ބްރޯޑްކޮމްއަށް އަމްޖަދު އައްޔަން ކުރަން ރުހުން ދީފި

ބްރޯޑްކާސްޓިން ކޮމިޝަނުގެ މެންބަރު ކަމަށް އަމްޖަދު ވަހީދު އައްޔަން ކުރަން ރައްޔިތުންގެ މަޖިލީހުން ރުހުން ދީފި އެވެ. އަމްޖަދަނީ ޗެނަލް 13 ގެ ނިއުސް ހެޑެވެ. މިއަދު ހަވީރު ބޭއްވި މަޖިލީހުގެ ޖަލްސާގައި އަ...

14 Mar 2018 | 14:07

ބްރޯޑްކާސްޓިން ކޮމިޝަނުގެ މެންބަރު ކަމަށް އަމްޖަދު ވަހީދު އައްޔަން ކުރަން ރައްޔިތުންގެ މަޖިލީހުން ރުހުން ދީފި އެވެ.

އަމްޖަދަނީ ޗެނަލް 13 ގެ ނިއުސް ހެޑެވެ.

މިއަދު ހަވީރު ބޭއްވި މަޖިލީހުގެ ޖަލްސާގައި އަމްޖަދުގެ ނަމަށް ވޯޓަށް އެހުމުން ނަން ފާސްވީ ހާޒިރުވެ ވަޑައިގެން ތިއްބެވި 36 މެންބަރުންގެ އިއްތިފާގުންނެވެ. އިދިކޮޅު މެންބަރުން މިއަދުގެ ޖަލްސާގައިވެސް ބައިވެރިއެއް ނުވެ އެވެ.

މިއަދު ހެނދުނު ބޭއްވި މަޖިލީހުގެ ޖަލްސާގައި ބްރޯޑްކޮމްއަށް އައްޔަން ކުރަން ރައީސް ފޮނުއްވެވި ފަސް ބޭފުޅުންގެ ނަން ވަނީ މިނިވަން މުއައްސަސާތަކާއި ބެހޭ ކޮމިޓީއަށް ފޮނުވާފައި އެވެ. އެ ކޮމިޓީން އަމްޖަދަށް ދީފައިވަނީ 76.6 މާކްސް އެވެ.

ބްޜޯޑްކޮމް އަށް އައްޔަން ކުރަން މަޖިލީހަށް ރައީސް ޔާމީން ފޮނުއްވި ނަންތަކުގެ ތެރެއިން އިސްކަން ދެއްވާފައިވަނީވެސް އަމްޖަދަށެވެ. އެ ލިސްޓުގައި މިހާރުގެ އެ ކޮމިޝަންގެ ނައިބު ރައީސް މުހައްމަދު އަސްލަމްގެ ނަން އިނީ ހަތަރު ވަނައިގަ އެވެ.

ބްރޯޑްކޮމްއަށް މެންބަރު އައްޔަން ކުރަން ހުށަހެޅީ އަސްލަމްގެ ދައުރު ހަމަވާތީ އެވެ.

ހަތް މެމްބަރުންގެ މައްޗަށް އެކުލެވޭ ބްރޯޑްކާސްޓިން ކޮމިޝަންގައި މިހާރު ތިއްބަވަނީ އަސްލަމްގެ އިތުރުން، އެ ކޮމިޝަންގެ ރައީސް މުހައްމަދު ޝަހީބު، މެމްބަރު ޒީނާ ޒާހިރު، ހަސަން ނަބާހު، އައިމިނަތު ސަރާހަތު، ފާތިމަތު ޒައިނާ އަދި އިސްމާއިލް ސޮފްވާނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް