ރައީސް ޔާމީންގެ އެކައުންޓަށް ޖަމާކޮށްފައިވާ އެއް މިލިޔަން ޑޮލަރު އޭސީސީ ބެލުމުގެ ދަށުގައި އެބަހުރި ކަމަށް މިއަދު ޕްރެސްގައި ދެންނެވިފައި އެވަނީ އޮޅުމަކުން ކަމުގައި ނިހާން ވިދާޅުވެއްޖެ އެވެ.
ދުވަހަށް މައުލޫމާތު ދެއްވަމުން ނިހާން ވިދާޅުވީ އެ ވާހަކަ ދައްކަމުން، ނިންމާލި ވަގުތު އޭސީސީގެ ބެލުމުގެ ދަށުގަ ހުރި ކަމަށް އެ ދެންނެވުނީ އެއީ އަސްލު ބުނަން ބޭނުންވި ގޮތް ނޫން ކަމަށެވެ.
"އަޅުގަނޑު ބުނަން އުޅުނީ، ރައީސް ޔާމީން އާ އޭސީސީން ސުވާލު ކުރެއްވި ހިސާބުން ރައީސް ޔާމީން އޭސީސީއަށް ދެންނެވިއޭ އެ ފައިސާ ހުރިގޮތަށް އެ ކައުންޓްގަ ހުންނާނެ ކަމަށް" ނިހާން ވިދާޅުވި އެވެ.
މިއަދު ހަވީރު ޕީޕީއެމުން ބޭއްވި ޕްރެސްގައި ނިހާން ވިދާޅުވީ އެމްއެމްޕީއާރުސީގެ ފައިސާ އެސްއޯއެފް އެކައުންޓަށް ލައްވައިގެން އެ އެކައުންޓުން ރައީސް ޔާމީންގެ އެކައުންޓަށް އެއް މިލިޔަން ޑޮލަރު ޖަމާކުރީ ކީއްވެ ކަން އެނގި ނުލައްވާނެ ކަމަށެވެ.
"އެ ފައިސާ އޭސީސީގެ ބެލުމުގެ ދަށުގަ ބަރާބަރަށް އެބަހުރި ބަހައްޓާފަ" މިއަދު ހަވީރު ޕްރެސްގައި ނިހާން ވިދާޅުވި އެވެ.
ނިހާން މިހެން ވިދާޅުވުމާއެކު އޭސީސީގެ މެމްބަރަކު މިކަން ދޮގު ކުރައްވާފައިވާއިރު ދުވަހަށް މައުލޫމާތު ދެއްވަމުން ނިހާން ވިދާޅުވީ އެ ވާހަކަ އަބަދު ދައްކަމުންދާތީ އެކަން ވީ ކިހިނެއްތޯ ބެލި ކަމަށެވެ.
އަދި އެކަން ބެލި އިރު އެ ފައިސާ ރައީސް ބޭނުން ނުކުރައްވާކަން އޭސީސީއަށް ރައީސް ދެންނެވިކަން އެނގިފައިވާކަމުގައިވެސް ނިހާން ވިދާޅުވި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް