"ޕައި" އިވެންޓްގެ ފުރަތަމަ ސެމިނަރ 17 މާރިޗު ގައި!

"ޕައި" އިވެންޓްގެ ފުރަތަމަ ރަސްމީ ސެމިނަރ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގައި ބޭއްވުމަށް ހަމަޖެހިއްޖެއެވެ. މި އިވެންޓު އޮންނާނީ މަރޗް މަހުގެ 17 ވަނަ ދުވަހު ރޭގަނޑު 8:00 އިން 10:00 އަށް، ދިވެހިރާއްޖޭ...

14 Mar 2018 | 09:39

"ޕައި" އިވެންޓްގެ ފުރަތަމަ ރަސްމީ ސެމިނަރ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގައި ބޭއްވުމަށް ހަމަޖެހިއްޖެއެވެ. މި އިވެންޓު އޮންނާނީ މަރޗް މަހުގެ 17 ވަނަ ދުވަހު ރޭގަނޑު 8:00 އިން 10:00 އަށް، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާރސިޓީގެ ސީ.އޭ އޮޑިޓޯރިއަމްގައެވެ.

ޕައި އިވެންޓަކީ ޒުވާނުންނާއި މުޖުތަމަޢުގައި އެމީހުންގެ ތަފާތު އަދި މޮޅު ހިޔާލުތަކާއި ވާހަކަތައް ހިއްސާކޮށްލާނެ ފުރުސަތެއްގެ އިންތިޒާރުގައި ތިބި މީހުންނަށް އޮތް ރަނގަޅު ޕްލެޓްފޯމެކެވެ.

މަހަލްދީބް ފައުންޑޭޝަނުން އިސްނަގައިގެން ހިންގާ "ޕައި" އިވެންޓު ހިންގުމުގައި އިސްކޮށް އުޅެނީވެސް ޒުވާން ކުދިންނެވެ. އެހެންކަމުން މިއީ ޒުވާނުން، ޒުވާނުންގެ މޮޅު ޒަމާނީ އަދި ތަފާތު ހިޔާލުތަކަށް ފުރުސަތު ހޯދައިދުމުގެ މަގްސަދުގައި ހިންގާ ސެމިނާ ސީރީޒެކެވެ.

21 ޑިސެމްބަރ 2017 ގައި ޕައިގެ "ޕައިލޮޓް" އިވެންޓެއް ވަނީ ކިލިޤް ކޮލެޖުގައި ބާއްވާފައެވެ. މީސްމީޑިއާގައި އެތައް ސަތޭކަ މީހުން ވަނީ މި ސެމިނާ ބަލާފައެވެ.

ޖެނުއަރީ މަހުގެ 23 ގައި ޕައި އިން ވަނީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ސްޓޫޑެންޓް ޔޫނިއަން އާއެކު އެގްރީމަންޓެއް ގައި ސޮއިކޮށްފައެވެ. މި އެގްރިމެންޓުގެ ސަބަބުން ޕައި ގެ  އޯޑިއެންސް އިތުރުވެ، ގިނަ ޢަދަދެއްގެ ބަޔަކަށް އެ ސެމިނަރ ބޭއްވިގެން ދާނެކަމަށް މަޢުލޫމާތު ލިބެއެވެ.

މަހަލްދީބްގެ ސެކްރެޓަރީ ޖެނެރަލް ޢަބްދުލް ޙާދީ ޙުސައިން ވިދާޅުވީ ގޮތުގައި  ގިނަ ޒުވާނުންނަށް މި މުހިންމު ޕްލެޓްފޯރމް ގެ ބޭނުން ކުރެވޭނެ ކަމަށެވެ. އަދި އިތުރަށް ވިދާޅުވީ، ޕައި އަކީ މުޖްތަމަޢަށް ބޭނުންހުރި ތަފާތު ޚިޔާލުތަކާއި ތަޖްރިބާތަކާއި ރައުޔު ތައް ޙިއްޞާ ކުރެވޭނެ ޢާންމުންނަށް ހުޅުވާލެވިފައިވާ ޕްލެޓްފޯރމެއް ކަމަށެވެ.

ޕައިގެ ފުރަތަމަ ރަސްމީ ސެމިނަރ މިމަހުގެ 17 ގައި ބޭއްވުމަށް ހަމަޖެހިފައިވާ އިރު މި ސެމިނަރގެ ތީމްއަކީ "ޤާނޫނާއި އަހަރެމެން" .

މި ތީމްއާއި ގުޅޭ ދެ މަޢުޟޫޢުއަށް 2 ބޭފުޅުން ވާހަކަ ދައްކަވާއިރު ، "ޚިޔާލުފާޅުކުރުމުގެ ހައްދާއި މިނިވަންކަމުގެ ދަށުން ތިބާގެ ޤައުމަށްޓަކައިވާ ތިބާގެ ޙިއްޞާ" މި މަޢުޟޫޢަށް ވާހަކަ ދައްކަވާނީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާރސިޓީގެ ދަރިވަރުންގެ ގުޅުމުގެ ރައީސްކަން 2 ފަހަރު ކުރައްވާފައިވާ އަލީ ރަޝީދް އަހުމަދެވެ.

މިހާރުވެސް ޤައުމީ ޔުނިވާރސިޓީގެ ކައުންސިލްގައި އުޅުއްވާ އަލީ ރަޝީދަކީ ރިނބިދޫ ކައުންސިލްގެ ނައިބް ރައީސްކަން ކުރައްވާފައިވާ  ޤާނޫނީ ދާއިރާއިން ތަޢުލީމް ހާސިލްކޮށްފައިވާ ޒުވާން ބޭފުޅެކެވެ.

އަދި ދިވެހި ބިމާއި، ބިމާ ބެހޭ ޤާނޫން އިތުރަށް ރަނގަޅު ކުރެވެނޭ ގޮތްތަކަކާ ގުޅޭގޮތުން ވާހަަކަދައްކަވާނީ ޤާނޫނީ ދާއިރާއިން މަތީތައުލީމު ހާސިލްކޮށްފައިވާ އަބްދުﷲ ނާހިދެވެ. އަބްދުﷲ ނާހިދަކީ ވެސް ރާއްޖޭގެ އެކި ހިސާބުތަކުގައި އެކި އެކި ވޯކްޝޮޕްތަކާއި ސެމިނާރތަކަށް ނަންގަވައިދެއްވަފައިވާ ލޯޔަރެކެވެ.

މިކޮންމެ  މަޢުޟޫއަކާ ބެހޭ މަޢުލޫމާތު ޙިއްޞާ ކުރެއްވުމަށްފަހު އޯޑިއަންސް އާ އެކީ މަޢުޟޫތައް މަޝްވަރާ ކުރެވޭނެ ކަމަށް މަހަލްދީބް ފައުންޑޭޝަންގެ ނޫސް ބަޔާނުގައި ހާމަކޮށްފައިވެއެވެ.

ޕައި ފަދަ ތަފާތު އިވެންޓުތަކަކީ ރާއްޖޭގައި މަދުންނޫނީ  ނުފެންނަ އިވެންޓުތަކެވެ. އަދި މިފަދަ މުޖުތަމަޢު އަށް ފައިދާކުރަނިވި އިވެންޓުތަށް ރާއްޖޭގައި ގިނަގިނައިން ބޭއްވޭނީ ދީލަތި ފަރާތްތަކުގެ އެހީތެރިމާއި އެކުގައިކަން ޕައި ޓީމުން ވަނީ ފާހަގަކޮށްފައެވެ. އަދި ޕައިގެ އިވެންޓުތަށްވެސް ސޮޕެންސާ ކުރުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް