައި ބޭއްވިއެވެ.

އޭރު އީމާންގެ ހިތް ބާރަށް ތެޅެމުންދިޔައެވެ. އޭނާއަށް ބެލެމުންދިޔައީ ރިންގު ވޭވޭހުރީ އޭނާގެ ފޯނަށެވެ. އެ ފޯނު ކެނޑެންދެން ބަލަން އޮވެވުނީއެވެ. އެ ފޯނު ނަގައި އެ އަޑު އަހައިލާށޭ ހިތް ބުނީ ކިތައް ފަހަރު ކަމެއްވެސް ނޭންގެއެވެ. ނަމަވެސް ޒިއަން ބޯ ހޫރާލުމުން ނަގަން ނުކެރުނީއެވެ.

މެންދުރުފަހު ތިން މީހުން ޝަމީމާމެންގެ ގެއަށް ކާންދިޔައީ ދޭއް ވެސް ޖެހިފަހުން، ޝިޔާ އެގެއަށް އެމީހުން ބަލާ އައުމުންނެވެ. ކައި ނިމިގެން ވާހަކައިގައި އެތައް އިރަކު ތިބިއިރުވެސް ރާނީގެ ހަބަރެއް ނުވިއެވެ. މާޔޫސްކަމާއި އެކު ތިން މީހުން ދިޔައީ އީމާންގެ ބޮޑުދައިތަމެން ގެއަށެވެ.

އެގޭގައި ރާވަމުން ދިޔައީ ހިސާބުގަނޑު ފިރިހެންކުދިންތަކެއް މަސްދަތުރެއް ދާށެވެ. އެދަތުރުގައި ބައިވެރިވަން ވާނެ ކަމަށް ހަމީދާ ބުންޏެވެ. ތިން މީހުން ތިބީ އެދަތުރުގައި ބައިވެރިވާން ވަރަށް ބޭނުންވެފައެވެ.

މަހަށް ގޮސްފައި އެމީހުންނަށް އާދެވުންއިރު ރޭގަނޑު ދިހައެއް ޖަހައިފިއެވެ. އެރޭ ފަހުން އޮތީ ބާބަކިއު އެކެވެ. ދާދި އަވަހަށް ތިން މީހުންނަށް ބައިވަރު އެކުވެރިންތަކެއް ލިބުނެވެ. އެހެންކަމުން އެ ދަތުރުގެ ބާކީ ބައި ކުރިޔަށް ދިޔައީ އުފަލާ މަޖަލުގައެވެ. އެމީހުން އެރަށަށް އައީވެސް އެކަމުގައެވެ. މަޖާ ކޮށްލާށެވެ. މާލޭގެ ހަލަބޮލި ކަމުން ސަލާމަތްވެ ހިމޭން މާހައުލަކު ޗުއްޓީ ހޭދަކޮށްލާށެވެ.

ހަފްތާއެއް ނިމިއްޖެއެވެ. ކޮންމެ ރެއަކު ޒިއަން ޖޯލީގައި ލަވަކިޔަން އިނދެއެވެ. ނަމަވެސް ފުރަތަމަ ރޭގެ ފަހުން އެ އަޑެއް ޒިއަންއަކަށް ނީވެއެވެ. ރާނީ ފެނޭތޯ މި ވޭތުވެދިޔަ ހަފްތާ ތެރޭ ވަރަށް މަސައްކަތް ކުރެވިއްޖެއެވެ. ނަމަވެސް ކުރި ހުރިހާ މަސައްކަތެއް ވަނީ ބޭކާރެވެ. ނޭންގި ނަމަވެސް ހިތުގައި އާ ވިންދެއް ޖަހަމުން ދިޔައެވެ. ޒިއަންއަށް ލޯބި ވެވުނީ އެ ޖާދުވީ އަޑު ދެކެއެވެ. އެ ސޫރައަށްވުރެ ބޮޑަށް އެ އަޑު އަހަން ހިތް ކިތަންމެހާވެސް ބޭނުންވަމުން ދިޔައެވެ.

މިރޭވެސް ޒިއަން އިނީ ލަވަކިޔާށެވެ. އީމާން އާއި މާޒިންވެސް އެތާ އަތް ޖަހަން ތިބެފައި އެތެރެއަށް ވަނީ ގަޑިން އެގާރަ ޖެހުމުންނެވެ. އިރުކޮޅަކުން ފާރުގެ އެފަރާތް ދިއްލުނެވެ. ޒިއަން އިން ޖޯތްޔަށް އަލިވެގެން ދިޔައެވެ. ޒިއަންގެ ހިތް ބުނަމުން ދިޔައީ އެފާރުގެ ފުރަގަހުގައި ހުރީ ރާނީ ކަމުގައެވެ. ޒިއަން ގިޓާ ކުޅެލިއެވެ. އެވަގުތު ޒިއަންގެ މެޔަށް ފިނިވެގެން ދިޔައެވެ.

މަންޒިލް ތިއޭ މި ހިތް އެދޭ..." އެ އިވުނީ ހަމަ އެއަޑެވެ. ޒިއަންގެ ހަރަކާތް ހުއްޓުނެވެ. އެޔާއި އެކު އެ އަޑުވެސް ކެނޑުނެވެ.

"އަހަރެންނަށް ފެނިލަބަލަ.." ޒިއަން ބުނެލިއެވެ. ނަމަވެސް އެކޮޅުން ޖަވާބެއް ނައެވެ.

"ޕްލީޒް އަހަރެންނަށް ފެނިލަބަލަ.. އަހަރެންގެ ކުރިމަތީ އިނދެގެން ލަވަ ކިޔާބަލަ" ދެންވެސް ހަބަރެއް ނުވިއެވެ. ޒިއަން އަނެއްކާވެސް ގިޓާ ކުޅެލަމުން ލަވަ ކިޔަންފެށިއެވެ. ރާނީގެ ހިލަމެއް ނުވިއެވެ.

"އަހަރެންގެ ހިތް ނުތަޅުވަބަލަ ރާނީ.. އަހަރެން ތިގެ ކައިރިޔަށް ދަންތަ؟" ޖޯލިން ތެދުވުމަށްފަހު ފާރާއި ބޮޑަށް ކައިރިވެލަމުން ޒިއަން އަނެއްކާވެސް އަހައިލިއެވެ. މިފަހަރުވެސް އެއްވެސް އަޑެއް ނީވުނެވެ. ޒިއަން މާޔޫސްވިއެވެ. މި އަންހެން ކުއްޖާ އޭނާގެ ހިތް ތަޅުވަނީއޭ ހިތައް އަރަމުންދިޔައެވެ. ހާދަ ފޮނި ކުއްޖެކެވެ. ނާންނަންޏާވެސް ރީތިކޮށް ބުނަންވީއެވެ.

މާޔޫސް ވެގެން ޒިއަން ގޭތެރެއަށް ދާން ތެދުވިއެވެ.

"ޒިއަން" ޒިއަންގެ ފައިގައި ކަސްތޮޅު އެޅުނު ކަހަލައެވެ. އެއީ ރާނީގެ އަޑެވެ.  ޒިއަން ފަހަތައް ޖެހިލައިފައި ފާރު ކައިރީ ލެނގިލިއެވެ.

"އަހަރެން އެބަހުރިން.." ޒިއަން ބުނެލިއެވެ. ރާނީ ދެން ބުނި ޖުމްލައިން ޒިއަން ލައިލައި ހުރި ނޭވާ ތާށިވިއެވެ.

"އަހަރެން އެބަ ދަން" ޒިއަންއަށް ބާރަށް ލޯމަރައިލެވުނެވެ.

މިއީ ދުވަހަކުވެސް ޒިއަންއަށް ވީ ގޮތެއް ނޫނެވެ. ހަޔާތުގައި އެތައް އަންހެން ކުދިންނަކާ ދިމާވެއްޖެއެވެ. ނަމަވެސް މިހާރު ވަމުން މިދާ އާދަޔާ ހިލާފު ކަންތައްތަކެއް ދުވަހަކުވެސް ނުވެއެވެ.

ފިޔަވަޅެއްގެ އަޑު އިވެންފެށިއެވެ. އޭރުވެސް ޒިއަންއަށް ހުރެވުނީ ލޯމަރައިގެންނެވެ. އެ އަޑު ކައިރިވަމުން ދިޔަވަރަކަށް ޒިއަންގެ ހިތުގެ ހިނގުން ވެސް އަވަސްވަމުން ދިޔައެވެ. ޒިއަން އާއި ތިން ފޫޓު ދުރުން ފިޔަވަޅުގެ އަޑު ކެނޑިއްޖެއެވެ. ޒިއަން މަޑުމަޑުން ލޯ ހުޅުވައިލިއެވެ. ފާރުގެ ފުރަގަހުން ދިއްލިފައި ހުރި ފަނޑު އޮރެންޖު އަލިން ރާނީގެ އިސްތަށިގަނޑު ވިދާހެން ހީވެއެވެ. އުނަގަނޑާ ހިސާބަށް އޮތް އެފަން އިސްތަށިގަނޑުން މޫނުގެ ކަނާއަތްފަޅި އޮތީ ފޮރުވިފައެވެ. ޒިއަންއަށް ފެންނަމުން ދިޔައީ ވިދާ ބަބުޅަމުންދިޔަ ރާނީގެ އެއްލޮލާއި ތުންފަތުގެ އެއްފަޅިއެވެ. ރާނީވެސް ހުރީ ކަޅި ޖަހާނުލައި ޒިއަންގެ މޫނަށް ބަލާށެވެ. ޒިއަން ފުން ނޭވާއެއް ދޫކޮށްލިއެވެ.

"ރާނީ.." ޒިއަން ގެ ދޫ ހަރަކާތް ކޮށްލިއެވެ. އަދި ކުރިޔަށް ފިޔަވަޅެއް ނެގިއެވެ.

"ރާނީ.." އެ އިވުނީ ޝަމީމާގެ ބަރު އަޑެވެ. ރާނީ ލޯ ބޮޑުކޮށްލިއެވެ. އަދި ދެފަޔަށް ބާރުލާފައި ދުއްވައިގަތް ވަގުތު، ވައި އެޅިފައި އެ ދިގު އިސްތަށިގަނޑު ޒިއަންގެ މޫނުގައި ކޭއްތުނެވެ. އެ އިސްތަށިގަނޑުން ދޮވި ޝޭމްޕޫގެ މީރުވަހުން ޒިއަންގެ ހިތް ފުރުނު ކަހަލައެވެ. އަނެއް ސިކުންތުގައި ޒިއަންއަށް ފެނުނީ ރާނީ ދުވެލާފައި ގޮސް ގެއްލުނު މަންޒަރެވެ.

"ކަލޭ ކައިރީގައި ހިއްކާން އަޅާފަ ހުރި އެއްޗެހި ނަގާށޭ ބުނީމަ ކޮންތާކަށް ވަދެފަ ތިއައީ؟" ޝަމީމާ ހަޅޭއްލަވަމުން ދިޔަ އަޑު ކިތަންމެހާވެސް ރީއްޗަށް ޒިއަންއަށް އިވެމުން ދިޔައެވެ. ނަމަވެސް ރާނީ ބަހެއް ބުނި އަޑެއް ނީވުނެވެ. ޒިއަން އިސްއުފުލާ ބަލައިލިވަގުތު އީމާން ގެއިން ނުކުމެގެން އަންނަނީއެވެ.

"ގަބުވެފަ ކީއްވެގެން ތިހުރީ؟" އީމާން މިހެން ބުނުމަށްފަހު ދިއްކޮށްލީ ޒިއަންގެ ފޯނެވެ.

"މި ރިންގު ވާވަރުން ނުނިދިގެން މި އައީ.. އަދި މިކޮޅަށް އައި ފަހުން އޭނައަކާ ވާހަކައެއް ވެސް ނުދައްކަމެއްނު؟ އެހެން ހަދާކަށް ނުވާނެ ޕްލީޒް ޒިއަން މި ފޯނު ނަގާބަލަ..." އާދޭހުގެ ރާގަކަށް އީމާން ބުނެލިއެވެ. އީމާންގެ އަތުން ފޯނު ޖަހައިގަތުމަށްފަހު ޒިއަން ފޯނު ނިއްވައިލިއެވެ. އަދި ގިޓާ ހިފައިގެން ގޭތެރެއަށް ދާން ހިނގައިގަތެވެ. ހީވާ ގޮތުން އޭނާ އެހުރީ ހިތްހަމަނުޖެހިފައެވެ. އީމާން އަކަށް އެއީ އާކަމެއް ނޫނެވެ. ބޯ ހޫރާލުމަށްފަހު އޭނަވެސް ގެއަށް ދާން ހިނގައިގަތެވެ.

****

އަތުގައި އޮތް ފޯނު ނަގައި ހޫރާލިވަގުތު ގޮސް ޖެހުނީ ކުރިމަތީ ހުރި ޑްރެސިން ޓޭބަލްގެ ލޯގަނޑުގައެވެ. ލޯގަނޑުގައި ރެނދުލުމަށްފަހު، މަދު ސިކުންތު ކޮޅެއްގެ ތެރޭގައި ތެޅިގެން ޑްރެސިން ޓޭބަލް މައްޗަށް ވެރުނެވެ. ބިއްލޫރީގެ އެތިކޮޅުތައް މުޅި ކޮޓަރިތެރެއަށް ބުރައިގެން ދިޔައެވެ.

"ޔާރައްބީ" ކޮޓަރިތެރެއިން އެއްޗެއް ތެޅުނު އަޑަށް އައި އަޒުރާ ހުރީ ކޮސްވެފައެވެ. ތަޅައިގެން ގޮސްފައިވާ ލޯގަނޑު ފެނިފައި އޭނާގެ ދެލޯ ބޮޑުވެގެންދިޔައެވެ. ރުޅި އައިސް ރަތްވެފައިހުރި މަންހާގެ ދެލޯ ފެނުމުން އަޒުރާއަށް ހިންދިރުވައިލެވުނެވެ. މަންހާގެ އިސްތަށިގަނޑު ވަނީ އެގޮތް މިގޮތަށް ހޭވިފައެވެ. އެ ބޮޑު ދެލޮލުން އޭރުވެސް ފެން އަންނަމުންދިޔައެވެ. ނޭފަތުކުރި ވަނީ ރަތް ލޭކޮޅަކަށް ވެފައެވެ.

އަޒުރާ ކޮޓަރިރެތެއަށް ފައިގެ އިނގިލިކުރި ޖައްސައިގެން ވަދެ މަންހާގެ އަތުގައި ހިފައިލިއެވެ. ވަގުތުން މަންހާ އެނދުމައްޗައް ވެއްޓިގަތެވެ. އަދި ބާރުބާރަށް ރޯން ފެށިއެވެ.

"ދަރިފުޅާ ވީގޮތެއް ބުނީމަ ދޯ މަންމައަށް އިނގޭނީ.." މަންހާގެ ބޮލުގައި ފިރުމައިލަމުން އަޒުރާ ލޯތްބާއެކު އަހައިލިއެވެ. އޭނާގެ ދަރިފުޅު ހިތާމަތަކެއް ކުރާކަން އޭނާއަށް ފާހަގަވާތާ ދުވަސްކޮޅެއް ވެއްޖެއެވެ. އެކަން މަންހާ ކިތަންމެ ސިއްރުކުރަން މަސައްކަތްކުރިޔަސް އަޒުރާގެ ނަޒަރަކުން މަންހާ އަކަށް ސަލާމަތެއް ނުވެވުނެވެ. މިހާރު ދެތިންފަހަރު އަޒުރާ ސުވާލުވެސް ކޮށްފިމެއެވެ. ނަމަވެސް މަންހާ ބުނަނީ ކަމެއް ނުވާކަމުގައެވެ. ނަމަވެސް މިއަދު ފާޅުގައި މަންހާ މި ކުރި ކަމަކުން އަޒުރާގެ ޝައްކު ޔަގީނަށްވެ، ދަރިފުޅު ކަންތައްގަނޑަކާ ކުރިމަތިލަމުންދާކަން އެނގިގެން ހިނގައްޖެއެވެ. ނަމަވެސް ވީ ގޮތެއް އިނގޭނީ މަންހާ އަނގައިން ބުނީމައެވެ.

އަޒުރާ އެތައް އިރަކު މަންހާ އާއި ވާހަކަ ދައްކަން މަސައްކަތްކުރިއެވެ. ނަމަވެސް އެންމެ ބަހެއްވެސް އެ ދުލަކުން ނުނިކުމެއެވެ. އަޒުރާ މާގިނަ ސުވާލު ކުރަންފެށުމުން މަންހާ ދުވެފައި ގޮސް ވަނީ ފާހާނައަށެވެ. އަޒުރާ މުޅި ކޮޓަރިތެރެ ސާފުކުރިއެވެ. އޭރަކުވެސް މަންހާ ފާހާނާއަކުން ނުނިކުމެއެވެ.

"މަންހާ... މައްސަލައެއްނެތޭ މަންމަ ކައިރީ ނުބުންޏަކަސް.. ތި ފާހާނާއިން ނިކުމެބަލަ މިހާރު މަންމަ ހާސްވާން ފަށައިފިއޭ..." އަޒުރާ ދޮރުގައި ޖަހައިލުމަށްފަހު ގޮވައިލިއެވެ. އެވަގުތު އަޒުރާގެ ހަގު އަންހެން ދަރިފުޅު މާޔާ ވެސް އެކޮޓަރީގައި ހުއްޓެވެ.

"ދޮންތާ ޕްލީޒް ނިކުމެބަލަ..." މާޔާވެސް ހުރީ މަންހާ އުޅޭގޮތުން ކަންބޮޑުވެފައެވެ. އެންމެފަހުން ހަތިޔާރު ބަހައްޓާފައި އަޒުރާ ކޮޓަރިން ނިކުމެގެން ދިޔައީއެވެ. މާޔާ އިނީ އެއީ އޭނާގެވެސް ކޮޓަރިކަމުން އެނދުމަތީ މަންހާ ނިކުންނާނެ އިރެއްގެ އިންތިޒާރުގައެވެ.

އޭގެ އިރުކޮޅެއްފަހުން މަންހާ ފާހާއިން ނިކުތްއިރު މޫނުމަތިން އެއްވެސް ތަފާތު އަސަރެއް ނުފެނެއެވެ. ލޯ ރަތްވެފައި ހުރުމުން ރޮއެގެން އައިކަން އިނގެއެވެ. ނަމަވެސް އޭނާގެ މޫނުމަތިން ދެންމެ ކަމެއްވިކަމުގެ އެއްވެސް އަސަރެއްނެތެވެ.

"ސާބަސް މާޔާ! މީހަކަށް ފާހާނާ ކޮށްލަންވެސް ނުވަދެވޭނެ ހަޅޭތްލަވާވަރުން.." ހަމަޖެހިލާފައި މޫނު ފުހެލަމުން މަންހާ މިހެން ބުނެލިއިރު، ރޯގާ ވައްތަރުކޮށްފައި ހުރިކަން އެއަޑުން އިނގުނެވެ. މާޔާ ހަމަ އަޖައިބުވިއެވެ. އޭނަގެ ދޮންތަ ކޮންމެވެސް ކަމެއް ސިއްރުކުރަން ވަރަށް ހިތްވަރުކުރާކަން އޭނައަށް މާކުރިންވެސް އިނގެއެވެ. ހިތާމައަކީ އެއީ ކޮންކަމެއްކަން އެކަކަށްވެސް ނޭންގޭކަމެވެ. އެ ދެބެއިންގެ މެދުގައި އޭގެފަހުން އެއްވެސް ވާހަކައެއް ނުދެކެވެއެވެ. ދެމީހުންވެސް އެނދަށް އަރާ ނިދީއެވެ.

(ނުނިމޭ)

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް