ޖަލުގެ ތޭރިތަކުގެ ތެރެއިން ވޭނީ އިހްސާސް

ނީނާ (އަސްލު ނަމެއް ނޫން ) ގަޑިއަށް ބަލާލީއެވެ. ގަޑިން މެންދަމު ތިނެއް ޖެހީއެވެ. އެހެނަސް ނީނާ ލޮލަށް ނިންޖެއް ނާދެއެވެ. ނިދާނީ ވެސް ފަހެ ކިހިނެއް ހެއްޔެވެ. މިރެއަކީ ނީނާގެ ކައިވެންޏަށް ސޯޅަ އަހަރުފުރ...

14 Mar 2018 | 06:25

ނީނާ (އަސްލު ނަމެއް ނޫން ) ގަޑިއަށް ބަލާލީއެވެ. ގަޑިން މެންދަމު ތިނެއް ޖެހީއެވެ. އެހެނަސް ނީނާ ލޮލަށް ނިންޖެއް ނާދެއެވެ. ނިދާނީ ވެސް ފަހެ ކިހިނެއް ހެއްޔެވެ. މިރެއަކީ ނީނާގެ ކައިވެންޏަށް ސޯޅަ އަހަރުފުރޭ ރެއެވެ. އެހެނަސް މި އުފާވެރި މުނާސަބާ ފާހަގަކުރަން ފިރިމީހާ ކައިރިއަކު ނެތެވެ. އޮފީސް ދަތުރެއްގައި މާލޭން ބޭރަށް ދިޔައީ އެއް ނޫނެވެ. ރައްޓެހިންނާއި އެކު ބޭރަށް ދިޔައީކީވެސް ނޫނެވެ. ކުށެއް ސާބިތުވެގެން ޖަލަށްލީކީވެސް ނޫނެވެ. އެހެނަސް ސިޔާސީ ތުހުމަތުތަކެއްގައި ޖަލަށްލެވުނީއެވެ. އޭނާ އާ ދެކޮޅަށް ދައްކާނެ އެއްވެސް ހެއްކެތް އަދިއެއް ނެތެވެ. ފަހުންވެސް ނުހުންނާނެކަން ނީނާ އަށް އެނގެއެވެ.

ނީނާގެ ފިރިމީހާ އަކީ އާއިލީ މީހެކެވެ. ސިޔާސީ ކަންކަމުގައި ކިތައްމެ ބިޒީކޮށް އުޅުނަސް ހަފްތާ ބަންދު އޮންނަނީ އާއިލާއަށް ހުސްކޮށްފައެވެ. ވަކިން ޚާއްސަކޮށް ހުކުރު ދުވަހެވެ. ހުކުރު ދުވަހު ހަތަރު ކުދިންނާއި ނީނާ ގޮވައިގެން އޭނާ ކޮންމެވެސް ތާކަށް ދާނެއެވެ. ބައެއް ފަހަރު ކައިރި ރަށަކަށެވެ. ބައެއްފަހަރު ރިސޯޓަކަށެވެ. ދުވަހަކުވެސް ނީނާ އަށް ދޮގެއް ނަހަދައެވެ. ނީނާ ކުއްލިއަކަށް ސިއްސައިގެން ދިޔައީ އުމުރުން އެއްމެ އެއް އަހަރުގެ ދަރިފުޅު ރޯން ފެށިއަޑަށެވެ. ފަހަރެއްގައި އެ ދަރިފުޅަށްވެސް މަންމެގެ ހިތާމަ އެނގުނީކަމަށް ވެދާނެއެވެ. ނުވަތަ ބައްޕަ މިސްވީ ކަމަށް ވެދާނެއެވެ. ނީނާ އެދަރިފުޅު ނެގުމަށްފަހު ދަރިފުޅަށް ބޮސްދިނެވެ. އަދި އެ މައުސޫމު މޫނަށް ބަލާލިއެވެ. ހިތާހިތާ ސުވާލުކޮށްލެވުނެވެ. މި ދަރިފުޅު ބައްޕައެއްގެ ލޯބިން ތި މަހުރޫމް ކުރަނީ އެ ދަރިފުޅުގެ ނުވަތަ އޭނާގެ ބައްޕަގެ ކޮން ކުށެއް އޮވެގެން ހެއްޔެވެ. ނީނާ އަކީ ހިތްވަރުގަދަ މީހެކެވެ. އެހެނަސް މިރޭގެ ޚާއްސަކަމާއި ފިރިމީހާގާތުގައި ހުރިނަމަ ދައްކާނެ މަޖާ ވާހަކަތައް ހިތައް އައިސް އޭނާ އަށް މިރޭ ކެތްނުކުރެވުނެވެ. އެއްވެސް ހިފަހެއްޓުމެއް ނެތި ލޮލުން ކަރުނަ އަންނަށް ފެށިއެވެ. އެ ކޮޓަރީގައި ނިދާފައި ތިބި އެކި އުމުރުގެ ކުދިންނަށް ބަލާލިއެވެ. ކޮންމެ ކުއްޖަކު ވެސް ކޮންމެ ދުވަހަކުވެސް ނީނާ އާއި ކުރަނީ ހަމައެއް ސުވާލެކެވެ. "މަންމާއެވެ. ބައްޕަ އަންނާނީ ކޮންއިރަކުން ހެއްޔެވެ". އެ ސުވާލަށް ދޭނެ ޖަވާބެއް ނީނާ އަކަށް ނޭނގެއެވެ. އެހެނަސް ނީނާގެ އުއްމީދަކަށް އަދި ހިތްވަރަކަށް ބަދަލެއް ނުގެނެއެވެ. ނީނާ ފިރިމީހާ އަކީ ކުށްވެރިއެއް ނަމަ އޭނާ އަށް އެކަން ގަބޫލުކުރެވޭނެއެވެ. އެހެނަސް ކުށެއް ނެތް މައުސޫމް މީހެއް ކުށްވެރިއެއްގެ ގޮތުގައި ބަލާނީ ކިހިނެއް ހެއްޔެވެ. އެއީ މުޅި ދުނިޔެ ވެސް ދެކޭނެ ގޮތެއް ނޫނެވެ. ނޫނެކެވެ. ވެރިކަމާއި ހެދި މޮޔަވެފަ ތިބޭ ބައެއް މީހުން ދެކިދާނެ ގޮތެކެވެ.

ދޫނިދޫ ޖަލުގައި އިން އާލިމްގެ ހާލު އަދި މިއަށް ވުރެ ވެސް ގޯހެވެ. އޭނާ އަށް ނުނިދިގެން އެ އުޅެނީ ގޮޅި ހޫނު ވެގެނެއް ނޫނެވެ. ގޮޅި ކިތައްމެ ހޫނަސް ކިތައްމެ ކުޑަޔަސް ކިތައްމެ އަދިރިޔަސް އޭނާއަށް ފަރުވާލެއް ނެތެވެ. އެހެނަސް އޭނާގެ ހުރިހާ ވެސް ޝަކުވާ އަކީ ލޯބިވާ އަނބިމީހާ އާއި ދަރިންނާ އޭނާ ދުރުކުރުވި ޝަކުވާއެވެ. މިރެއަކީ ނީނާ އާއި އާލިމްގެ އެނަވަރސަރީކަން އޭނާ އަށް އެނގެއެވެ. އާލިމްގެ ހިތާމައަކީ އޭނާ ނެތުމުން ނީނާ ވާނެ ދެރަ ހިތައް އަރާފަވާ ދެރައެވެ. އެ ދަރިން އޭނާ މިސްވާނެ ވަރު ހިތައް އަރާފަވާދެރައެވެ. އަދިރިގޮޅީގެ މައްޗަށް އާލިމް ބަލާލިއެވެ. އަދިރިކަން ނޫން އެއްވެސް އެއްޗެއް އޭނާއަކަށް ނުފެނެއެވެ. ކޮންފަދަ ހިތާމަވެރި ނިކަމެތި ކަމެއް ހެއްޔެވެ. މި އެކަނިވެރިކަމާއި ހިތާމައިގައި އޭނާއަށް ހިތްވަރު ލިބެނީ ނަމާދުކޮށްލުމުންނެވެ. އާލިމް އަށް ވަރަށް ރަނގަޅަށް އެނގެއެވެ. ދަންވަރުގެ މި ވަގުތުގައި ﷲ ސުބުހާނަހޫ ފުރަތަމަ އުޑަށް ތަޖައްލީވެވޮޑިގެންނަވާނެ ކަމާއި ދުޢާ އިޖާބަ ކުރައްވާނެކަން އާލިމް އަށް އެނގެއެވެ. ޖަލުގެ އެކިއެކި ގޮޅިތަކުގެ ތޭރިތަކުގެ ތެރެއިން ކުށެއް ނެތް އެތައް މައުސޫމު މީހުން ދުއާކުރާނެކަން ވެސް އާލިމް އަށް އެނގެއެވެ. އެހެނަސް އާލިމްގެ އުއްމީދު ދޫކޮށްނުލައެވެ. އަނިޔާވެރިކަމަށް އަބަދުވެސް ނިމުމެއް އާދެއެވެ. ނަމްރޫދާއި ގާރޫނާއި ފިރުއައުނާއި ހާމާނުވެސް ނިމިގެން ދިޔައީއެވެ. އާރާއިބާރާއި ވަސީލަތުގެ ގޮތުން މާ ތަނަވަސް ބަޔެކެވެ. ނީނާގެ ހިތްވަރަށް ވެސް ބަދަލެއް ނާންނާނެއެވެ. ނީނާ އާއި ދަރިންނާއި މުސްކުޅި މައިންބަފައިންނަށް މި ލިބޭ ހައްގު ނޫން އަނިޔާ އަށް ނިމުމެއް އަންނާނެކަން ނީނާ ގަބޫލުކުރެއެވެ.

އާލިމަށް އަނިޔާވެރި މީހުންނަށް އޭނާގެ ހޮތުގައި އޮތީ ނުރުހުންތެރިކަމެވެ. ﷲގެ ހަޒުރަތުގައި ގިޔާމަތްދުވަހުން އެ ޝަކުވާ އޭނާ ކުރާނެއެވެ. އެހެނަސް މި ދުނިޔެ މަތީގައި ވަކިން ޚާއްސަކޮށް މި ޖަލުގައި އެ މީހުން ބަންދުކުރެވޭކަން އާލިމް ބޭނުމެއް ނުވެއެވެ. އެއީ ކީއްވެގެންތޯއެވެ. އެއީ އެ މީހުންދެކެ އޭނާގެ ހިތުގައި ނުތަނަވަސްކަން ހުއްޓަސް، އެ މީހުންގެ މައުސޫމު އަނބި ދަރިން ކުރާނެ ހިތާމަ އާލިމަށް ވިސްނޭތީއެވެ.

އޭ އަނިޔާވެރި އިންސާނާ އެވެ. ތިބާ ބޮޑާވެގެންނަނީ ކޮންފަދައަކުން ހެއްޔެވެ. އާރާއި ބާރާއި މުދަލާއި ނުފޫޒަކީ ﷲ ދެއްވާ އެއްޗެކެވެ. އެކަމާ ބޮޑާ ނުވާނެށެވެ. ﷲ އަށް ބިރުވެތިވާށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް