އެންމެ ކުޑަ ސްޓާރުގެ ގޮތުގައި ބޮލީވުޑްގައި އެންމެ މަޝްހޫރު، ތައިމޫރު އަލީ ޚާން ބަލަމުންދާ ނެނީގެ މުސާރައަކީ މަހަކު 1.5 ލައްކަ ރުޕީޒް ކަމުގައި ތައިމޫރުގެ މަންމަ، ބޮލީވުޑްގެ ސުޕަރ ސްޓާ އެކްޓަރު ކަރީނާ ކަޕޫރު މީޑިއާގައި ބުނެފިއެވެ.
މިދިޔަ އަހަރުގެ ޑިސެމްބަރު 2 ވަނަ ދުވަހު 2 އަހަރު ވެފައިވާ، ތައިމޫރުގެ ނެނީ އަކީ ހައި ޕްރޮފައިލް އެޖެންސީއަކުން ހޯދާފައިވާ ނެނީއެކެވެ. މި ނެނީ އާއެކު ތައިމޫރުގެ ގުޅުން ވަރަށް ރަގަޅު ކަމަށް ކަރީނާ ވަނީ ބުނެފައެވެ.
ކަރީނާ އިތުރަށް ބުނީ، އޭނައާއި އެކު ތައިމޫރު ގޮވައިގެން ބޭރަށްދާނަމަ މުސާރައިގެ އިތުރުން އެލަވަންސް އެއް ދޭ ކަމުގައެވެ. ތައިމޫރުގެ އަމިއްލަ ކާރެއް އޮންނައިރު، ތައިމޫރު ގޮވައިގެން ދާ ހުރިހާ ތަނަކަށް ނެނީ ދަނީ ތައިމޫރުގެ އަމިއްލަ ކާރުގައެވެ.
ވަރަށް ފަހުން ޝޯއެއްގެ ތެރެއިން، ނެނީގެ މުސާރައާއި ގުޅިގެން ކުރި ސުވާލަކަށް ޖަވާބުދެމުން ކަރީނާ ބުނީ، ކިތަންމެ ބޮޑު މުސާރައެއް ދިން ކަމުގައިވިޔަސް އެންމެ މުހިއްމުކަމަކަށް ވާން ޖެހޭނީ ދަރިފުޅުގެ ރައްކާތެރިކަމާއި އުފާކަމުގައެވެ. ތައިމޫރު ނެނީ ކައިރީގައި ބަހައްޓަނީ އޭނާއަށް އިތުބާރު ކުރާތީކަމަށްވެސް ކަރީނާ މި ޝޯގައި ބުންޏެވެ.
ނެނީއެއް ތައިމޫރު ބަލަމުންދާތީ ސޯޝަލް މީޑިއާގައި އަދި ބައެއް އިންޑިއާގެ މީޑިއާތަކުން ވަނީ ކަރީނާ އަށް ފާޑުކިޔާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް